އިދިކޮޅު ޕީޕީއެމް-ޕީއެންސީން 'އިންޑިއާ އައުޓް' ދިދަތަކާ އެކު ބޭއްވި މުޒާހަރާއެއްގެ ތެރެއިން (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ރާއްޖެ-އިންޑިއާ

އިންޑިއާ ސިފައިންގެ އަދަދު ހާމަކުރުމަކީ ނުރައްކަލެއް ކަމަށް ސާބިތުކޮށްދޭން ޖެހޭނީ ދައުލަތުން: ޝަހީދު

އެ އަދަދު ހާމަކުރުމަކީ ގައުމީ ސަލާމަތަށް ނުރައްކާވާނެ ކަމެއް ކަމަށް ބުނެ، ސަރުކާރުން ދަނީ އެ އަދަދު ހާމަކުރުމަށް ދެކޮޅު ހަދަމުން

ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހާމަކުރުމަކީ ގައުމީ ސަލާމަތަށް ނުރައްކާވާ ކަމެއް ކަމަށް ސާބިތު ކޮށްދޭން ޖެހޭނީ ދައުލަތުން ކަމަށާއި އެ މައުލޫމާތު ހޯދަން އެދޭ މީހާ ނޫން ކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަދި އދ.ގެ ސްޕެޝަލް ރެޕަޓުއާކަން ވެސް ކުރިން ކުރެއްވި ޑރ. އަހްމަދު ޝަހީދު އިއްޔެ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މައުލޫމާތު ހޯދުމުގައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އެ އަދަދު ހޯދުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް)އަށް ހުހެޅީ ދިޔަރެސް ނޫހުގެ ނޫސްވެރިޔާ އަހްމަދު އަޒާން އެވެ. އެގޮތުން:

  • އެއީ ރާއްޖޭގެ ގައުމީ ސަލާމަތަށް ބުރޫ އަރާނެ މައުލޫމާތެއް ކަމަށް ބުނެ އެއީ، އިސްތިސްނާއީ ހާލަތެއްކަން ފާހަގަކޮށް، ޑިފެންސް މިނިސްޓްރީން އެ މައުލޫމާތު ހާމަކުރުމަށް ދެކޮޅު ހަދާފައިވޭ

  • މިނިސްޓްރީން އެގޮތަށް ފާހަގަކޮށްފައިވާތީވެ، އޭރު އިންފޮމޭޝަން ކޮމިޝަނަރަކަށް ހުންނެވި ހުސައިން ފިޔާޒު މޫސާ ނިންމެވީ، އެ މައުލޫމާތު ހާމަނުކުރަން

  • އައިކޮމްގެ އެ ނިންމުން މިހާރު އޮތީ، ހައި ކޯޓުގެ އިސްތިއުނާފު މަރުހަލާގައި

ތަފްސީލު - މި މައްސަލައިގައި އިއްޔެ ބޭއްވި އަޑުއެހުމުގައި އަޒާން ބުނީ، މިފަދަ ކަންކަމުގައި ދުނިޔޭގެ އެހެން ގައުމުތަކުގައި އަމަލު ކުރަނީ ކޮން ގޮތަކަށްތޯ، އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ފަނޑިޔާރުންގެ ބެންޗުން އޭނާއާ ސުވާލުކޮށްފައިވާ ކަމަށެވެ. އެހެންވެ، އިނގިރޭސިވިލާތުގައި ތިބި އެމެރިކާ ސިފައިންގެ އަދަދު ހޯދަން އޭނާ އިނގިރޭސި ދިފާއީ ވުޒާރާގައި އެދުމުން އެ ތަނުން އެ މައުލޫމާތު ދީފައިވާ ކަމަށް އޭނާ ބުންޏެވެ.

އަޒާންގެ އެ ވާހަކަަތަކާ ގުޅިގެން ޝަހީދު އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވި ގޮތުގައި، އެއީ ކޯޓުން އަޒާންއާ ކުރަން ޖެހޭ ސުވާލެއް ނޫނެވެ. އަދި އެ އަދަދު ހާމަކުރުމަކީ، ގައުމީ ސަލާމަތަށް ނުރައްކާވާ ކަމެއްކަން ސާބިތުކޮށްދޭން ޖެހޭނީ ދައުލަތުން ކަމަށް އޭނާ ވިދާޅުވި އެވެ.

"މައުލޫމާތު ހޯދުމަކީ އާންމުންނަށް އޮތް ހައްގެއް. އަދި އެ މައުލޫމާތު ހޯދުމަށް އެދުމަކީ [އާންމު މީހާ] ޖަސްޓިފައިކޮށްދޭން ޖެހޭ ކަމެއް ނޫން،" ޝަހީދު ވިދާޅުވި އެވެ.

ޑރ. ޝަހީދުގެ ޓްވީޓް

އިއްޔެގެ އަޑުއެހުމަށް އަޒާން ތައްުޔާރުވެގެން ދިޔައީ، އިނގިރޭސިވިލާތުގައި ތިބި އެމެރިކާ ސިފައިންގެ އަދަދު ހޯދައިގެންނެވެ. އަޒާން ބުނީ، އޭނާ އެ މައުލޫމާތު ހޯދީ، އިނގިރޭސިވިލާތުގެ ޑިފެންސް މިނިސްޓްރީއަށް، އެ ގައުމުގެ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އޭނާ އަމިއްލައަށް ހުށަހަޅައިގެން ކަމަށެވެ. އެގޮތުން އަޒާން ބުނީ:

  • އޭނާ އަކީ އިނގިރޭސިވިލާތުގެ ރައްޔިތެއް ވެސް ނޫން ކަމަށާއި ނަމަވެސް ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން އޭނާ ހޯދަން އެދުނު މައުލޫމާތު އެ ގައުމުގެ ސަރުކާރުން ވެސް ހާމަކޮށްފައިވާ ކަމަށް

  • އެ މައުލޫމާތުތަކުން އެނގޭ ގޮތުގައި، އިނގިރޭސިވިލާތުގައި 11،600 އެމެރިކާ ސިފައިން ގާއިމްވެ ތިބި ކަމަށް

  • އިނގިރޭސިވިލާތާއި އެމެރިކާއަކީ އަސްކަރީ ވަރުގަދަ ބާރެއް އަދި ދުނިޔޭގެ ޖިއޯޕޮލިޓްކްސްއަށް އަސަރު ކުރާ ފަދަ ބާރުގަދަ ދެ ގައުމު؛ މި ކަމުން ދުނިޔޭގެ އެހެން ގައުމުތަކުގައި މިކަން އޮންނަ ގޮތް ސާފުވޭ

"ދިވެއްސެއްގެ ހައިސިއްޔަތުން އަޅުގަނޑަށް އެބަ ލިބޭ، އިނގިރޭސިވިލާތުގައި ގާއިމްވެ ތިބި އެމެރިކާ ސިފައިން އަދަދު ހޯދުމުގެ މިނިވަންކަން. ރާއްޖެ އަކީ ދުނިޔޭގެ ނިސްބަތަށް ބަލާއިރު، ކުޑަކުޑަ ގައުމެއް. ރާއްޖޭގެ އެތެރޭގެ ހިނގާ ކަންތައްތަކުން މުޅި ދުނިޔޭގެ މަސްލަހަތާ ގުޅިފައެއް ވެސް ނޫން އޮންނަނީ،" އާޒާން ބުންޏެވެ.

"އެއީ ސިފައިން ނޫން ކަމަށް، ހިއުމެނިޓޭރިއަން މަސައްކަތުގައި ތިބޭ ބައެއް ކަމަށް ދިވެހި ދައުލަތުން ބުނާ ބައެއްގެ އަދަދު އެނގުމަކީ، އަޅުގަނޑަށް ހީވަނީ، ގައުމީ މަސްލަހަތަށް ފުށުއަރާ ކަމަށް ދައުލަތުން ދައްކާ ވާހަކައަކީ ހަމަޖެހޭ ކަމެއް ނޫން."

ފާހަގަކޮށްލެވޭ ކަމެއް - ހައި ކޯޓުގެ އިސްތިއުނާފް މައްސަލައިގައި ހުށަހެޅި އިސްތިއުނާފު ނުކުތާތަކުގައި ބުނެފައިވަނީ، އިންޑިއާ ސިފައިންގެ އަދަދު ހާމަނުކުރަން ނިންމީ ދެ ގައުމުން ހަދާފައިވާ އެއްބަސްވުމުގެ ދަށުން އެއީ ސިއްރު މައުލުމާތަކަށްވާތީ ކަމަށެވެ. އަދި އެ އެއްބަސްވުމާ ހިލާފަށް އެ މައުލޫމާތު ހާމަކޮށްފި ނަމަ، ރާއްޖޭގެ ސިޔާދަތަށް އޭގެ ގެއްލުން ކުރިމަތިވުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް ދައުލަތުން ބުނެފައިވެ އެވެ. އެގޮތުން:

  • ރާެއްޖެ އަކީ ކުޑަ އަދި އަސާސީ ކަންކަމަށް އެހެން ގައުމުތަކަށް ބަރޯސާވެފައިވާ ގައުމެއްކަން ފާހަގަކޮށް، އިންޑިއާ ފަދަ އަވައްޓެރި ގައުމަކާ އޮތް ގުޅުމަށް ބުރޫ އަރައި ފިނަމަ، ރާއްޖެއަށް އޭގެ ގެއްލުން ލިބުމުގެ ފުރުސަތު އެބަ އޮތް

  • އެ ގައުމުން ރާއްޖެއަށް ދޭ އެހީތައް ހުއްޓި، ކާޑުގެ ބާވަތްތައް ލިބުމުގައި ދަތިތައް ކުރިމަތިވުމުގެ ފުރުސަތު ވެސް އޮންނާނެ

ފަސް މަންޒަރު - ނޮވެމްބަރު 2021ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގައި ޑިފެންސް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، ރާއްޖޭގައި ގެންގުޅޭ އިންޑިއާގެ ވައިގެ އުޅަނދުތަކުގެ އޮޕަރޭޝަންގައި އެ ގައުމުގެ 75 ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް