ފަޅުރަށެއްގައި މީގެ ކުރިން ފުރޮޅާލާފައި އޮތް ވެލާތަކެއް. ވެލާ ހިފުމަކީ ރާއްޖޭގައި މަނާކޮށްފައިވާ ކަމެއް

ވެލާ

ބ. އަތޮޅުގައި ވެލާ ފެޅި ކޮންމެ މީހަކު 198،000ރ. އިން ޖޫރިމަނާ ކޮށްފި

ޖޫރިމަނާ ދައްކަން ވަނީ އެއް މަސް ދީފައި، އެމީހުން ޖޫރިމަނާ ކުރީ މިދިޔަ މަހުގެ 20 ގައި

ބ. އަތޮޅުގެ ފަޅުރަށެއް ކަމަށްވާ ކެޔޮދޫގައި މިދިޔަ ފެބްރުއަރީ މަހު ވެލާތަކެއް ފެޅި ހަތް މީހުން ކުރެ ކޮންމެ މީހަކު 198،000ރ. އިން ޖޫރިމަނާކޮށްފި އެވެ.

ވީ ކިހިނެއް؟  - އެ ރަށަށް ފުލުހުން އެރި އިރު، އެ މީހުން ތިިބީ ވެލާ ފަޅައިގެން ކައްކާށެވެ.

ތަފްސީލް - އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް ވަނީ، ވެލާ ފެޅި މީހުން ޖޫރިމަނާކޮށްފައިވާކަން މިއަދު 'ދައުރު' އަށް ކަށަވަރުކޮށްދެއްވައިފަ އެވެ. އޭނާ ވިދާޅުވީ، އެ މީހުން ޖޫރިމަނާ ކުރިތާ ދުވަސްކޮޅެއް ވެފައިވާ ކަމަށެވެ.

  • ޖޫރިމަނާކުރީ ކޮންމެ މީހަކު 198،000ރ. އިން

  • ޖޫރިމަނާގެ ގޮތުގައި ޖުމްލަ 1.38 މިލިއަން ރުފިޔާ ދައްކަން ޖެހޭނެ

  • ޖޫރިމަނާ ދައްކަން ވަނީ އެއް މަސް ދީފައި، އެމީހުން ޖޫރިމަނާ ކުރީ މިދިޔަ މަހުގެ 20ގައި

ފާހަގަ ކުރެވޭ ކަމެއް - އެ ކަމާ ގުޅޭ ގޮތުން މީގެ ކުރިން އީޕީއޭ އިން ބުނީ ވެލާ ފަޅައި ކެއްކުމުގައި ބައިވެރިވީ ހުސް ބ. ކެންދޫ މީހުން ކަމަށެވެ.

އީޕީއޭ އިން އޭރު ބުނީ ފުލުހުންނާ އެކު ބ. އަތޮޅު ބަޔޮސްފިޔާ ރިޒާވް އޮފީހުގެ މުވައްޒަފަކު ވެސް އެ ރަށަށް އަރައި ހެކި ހޯދުމުގައި ފުލުހުންނަށް އެހީތެރިވެދިން ކަމަށެވެ.

ވެލާ ފެޅި އެންމެން ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ނަމަވެސް، ބަޔާން ނެގުމަށް ފަހު އެ މީހުން ވަނީ ދޫކޮށްލައިފަ އެވެ. އެކަމަކު ތަހުގީގު ނިމުމުން ފިޔަވަޅު އަޅާނެ ކަމަށް އީޕީއޭ އިން ބުންޏެވެ.

އެނގުން މުހިންމު - ވެލަ އާއި ކަހަނބަކީ ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ތަކެއްޗަށްވީ ނަމަވެސް، ބައެއް އަތޮޅުތަކުގައި ވަރަށް ގިނައިން އޭގެ މަސް ކައި އުޅެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް