އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް ހަބީބް (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ޔާމީނަށް އިންތިހާބުގައި ވާދަކުރެވޭނެތޯ މިއަދު ހަވީރު 6ގެ ކުރިން ނިންމާނެ

ހައި ކޯޓުގައި ކުރިއަށްދާ އިސްތިއުނާފް މައްސަލަ ތާށިވެ، އެހެން ކެންޑިޑޭޓެއް ދައްކަން ޔާމީނަށް މަޖުބޫރުވުމުގެ ފުރުސަތު ވަރަށް ބޮޑު
1 އޯގަސްޓު 2023

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް، ޕީޕީއެމްގެ ކެންޑިޑޭޓް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ހުށަހެޅި ކެންޑިޑެސީ ފޯމަށް މިއަދު ހަވީރު 6ގެ ކުރިން ޖަވާބެއް ދޭނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންދާ ޔާމީން ކެންޑިޑަސީ ފޯމުގައި ސޮއިކުރެއްވުމުން ޕީޕީއެމްގެ ލީޑާޝިޕުގެ ބައެއް ބޭފުޅުންނާއި އެ މަނިކުފާނުގެ ސަޕޯޓަރުން ވަނީ ދަރުބާރުގޭގައި ގާއިމްކޮށްފައިވާ އިންތިހާބާ ބެހޭ މައި މަރުކަޒަށް އެއްވެ، ކެންޑިޑަސީ ފޯމު ދާދި ދެންމެ އަކު ހަވާލުކޮށްފަ އެވެ.

  • އީސީއާ ފޯމު ހަވާލުކުރެއްވީ ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލް އަދި ޔާމީންގެ އިންތިހާބީ އެޖެންޓު މުހައްމަދު ތޮލާލް

  • އީސީގެ ފަރާތުން ފޯމާ ހަވާލުވެވަޑައިގެންނެވީ އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް

ތަފްސީލް - ފޯމު ހުށަހެޅުމަށް ފަހު އެ ތަނަށް އެއްވެފައި ތިބި އިދިކޮޅުގެ ސަޕޯޓަރުންނާ މުހާތަބުކުރައްވާ ވާހަކަދައްކަވަމުން އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ ކެންޑިޑެސީ ފޯމާ މެދު ގޮތެއް ނިންމުމަށް އެ ކޮމިޝަނަށް ގާނޫނުން 48 ގަޑިއިރު ލިބުނު ނަމަވެސް، ފޯމު ހުށަހަޅާތާ 24 ގަޑިއިރު ތެރޭގައި އެކަމާ މެދު ގޮތެއް ނިންމަވާނެ ކަމަށެވެ.

ޔާމީނަކީ 9 ސެޕްޓެމްބަރުގައި ބާއްވާ އިންތިހާބުގައި ވާދަކުރުމަށް ފޯމު ހުށަހެޅުއްވި ފުރަތަމަ ކެންޑިޑޭޓަށް ވާއިރު، ހަބީބް ވިދާޅުވީ މިއަދު ހަވީރު 6ގެ ކުރިން އެ މަނިކުފާނުގެ ފޯމާ ގުޅޭ ގޮތުން ޖަވާބެއް ދެއްވާނެ ކަމަށެވެ.

އެނގުން މުހިއްމު - ޔާމީންގެ ކެންޑިޑެސީ ބަލައިނުގަންނަން އީސީން ނިންމައިފި ނަމަ:

  •  ސުޕްރީމް ކޯޓަށް އެ މައްސަލަ ހުށަހެޅޭނެ

  • އެ މައްސަލާގައި ހަތް ދުވަހުގެ ތެރޭގައި އެ ކޯޓުން ގޮތެއް ނިންމަން ޖެހޭނެ

  • އިންތިހާބާ ގުޅޭ ޝަކުވާއެއް ހަށަހެޅިދާނެ ކަމަށް ބަލައި އަންނަ ހުކުރު އަދި ހޮނިހިރުގައި ވެސް ސުޕްރީމް ކޯޓުން ހިދުމަތް ދޭ ގޮތަށް އެ ކޯޓުން މިހާރު އޮތީ ނިންމާފައި

ފަސް މަންޒަރު - ޔާމީންގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ހުކުމަކީ ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓެއްގެ ކިބައިގައި ހުންނަން ވާނެ ކަމަށް ގާނޫނުއަސާސީގައި ބަޔާންކުރާ ޝަރުތެއް އުނިވުމެވެ. ގާނޫނުއަސާސީ ބުނާ ގޮތުން، 12 މަހަށް ވުރެ ދިގު މުއްދަތުގެ ޖިނާއީ ހުކުމެއް އިއްވާފައިވާ މީހަކަށް ރިޔާސީ އިންތިހާބުގައި ބައިވެރިވެވޭނީ އެ ހުކުމެއް ތަންފީޒްކޮށް ނިމުނުތާ ތިން އަހަރު ވުން ނުވަތަ މައާފު ލިބުނުތާ ތިން އަހަރު ހަމަވެއްޖެ ނަމަ އެވެ.

ޕީޕީއެމް ކޯލިޝަންގެ ރިޔާސީ ޓިކެޓް ލިބިވަޑައިގެންފައިވާ ޔާމީނަށް، އެ ހުރަހުން ނެއްޓެން އޮތް އެންމެ ފަސޭހަ ގޮތަކީ ކްރިމިނަލް ކޯޓުގެ އެ ހުކުމް ހައި ކޯޓުން ބާތިލްކުރުމެވެ. ނަމަވެސް، ހައި ކޯޓުގައި ކުރިއަށްދާ އިސްތިއުނާފް މައްސަލަ ތާށިވެ، އެހެން ކެންޑިޑޭޓެއް ދައްކަން ޔާމީނަށް މަޖުބޫރުވުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް