ފުޅަނދުބުރު ބަލާލުމަށް ގިނަ އަދަދެއްގެ މީހުން އެއްވެފައި. ރޯގާ އެހާ ބާރަށް ފެތުރުމުގެ އަސްލަކީ މީހުން މިގޮތަށް އެއްވުން ކަމަށް އެޗްޕީއޭއިން ބުނޭ (ދައުރު ފޮޓޯ/ހުސައިން ސުނޭން)

ސިއްހަތު

މިހާރު ފެތުރޭ ރޯގާ ހަމައެކަނި ސެނަޓައިޒާއަކުން ނުދާނެ: ޑޮކްޓަރުން

ކޮވިޑާ ދެކޮޅަށް ސެނެޓައިޒާ ބޭނުން ކުރި ނަމަވެސް، މި ރޯގާއިން ރައްކާތެރިވުމަށް އެންމެ ރަނގަޅީ ސައިބޯނި ލައިގެން އަތްދޮވުން

އިއްޔެ ރެއިން ފެށިގެން މާލޭގައި، ހޮޑުލައި ބޭރަށް ހިންގާ މީހުން އިތުރުވެފައިވާއިރު، އެ ރޯގާ ޖައްސާ 'ނޯރޯވައިރަސް'، ހަމައެކަނި ސެނެޓައިޒާ ބޭނުންކޮށްގެން ނުފިލާނެ ކަމަށް ޑޮކްޓަރުން އިރުޝާދު ދީފި އެވެ.

ވީ ކިހިނެއް؟ - މީގެ ހަފުތާއެއް ކުރިން ފެށިގެން މާލޭގައި ދަނީ ހޮޑުލައި ބޭރަށް ހިންގުމުގެ ރޯގާއެއް ފެތުރެމުންނެވެ. އެކަމަކު މިނިވަން ދުވަސް ފާހަގަކުރުމަށް އިއްޔެ ރޭ ބޭއްވި ފުޅަނދުބުރުގެ ހަރަކާތްތަކަށް ފަހު، ބަލިވާ މީހުންގެ އަދަދު ވަނީ އިންތިހާއަށް އިތުރުވެފަ އެވެ. އޭގެ ތެރޭގައި ކުޑަކުދިންގެ އަދަދު ގިނަ އެވެ.

ކުއްލިއަކަށް ބަލިވާ މީހުންގެ އަދަދު އިތުރުވުމާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ، ބަލި ފެތުރުމުގެ އަސްލަކީ 'ނޯރޯވައިރަސް'އެއް  ކަމަށް ބުނެފަ އެވެ.

ހޮޑުލުމާއި ބޭރަށް ހިންގުމުގެ އަސްލު ކަމަށްވާ 'ނޮރޯވައިރަސް'އާ ގުޅޭ ގޮތުން، އައިޖީއެމްއެޗުގެ ޑޮކްޓަރު މުހައްމަދު އަލީ ވިދާޅުވީ މިއީ އާއްމު ވައިރަސް ނައްތާލާ، ސެނެޓައިޒާއިން ފިލާނެ ވައިރަސްއެއް ނޫން ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި:

  • އަލްކަހޯލް ނުވަތަ އަތް ސާފުކުރާ ސެނެޓައިޒާއަކުން މި ވައިރަސްއެއް ނުދާނެ

  • އާއްމުކޮށް ތަންތަން ސާފުކުރަން ގެންގުޅޭ 'ޑެޓަޖެންޓް' ފަދަ ބާވަތްތަކުން ވެސް ވައިރަސްއެއް ނުފިލާނެ

ޑޮކްޓަރުން ވިދާޅުވި ގޮތުގައި މި ވައިރަސް ނައްތާލަން އެންމެ ފަސޭހަ ގޮތަކީ ސައިބޯނި ލައިގެން އަތްދޮވުމެވެ. އެހެންވެ، ރޯގާ ޖެހިފައިވާ މީހުން ނުވަތަ ބަލިން ރައްކާތެރިވުމަށް، ސެނެޓައިޒާ ބޭނުން ކުރުމުގެ ބަދަލުގައި ސައިބޯނި ލައިގެން ރަނގަޅަށް އަތް ދޮވުމަށް ޑޮކްޓަރުން އިރުޝާދު ދެ އެވެ.

އެނގުން މުހިއްމު - މި ފަހުން ދުނިޔޭގައި ފެތުރުނު އެންމެ ބޮޑު ވަބާ ކޮވިޑް-19 އިން ރައްކާތެރިވުމަށް ސިއްހީ މާހިރުން އިރުޝާދު ދިނީ، ގިނަ ގިނައިން ސެނެޓައިޒާ ބޭނުންކޮށްގެން އަތް ސާފުކުރުމެވެ.

ޑރ. މުހައްމަދު އަލީ ވިދާޅުވި ގޮތުގައި، ރޯގާގެ އަސަރުކޮށްފައިވާ ތަންތަން ބްލީޗް ފަދަ އެއްޗެއް ބޭނުންކޮށްގެން ރަނގަޅަށް ސާފުކުރަން ޖެހޭނެ އެވެ.

ބްލީޗް ބޭނުން ކުރުމުގައި އެންމެ ރަނގަޅު މިންވަރެއްގެ ގޮތުގައި އޭނާ ފާހަގަ ކުރެއްވީ، އާއްމުކޮށް ގޭގައި ބޭނުން ކުރާ ބްލީޗުގެ 75-375 އެމްއެލް، 3.8 ލިޓަރުގެ ފެނަށް އަޅައިގެން ސާފުކުރުމެވެ.

މި ރޯގާ އިން ރައްކާތެރިވުމަށް ސަމާލުވުމަށާއި ހާލު ދެރަވެ ބައެއް ކަހަލަ އަލާމާތްތައް ހުރި ނަމަ ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭ އިން އިލްތިމާސްކުރެ އެވެ.

ކޮމެންޓް (2)

ސަމްސިއްޔާ

29 ޖުލައި 2023
މި ހަބަރުގަ ގިނަ ތަންނަނުގަ "ރޯގާ" ގެ ބަދަލުގަ "ވައިރަސް" ބޭނުން ކުރީމަ ހަމަޖެހޭނީ. ޑޮކްޓަރުން ނުބުނޭ ސެނިޓައިޒާއިން ރޯގާ ނުދާ ވާހަކައެއް. އެމީހުން އެ ބުނަނީ ނޯރޯ ވައިރަސް މަރު ނުވާ ވާހަކަ. ވައިރަހަކީ ރޯގާއެއް ނޫނެއްނު.
0 0

ޑޮކްޓާރ

29 ޖުލައި 2023
ޑޮކްޓަރުން ގޫގުލް ކޮށްފަ ސްކްރީން ޝޮޓް ހިއްސާ ކުރީމަ ހާދަ ދެރައޭ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް