ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންވުމުގެ އުފަލުގައި މާލޭގެ ކާނިވާ ސަރަހައްދުގައި 3 ޑިސެމްބަރު 2021 ވަނަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ކުރީގެ ރައީސް ޔާމީން ވާހަކަދައްކަވަނީ (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)
ޔާމީންގެ އިންތިހާބީ ހައްގު ކަށަވަރު ކޮށްދޭން އެދި ސުޕްރީމް ކޯޓަށް ހުށަހަޅައިފި
އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިންތިހާބީ ހައްގުތައް ކަށަވަރު ކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް މިރޭ ހުށަހަޅައިފި އެވެ.
ވީ ކިހިނެއް؟ 9 ސެޕްޓެމްބަރުގައި އޮންނަ ރިޔާސީ އިންތިހާބުގައި ކުރިމަތިލާ ކެންޑިޑޭޓުންގެ ނަން ހުށަހެޅުމުގެ ފުރުސަތު މާދަމާ އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާނެ އެވެ. އެހެންނަމަވެސް، ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ޓިކެޓު ހަވާލުކޮށްފައިވާ އެ ޕާޓީގެ ރައީސް ޔާމީންގެ ކެންޑިޑަސީ ފޯމު ހުށަހެޅުމަށް އޮތް ހުރަސް ނައްތާލުމަށް ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ މައްސަލަ އޮތީ ހުއްޓިފަ އެވެ. ޔާމީންގެ ކެންޑިޑަސީ އާމެދު ގޮތެއް ނިންމުމަށް ހައިކޯޓުގައި އޮތް މައްސަލާގައި ގޮތެއް ނިންމުން މުހިންމެވެ.
މި ހައްގުތަައް ކަށަވަރުކުރުމަށް އެމަނިކުފާނުގެ ފަރާތުން ސުޕްރީމް ކޯޓަށް ދާދި ދެންމެއަކު ދުސްތޫރީ މައްސަލައެއް ވަނީ ހުށަހަޅާފަ އެވެ.
ތަފްސީލް - ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އާދަމް ޝަމީމް މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ދުސްތޫރީ މައްސަލައެއް ހުށަހެޅީ ޔާމީންގެ ފަރާތުން ހައިކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ މައްސަލަތައް ނުނިމި ދިގުލައިގެންދިއުމުގެ ސަބަބުން އެމަނިކުފާނުގެ އެތަކެއް އަސާސީ ހައްގުތަކާއި އިންތިހާބީ ހައްގުތަކަކަށް ހުރަސް އެޅިފައިވާތީ ކަމަށެވެ.
ވަކީލު ޝަމީމް ވިދާޅުވީ، ޔާމީން އަކީ މިވަގުތު ރާއްޖޭގައި އޮތް ވަރުގަދަ ސިޔާސީ ޕާޓީއެއްގެ ރިޔާސީ ކެންޑިޑޭޓް ކަމުގައިވީހިނދު، އެ ހައްގުތައް ކަށަވަރުކޮށްދޭންޖެހޭ ކަމަށެވެ.
ފާހަގަކޮށްލެވޭ ކަމެއް - މާދަމާ ހެނދުނު 9ގައި ކެންޑިޑޭޓުންގެ ފޯމު ހުށަހަޅަން އީސީން ހުޅުވާލާ އިރު، އެ ފުރުސަތު އޮންނާނީ، އަންނަ މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށެވެ. ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ޔާމީންގެ ނަން ހުށަހެޅުމަށް ފޯމު ފުރުމާ ގުޅޭ ކަންކަން ފަށާފައިވާ ކަމަށް މިއަދު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ވަނީ ބުނެފަ އެވެ.
އެނގުން މުހިންމު - އާރަށު މައްސަލައިގައި ޔާމީންގެ މައްޗަށް އުފުލި ދެ ދައުވާ ވެސް ސާބިތުވެ، 11 އަހަރަށް ޖަލަށް ލާން 25 ޑިސެމްބަރު 2022ގައި ކްރިމިނަލް ކޯޓުން ހުކުމް ކުރި އެވެ.
-
އެ ހުކުމް އެ މަނިކުފާނުގެ ފަރާތްޕުޅުން ހައި ކޯޓުގައި އިސްތިއުނާފް ކުރީ 21 ފެބްރުއަރީގައި
-
އިސްތިއުނާފީ ފޯމުގައި އިސްލާހުކުރަން ހުރި ކަންކަން ހުރުމުން، އެކަންކަން އިސްލާހުކޮށް އަލުން ހައި ކޯޓަށް ހުށަހެޅީ 15 މާޗުގައި
-
ހައިކޯޓުގައި މައްސަލަ ފެށީ، އިސްލާހުކުރުމަށް ފަހު ފޯމު ހުށަހަޅާފައި އޮންނަތާ ގާތްގަނޑަކަށް ތިން މަސް ފަހުން މިދިޔަ މަހުގެ 7 ވަނަ ދުވަހު
-
ހައި ކޯޓުގައި އިސްތިއުނާފުކޮށްފައިވާ މައްސަލައިގައި އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ މި މަހުގެ 5 ވަނަ ދުވަހު؛ އިބުތިދާއީ އަޑުއެހުމުގެ ބައި ނިންމާލަން އެ ދުވަހު މަސައްކަތް ކުރި ނަމަވެސް، ޔާމީންގެ ފަރާތްޕުޅުން ހުށަހެޅި އިސްތިއުނާފީ ނުކުތާތަކަށް ދެ ފަރާތުން ވާހަކަދެއްކުމުގެ ބައި އަދިވެސް ނުނިމޭ
-
އަޑުއެހުންތައް ދިގުކޮށް ކުރިއަށް ގެންގޮސް އަވަހަށް ނިންމައިދޭން އެދިފައިވަނިކޮށް ހައިކޯޓުގައި މައްސަލަ ބައްލަވާ ދެ ފަނޑިޔާރަކު ޗުއްޓީ ނެންގެވުމުން މި މައްސަލަ މިހާރު އޮތީ މަޑުޖެހިފައި