ކުރީގެ ރައީސް އަބްދުﷲ ޔާމީން. (ދައުރު ފައިލް ފޮޓޯ)
ޔާމީންގެ އިންތިހާބީ ހައްގު ކަށަވަރުކޮށްދޭން އެދި އަނެއްކާވެސް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިންތިހާބީ ހައްގުތައް ކަށަވަރުކޮށްދިނުމަށް އެ ކޯލިޝަންގެ ފަރާތުން އަނެއްކާވެސް ސުޕްރީމް ކޯޓަށް މިއަދު ހުށަހަޅައިފި އެވެ.
ވީ ކިހިނެއް؟ - ޔާމީންގެ އިންތިހާބީ ހައްގު ކަށަވަރުކޮށްދިނުމަށް އެދި ޔާމީންގެ ފަރާތުން މީގެ ކުރިން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރި މައްސަލަ ބަލައިނުގަނެ އެ ކޯޓުން އޮތީ ބޭރުކޮށްލާފަ އެވެ.
ތަފްސީލް - ސްޕްރީމް ކޯޓުން ޔަގީންކޮށްދިން ގޮތުގައި އެކަމާ ގުޅިގެން އިތުރު މައްސަލައެއް މިއަދު ހުށަހަޅާފައިވެ އެވެ.
މިވަގުތު 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ޓިކެޓް ހަވާލުކޮށްފައިވާ ޔާމީންގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމުގެ ސަބަބުން ކެންޑިޑަސީގެ ޝަރުތެއް އުނިވެ އެވެ.
އެ ހުރަސް ނައްތާލުމަށް، ޖަލު ހުކުމް ހައި ކޯޓުގައި ހުކުމް އިސްތިއުނާފްކޮށްފައި އޮންނަތާ ހަތަރު މަސްވެފައި ވާއިރު، މިހާރު އެ މައްސަލަ އޮތީ މަޑުޖެހިފަ އެވެ. ޔާމީންގެ ފަރާތުން މީގެ ކުރިން ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅީ ހައި ކޯޓުގައި އޮތް އިސްތިއުނާފީ މައްސަލަ ނުނިމި ދިގުލައިގެންދިއުމުގެ ސަބަބުން އެ މަނިކުފާނުގެ އެތަކެއް އަސާސީ އަދި އިންތިހާބީ ހައްގުތަކަކަށް ހުރަސް އެޅިފައިވާތީ ކަމަށް ބުނެ އެވެ.
އެ ހުށަހެޅުން ސްޕްރީމް ކޯޓުން މިދިޔަ އާދިއްތަ ދުވަހު ބޭރުކޮށްލީ އެވެ.
ފާހަގަކޮށްލެވޭ ކަމެއް - ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ ބޭރުކޮށްލިޔަސް، އެ ނިންމުން ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅޭނެ އެވެ. ނަމަވެސް، ދައުރަށް ކަށަވަރުކުރެވިފައިވާ ގޮތުގައި، މިއަދު އިތުރު މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހެޅިއިރު، ކުރީގެ ނިންމުން ފަނޑިޔާރުންގެ މަޖިލީހުގައި އިސްތިއުނާފްކޮށްފައެއް ނުވެ އެވެ.
އެނގުން މުހިންމު - ޔާމީންގެ ކެންޑިޑެސީ ބަލައިނުގަންނަން އިލެކްޝަންސް ކޮމިޝަނުން ނިންމިޔަސް، އެކަމާ މެދު ގޮތެއް ނިންމުމަށް ސުޕްރީމް ކޯޓަށް ހުށަހެޅޭނެ އެވެ. އެ ނިންމުން 48 ގަޑިއިރުގެ ތެރޭ ސުޕްރީމް ކޯޓުން ނިންމަން ޖެހޭނެ އެވެ.
އަންނަ 9 ސެޕްޓެމްބަރުގައި އޮންނަ ރިޔާސީ އިންތިހާބުގައި ކުރިމަތިލާ ކެންޑިޑޭޓުންގެ ނަން ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައި ވާއިރު، އެ ފުރުސަތު އަންނަ މަހުގެ 7ގައި ހަމަވާނެ އެވެ. ޔާމީންގެ ކެންޑިޑެސީ ފޯމުގައި ޖަލުގައި ހުންނަވައިގެން މިހާރު ސޮއިކުރައްވާފައި ވާއިރު، އެ ފޯމު އަދި ހުށައެއް ނާޅަ އެވެ.