ރައީސް ސޯލިހު މިއަދު ވޭވަށުގައި ވާހަކަ ދައްކަވަނީ (ފޮޓޯ/ރައީސްގެ ކެމްޕޭން ޓީމް)

ރައީސްގެ ޔަގީންކަން: މ. ބަދަލުވެއްޖެ؛ ބޮޑު އަގުލަބިއްޔަތެއް ނަގާނަން

މިދިޔަ ފަސް އަހަރުގެ ތެރޭގައި މ. ވޭވަށަށް މިއިން ދުވަހަކު ނާންނަ ވަރުގެ ތަރައްގީ ގެނެސްދެވިފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި
16 ޖުލައި 2023

މ. ވޭވަށް - މ. އަތޮޅު މި ވަނީ މުޅިންހެން ބަދަލުވެފައި ކަމަށާއި ކުދި ރަށްރަށަށް ގެންނަ ތަރައްގީ ރައްޔިތުން ބަލައިގެންފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ރައީސް ސޯލިހުގެ ރިޔާސީ ކެމްޕޭންގެ ތެރެއިން މ. އަތޮޅަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގައި މިއަދު މި ރަށަށް ވަޑައިގެން ބަނދަރުމަތީ އާންމުންނާ މުހާތަބުކުރައްވައި ވިދާޅުވީ މި ރަށަކީ އާބާދީ ކުޑަވުމުގެ ސަބަބުން ކުރީގެ ސަރުކާރުތަކުން ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި އެހާ ބޮޑު ސަމާލުކަމެއް ދީފައިވާ ރަށެއް ނޫން ކަމަށެވެ. ނަމަވެސް، މިދިޔަ ފަސް އަހަރުގެ ތެރޭގައި މި ރަށަށް މިއިން ދުވަހަކު ނާންނަ ވަރުގެ ތަރައްގީ ގެނެސްދެވިފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

އެގޮތުން، ރައީސް ވިދާޅުވީ:

  • ރިޔާސީ އިންތިހާބުގައި މި ރަށަށް ވީ ހަމައެކަނި ވައުދު ކަމަށްވާ ބަނދަރު ހެދުން ވަނީ ނިމިފައި

  • އައުޓްޑޯ ޖިމް އާއި އާ އިންޖީނުގެއެއް ހެދިއްޖެ

  • ފެނާއި ނަރުދަމާގެ މަސައްކަތް ހިނގަމުންދޭ

  • އާ ކޯޓް އިމާރާތުގެ މަސައްކަތް އެ ދަނީ ހިނގަމުން

"މިވޭތުވެ ދިޔަ ފަސް އަހަރުގެ ތެރޭގައި ކުރެވެމުން އަންނަ މަސައްކަތްތަކުން ސެޕްޓެމްބަރު މަހު ބާއްވާ އިންތިހާބުގައި ބޮޑު އަގުލަބިއްޔަތު އަޅުގަނޑުމެންނަށް މި އަތޮޅުން ހޯދޭނޭ ކަމާ މެެދު އަޅުގަނޑު ޝައްކެއް ނުކުރަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހު މިއަދު ވޭވަށުގައި ވާހަކަފުޅު ދައްކަވަނީ (ފޮޓޯ/ރައީސްގެ ކެމްޕޭން ޓީމް)

ތަފްސީލް - ރައީސް ވިދާޅުވީ މީގެ ދެ އަހަރު ކުރިން ބޭއްވި ކައުންސިލްތަކުގެ އިންތިހާބުގައި ވެސް މި ރަށުގެ ކައުންސިލްގެ އަގުލަބިއްޔަތު އެމްޑީޕީއަށް ދީފައިވާ ކަމަށެވެ. އެކަމުން ދޭހަވަނީ، އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ތަރައްގީއާ އެކު ކުރިއަށް ދިއުމުގެ އަޒުމް މި ރަށުގެ ރައްޔިތުންގެ މެދުގައި އޮތް މިންވަރެވެ.

"ތަރައްގީއާ އެކު އަމާން އޮމާން ދިވެހިރާއްޖެއެއް ހޯދަން މި ކުރާ ދަތުރުގައި ވޭވަށް ހިމެނިގެން ދާނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫން،" ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހު މިއަދު ވޭވަށުގައި. (ފޮޓޯ/ރައީސްގެ ކެމްޕޭން ޓީމް)

މި ރަށަކީ އަތޮޅުގެ އެހެން ރަށްރަށުން ބާނާ މަސް ގަނެ، ކައްކައި ހިއްކާ އަދި ރިހާކުރު ފަދަ ތަކެތި ހަދައިގެން ބޮޑު އާމްދަނީއެއް ހޯދަމުން އަންނަ ރަށެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މި ރަށުގެ ބަނދަރު އިތުރަށް ފުންކޮށް ދެއްވާނެ ކަމަށެވެ.

މީގެ އިތުރަށް، ދެން އަންނަ ދައުރަކަށް އިންތިހާބުވެވަޑައިގެންފި ނަމަ، ރަށް ގިރާ ސަރަހައްދު ހިމާޔަތްކޮށް، ފުޓްބޯޅަ ދަނޑެއް މި ރަށުގައި ތަރައްގީކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ބޮޑު ރަށެއް ކުޑަ ރަށެއް ތަފާތުނުކޮށް ތަރައްގީގެ މަޝްރޫއުތައް ހިންގާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ޒަމާނީ ފެންވަރުގެ ކުޅިވަރާ ބެހޭ ތަންތަން މުޅި ރާއްޖޭގައި ގާއިމްކުރަމުން އަންނަ ކަމަށެވެ. އެގޮތުން:

  • 41 ފުޓްބޯޅަ ދަނޑު ނިމިއްޖެ؛ އަދިވެސް އެ އަދަދަށް ދަނީ އަޅަމުން 

  • 70 ފުޓްސަލް ދަނޑު ހަދައި ނިންމައިފިން 

  • 54 އައުޓްޑޯ ޖިމް ހަދައިދީފިން

އިތުރު އާޓިކަލް

އިތުރު އާޓިކަލް