އަންނަ ރިޔާސީ އިންތިހާބުގައި ޕީޕީއެމް ކޯލިޝަނުން ވާދަކުރައްވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ރިޔާސީ ޓިކެޓު ހަވާލުކުރުމަށް 'ހަވާލޭ ވަތަން'ގެ ނަމުގައި ކާނިވާ ސަރަހައްދުގައި 19 އޮގަސްޓް 2022 ވަނަ ދުވަހުގެ ރޭ ބޭއްވި ޖަލްސާ. (ފޮޓޯ/އަބްދުﷲ އަބީދު)
ރައީސް ޔާމީންގެ ރިޔާސީ ކެމްޕެއިން 16 އަތޮޅެއްގައި ރަސްމީކޮށް ފަށައިފި
ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ރިޔާސީ ކެމްޕެއިން 16 އަތޮޅެއްގައި މިއަދު ރަސްމީކޮށް ފަށައިފި އެވެ.
ވީ ކިހިނެއް؟ މިދިޔަ އަހަރު، 19 އޯގަސްޓްގައި ކާނިވާ ސަރަހައްދުގައި ކުރިއަށް ދިޔަ "ހަވާލޭ ވަތަން" ޖަލްސާގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ، ކޯލިޝަނުގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓެއްގެ ގޮތުގައި 2023ގައި ވާދަކުރެއްވުމަށް ރައީސް ޔާމީނާ ރިޔާސީ ޓިކެޓު ހަވާލު ކުރެއްވި އެވެ. އެކަމަކު، ވ. އާރަށު މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް އުފުލި ދެ ދައުވާ ވެސް ސާބިތުވެ، 11 އަހަރަށް ޖަލަށް ލާން މިދިޔަ އަހަރު 25 ޑިސެމްބަރުގައި، ކްރިމިނަލް ކޯޓުން ހުކުމް ކުރި އެވެ.
ތަފްސީލް - މިއަދު ރަސްމީކޮށް 16 އަތޮޅެއްގައި ކެމްޕެއިންތައް ފެށި އިރު، ކެމްޕެއިންތައް ފެށުމަށް އެކި ރަށްތަކާ އެކު އޮންލައިން ބައްދަލުވުންތަކެއް ޕީޕީއެމް އިން ވަނީ ބާއްވާފަ އެވެ.
މިއަދު ވެސް މި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވެ އެވެ. މިއަދު ކެމްޕެއިންތައް ފެށުމަށް ބައްދަލުވުން ކުރިއަށް ގެންދިޔައީ:
-
މ. އަތޮޅު
-
ފ. އަތޮޅު
-
ދ. އަތޮޅު
-
ތ. އަތޮޅު
-
ލ. އަތޮޅު
ފާހަގަކޮށްލެވޭ ކަމެއް - ރިޔާސީ ކެމްޕެއިންތައް 16 އަތޮޅެއްގައި ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ފެށި އިރު، ރައީސް ޔާމީންއާ ދެކޮޅަށް ކްރިމިނަލް ކޯޓުގައި ވެސް މައްސަލައެއް އެބަކުރިއަށް ދެ އެވެ. އަދި 11 އަހަރުގެ ޖަލު ހުކުމްގެ އިސްތިއުނާފީ މައްސަލަ މިވަގުތު ހައިކޯޓުގައި ދަނީ ބާއްވަމުން ނެވެ.
ރިޔާސީ އިންތިހާބުގައި ގުޅިގެން މަސައްކަތް ކުރުމަށް އަލަށް އުފައްދަން ތައްޔާރުވަމުންދާ 'ދަ ޑިމޮކްރެޓްސް' އާ އެކު ވެސް ޕީޕީއެމްއިން މިހާރު ދަނީ މަސައްކަތް ކުރަމުން ނެވެ.