އިދިކޮޅު ޕީޕީއެމް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝިޔާމް ވާހަކަ ދައްކަވަނީ (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)

ކެމްޕޭނާ ދިމާކޮށް ހިންގާ ބަޖެޓް ނުކުރާ މަޝްރޫއުތައް ޕީޕީއެމް ސަރުކާރެއްގައި ބާތިލުކުރާނަން: ޝިޔާމް

ޝިޔާމް ވިދާޅުވީ އެއީ ގައުމަށާއި، ރައްޔިތުންނަށް ވެސް ފައިދާ ހުރި މަޝްރޫއުތަކަކަށް ނުވާނެ ކަމަށް

ކުރިއަށް އޮތް ރިޔާސީ އިންތިހާބާ ދިމާކޮށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރަށްރަށަށް ވަޑައިގެން ފައްޓަވާ  މަޝްރޫއުތައް ޕީޕީއެމް ސަރުކާރެއްގައި ބާތިލުކުރާނެ ކަމަށް އެ ޕާޓީގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ރޭ ވިދާޅުވެއްޖެ އެވެ. ޝިޔާމް ވިދާޅުވީ ބާތިލުކުރާނީ ކެމްޕޭނާ ދިމާކޮށް ހިންގާ ބަޖެޓުގައި ނެތް މަޝްރޫއުތައް ކަމަށެވެ.

ވީ ކިހިނެއް؟- ޝިޔާމް މިހެން ވިދާޅުވީ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރަން ގޮވާލާ ޕީޕީއެމް އޮފީސް ކުރިމަތީ ބޭއްވި މަގުމަތީ ހަރަކާތުގައި ވާހަކަދައްކަވަމުންނެވެ.

ބުނީ ކީކޭ؟- ޝިޔާމް ވިދާޅުވީ ވެރިކަން ހޯދުމުގެ ބޭނުމުގައި ރައީސް ސޯލިހު ދައުލަތުގެ މާލިއްޔާއިން ހޭދަކޮށްގެން އިއުލާންކުރައްވާ ހުރިހާ މަޝްރޫއެއްގެ ފައިސާ ހޭދަކުރަނީ އެމަނިކުފާނުގެ ކެމްޕޭނަށް ކަމަށެވެ.

އެއީ ގައުމަށާއި، ރައްޔިތުންނަށް ވެސް ފައިދާ ހުރި މަޝްރޫއުތަކަކަށް ނުވާނެ ކަމަށް ވިދާޅުވެ އޭނާ ޕީޕީއެމްގެ ސަޕޯޓަރުންނަށް ދެއްވީ، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޔާމީންގެ ވެރިކަމެއްގައި އެ އެއްބަސްވުންތައް އުވާލާނެކަމުގެ ޔަގީންކަމެވެ.

 "އެއީ ބޭރުގެ އިންވެސްޓްމެންޓެއް ކަމުގައި ވިޔަސް، އެއީ މި ގައުމުގެ ވިޔަފާރިވެރިއަކަށް ދީގެން ކުރިއަށްގެންދާ އިންވެސްޓްމެންޓެއް ކަމުގައި ވިޔަސް، އަޅުގަނޑުމެންގެ ސަރުކާރެއްގައި ރައީސް ޔާމީނެއްގެ ޒައާމަތެއްގައި އިރާދަކުރެއްވިއްޔާ ބަޖެޓު ނުކޮށް މިދޭ ޕްރޮޖެކްޓުތައް އަޅުގަނޑުމެން، މި ޕްރޮޖެކްޓުތަކުގެ އެގްރީމެންޓްތައް ބާތިލުކުރާނަން. އަޅުގަނޑުމެން ތަކުރާރުކޮށް ދަންނަވާލާނަން، ބާތިލުކުރާނަން،" ޝިޔާމް ވިދާޅުވިއެވެ.

"އެއީ ޕްރޮޖެކްޓުގެ ނަމުގައި ހިންގާ ސީދާ ބޮޑެތި ވައްކަން." 

އެނގުން މުހިންމު- ޝިޔާމް ފާހަގަކުރެއްވި ގޮތަށް ވޭތުވެ ދިޔަ އިންތިހާބުތަކުގައި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ކެމްޕޭންތަކަށް ދައުލަތުގެ މުދަލާއި ފައިސާ ބޭނުން ކުރާކަމުގެ ޝަކުވާތައް ބޮޑުވެ އެވެ. މީގެ އިތުރުން، ކެމްޕޭނާ ދިމާކޮށް ބޮޑެތި މަޝްރޫއުތައް އިއުލާނުކުރާތީ އާއްމުންގެ ފާޑުކިއުން ވެސް ސަރުކާރަށް އަމާޒުވެ އެވެ.

ފަސް މަންޒަރު- ޔާމީނަށް އިއްވާފައިވާ ހުކުމާއި އެ ހުކުމްގެ އިސްތިއުނާފް ހައި ކޯޓުގައި ތާށިވެފައި ވާތީ، ޔާމީނަށް އިންތިހާބުގައި ވާދަކުރެއްވިދާނެ ކަމާ މެދު ވަނީ ޝައްކު އުފެދިފަ އެވެ. ނަމަވެސް، ޕީޕީއެމް-ޕީއެންސީގެ އިސް ވެރިން ވިދާޅުވަނީ ޔާމީންގެ ނަން ވޯޓު ކަރުދާހުގައި އޮންނާނެ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް