ޔާމީންގެ ކެންޑިޑެސީ ފޯމު ހުށަހަޅަން ޕީޕީއެމްގެ އިސް ބޭފުޅުން މިއަދު ދަރުބާރުގެއަށް ހިންގަވާފައި ވަޑައިގަންނަވަނީ. (ދައުރު ފޮޓޯ/ހުސައިން ސުނޭން)
ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތް ނިންމުން ސުޕްރީމް ކޯޓަށް ހުށަހަޅަނީ
އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ޓިކެޓު ދީފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ނިންމި ނިންމުން ސުޕްރީމް ކޯޓަށް ހުށަހެޅުމުގެ މަސައްކަތް އެ މަނިކުފާނުގެ ވަކީލުން ފައްޓަވައިފި އެވެ.
ވީ ކިހިނެއް؟ - އެމްއެމްޕީއާރުސީގެ ވައްކަމުގެ މައްސަލައިގައި 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ޔާމީންގެ ކެންޑިޑެސީ ފޯމު ޕީޕިއެމްއިން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ. ޔާމީންގެ ކެންޑިޑެސީއާ މެދު މަޝްވަރާކުރުމަށް ފަހު އީސީން ވަނީ އެ މަނިކުފާނުގެ ޝަތުރު ފުރިހަމަ ނުވާ ކަމަށް ބުނެ، އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް ނިންމާފަ އެވެ.
ބުނީ ކީކޭ؟ - އީސީގެ ނިންމުމާ މެދު ހިތްހަމަނުޖެހި، އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އީސީގެ ނިންމުން އެ ކޯލިޝަނުން ބަލައި ނުގަންނަ ކަމަށެވެ. އެހެންވެ، އެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމަށްޓަކައި ވާން ޖެހޭ ތައްޔާރީތައް ފަށާފައިވާ ކަމަށް އެ ކޯލިޝަނުން ބުންޏެވެ.
"އިލެކްޝަންސް ކޮމިޝަންގެ ނިންމުން ގާނޫނު ނަންބަރު 2008/11 (އިންތިހާބުތަކާ ބެހޭ އާއްމު ގާނޫނު)ގެ 21 ވަނަ މާއްދާގެ (ބ)ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ސުޕްރީމް ކޯޓަށް ހުށަހެޅުމަށްޓަކައި ކުރަން ޖެހޭ އެންމެހާ މަސައްކަތްތައް ރައީސް އަބްދުﷲ ޔާމީން އަބްދުލްއްޔޫމްގެ ވަކީލުންގެ ޓީމުން ކުރިއަށް ގެންދަވާ ވާހަކަ ދެންނެވީމެވެ،" ޕީޕީއެމުން ބުންޏެވެ.
އިދިކޮޅުން ގަބޫލުކުރާ ގޮތުގައި އީސީގެ ނިންމުން ބާތިލުކޮށް، ޔާމީންގެ ކެންޑިޑެސީގެ ސައްހަކަން ކަށަވަރުވެގެން ދާނީ ކޯޓުންނެވެ.
ގުޅުން ހުރި ކަމެއް - އެކަމާ މެދު ހިތްހަމަޖެހިވަޑައިނުގެން، ޔާމީންގެ ރަނިން މޭޓަކަށް ހަމަޖެއްސި، އެ މަނިކުފާނުގެ އިސް ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އީސީން ޔާމީންގެ ޝަރުތު ހަމަ ނުވާ ކަމަށް ނިންމީ ގާނޫނީ ގޮތުން ގޯސްކޮށް އަދި "ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ޅ) ނުބައިކޮށް" މާނަކޮށްގެން ކަމަށެވެ.
"ހީކުރި ގޮތަށް އީސީ ވަނީ ސަރުކާރުގެ ނުފޫޒުގެ ދަށުގައި ތާށިވެފައި. ގާނޫނުގައިވާ ގޮތުގެ މަތިން މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމަށް ތައްޔާރު ވަނީ،" ޖަމީލް ވިދާޅުވި އެވެ.
ރައީސް ޔާމީންގެ ކެންޑިޑޭސީ ބަލައިނުގަންނަން އިލެކްޝަން ކޮމިޝަނުން ނިންމާފައިވަނީ ގާނޫނީގޮތުން ގޯސްކޮށް އަދި ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ (ޅ) ނުބައިކޮށް ތަތުބީގުކޮށްގެން. ހީކުރި ގޮތަށް އީސީ ގެތެރޭގައި ސަރުކާރުގެ ނުފޫޒް އޮތް މިންވަރަށް ބަލާއިރު މިއީ ޙައިރާންވާ ވަރުގެ ކަމެއް…
— Mohamed Jameel Ahmed (@MJameelAhmed) August 1, 2023
އެނގުން މުހިއްމު - ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތުމަށް އީސީން ނިންމުމުން:
-
ސުޕްރީމް ކޯޓަށް އެ މައްސަލަ ހުށަހެޅުމަށް އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ފަސް ދުވަހުގެ މުއްދަތެއް ލިބޭނެ
-
އެ މައްސަލައިގައި ގިނަ ވެގެން ހަތް ދުވަހުގެ ތެރޭގައި އެ ކޯޓުން ގޮތެއް ނިންމަން ޖެހޭނެ
-
އިންތިހާބާ ގުޅޭ ޝަކުވާއެއް ހުށަހެޅިދާނެ ކަމަށް ބަލައި އަންނަ ހުކުރު އަދި ހޮނިހިރުގައި ވެސް ސުޕްރީމް ކޯޓުން ހިދުމަތް ދޭ ގޮތަށް އެ ކޯޓުން އޮތީ ނިންމާފައި