ޔާމީންގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން އިދިކޮޅުގެ އިސް ވެރިން އިއްޔެ ދަރުބާރުގެއަށް ވަޑައިގަންނަވަނީ. (ދައުރު ފޮޓޯ/ހުސައިން ސުނޭން)
ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތް މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފި
އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ޓިކެޓު ދީފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން އިއްޔެ ނިންމި ނިންމުން، ސުޕްރީމް ކޯޓު މިއަދު ހެނދުނު ހުޅުވުމާ އެކު ޔާމީންގެ ވަކީލުންގެ ޓީމުން އެ ކޯޓަށް ހުށަހަޅައިފި އެވެ.
ވީ ކިހިނެއް؟ - އެމްއެމްޕީއާރުސީގެ ވައްކަމުގެ މައްސަލައިގައި 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ޔާމީންގެ ކެންޑިޑެސީ ފޯމު ޕީޕިއެމްއިން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ އިއްޔެ ހެނދުނުގެ ވަގުތެއްގަ އެވެ. ޔާމީންގެ ކެންޑިޑެސީއާ މެދު މަޝްވަރާކުރުމަށް ފަހު އީސީން ވަނީ އެ މަނިކުފާނުގެ ޖަލު ހުކުމާ ގުޅިގެން ޝަތުރު ފުރިހަމަ ނުވާ ކަމަށް ބުނެ، އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް އިއްޔެ ހަވީރު ނިންމާފަ އެވެ.
ތަފްސީލް - އީސީގެ ނިންމުމާ މެދު ހިތްހަމަނުޖެހި، އެ ނިންމުން ސުޕްރީމް ކޯޓަށް ހުށަހަޅާނެ ކަމަށް އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން އިއްޔެ ބުނެފައިވާއިރު، ޔާމީންގެ އިސް ވަކީލު އަދި ރަނިން މޭޓަކަށް ކަނޑައަޅުއްވާފައިވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވަނީ އެ މައްސަލަ މިއަދު ހެނދުނު ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ކަމަށް ދެންމެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފަ އެވެ.
"މިއަދު މި ކުރަނީ ސަރުކާރުގެ ނުފޫޒުން ނިގުޅައިގަތް ހައްގުތައް ކަށަވަރު ކުރުމުގެ މަސައްކަތް. މާތްﷲ އިރާދަކުރެއްވިއްޔާ، ހައްގަށް ނަސްރު ލިބިގެންދާނެ،" ޖަމީލް ވިދާޅުވި އެވެ.
ސްޕްރީމް ކޯޓަށް ދާދި ދެންމެއަކު ރައީސް ޔާމީނުގެ ކެންޑިޑޭސީގެ މައްސަލަ ހުށަހަޅައިފިން. މިއަދު މިކުރަނީ ސަރުކާރުގެ ނުފޫޒުން ނިގުޅައިގަތް ޙައްގުތައް ކަށަވަރު ކުރުމުގެ މަސައްކަތް. IA ޙައްގަތް ނަޞްރު ލިބިގެންދާނެ.
— Mohamed Jameel Ahmed (@MJameelAhmed) August 2, 2023
އެނގުން މުހިއްމު - ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތުމަށް އީސީން ނިންމި ނިންމުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން:
-
އެ މައްސަލައިގައި ގިނަ ވެގެން ހަތް ދުވަހުގެ ތެރޭގައި އެ ކޯޓުން ގޮތެއް ނިންމަން ޖެހޭނެ
-
އިންތިހާބާ ގުޅޭ ޝަކުވާއެއް ހުށަހެޅިދާނެ ކަމަށް ބަލައި އަންނަ ހުކުރު އަދި ހޮނިހިރުގައި ވެސް ސުޕްރީމް ކޯޓުން ހިދުމަތް ދޭ ގޮތަށް އެ ކޯޓުން އޮތީ ނިންމާފައި