ޒަރީރަށް ހަމަލާދިންކަމުގެ ތުހުމަތުގައި ހައްޔަރުކުރި އިބްރާހީމް އަބްދުﷲ

ފުލުހުން

ޒަރީރު މަރާލަން އުޅުނު ކަމަށް ބުނާ އިބްރާހިމް އަބްދުﷲ ދޫކޮށްލައިފި

އޭނާ ކްރިމިނަލް ކޯޓަށް މިއަދު ހާޒިރުކުރުމުން ޝަރުތުތަކާ އެކު ދޫކޮށްލުމަށް ނިންމާފައިވޭ

ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު މަރާލަން ހަމަލާ ދިން ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އިބްރާހިމް އަބްދުﷲ (ގަައްބަރޭ) މިއަދު ކޯޓުން ދޫކޮށްލައިފި އެވެ.

ވީ ކިހިނެއް؟ - ޒަރީރަށް ހަމަލާދިން ކަމުގެ ތުހުމަތުގައި އިބްރާހީމް އަބްދުﷲ ހައްޔަރުކުރީ އޭނާ ހޯދަން އިއުލާނުކުރިތާ ހަފްތާއަކަށް ވުރެ ގިނަ ދުވަސް ފަހުން އޭނާ އަމިއްލައަށް ފުލުހުންނާ ހަވާލުވުމުން މިދިޔަ 23 މެއިގަ އެވެ. އެ ދުވަހު ކްރިމިނަލް ކޯޓުން އޭނާގެ ބަންދަށް 30 ދުވަސް ދިނެވެ.

ތަފްސީލް - ފުލުހުންގެ ތަރުޖަމާނަކު މިއަދު 'ދައުރު'އަށް ވިދާޅުވި ގޮތުގައި، އިބްރާހީމް އަބްދުﷲގެ ބަންދުގެ މުއްދަތު މުރާޖައާކުރުމަށް އޭނާ ކްރިމިނަލް ކޯޓަށް މިއަދު ހާޒިރުކުރުމުން ޝަރުތުތަކާ އެކު ދޫކޮށްލުމަށް ނިންމާފައިވާ ކަމަށެވެ. ނަމަވެސް، އެ ޝަރުތުތަކުގެ ތަފްސީލެއް ނުލިބެ އެވެ.

އެނގުން މުހިއްމު - ފަސް މީހުންގެ ގްރޫޕަކުން ޒަރީރަށް ހަމަލާދީފައި ވަނީ، 1 މެއިގެ ފަތިހު ރައްޓެހިންތަކަކާ އެކު މާލޭގެ ކެފޭއެއްގެ ތެރޭގައި އިންދަ އެވެ. އޭނާއަށް ދިން އެ ހަމަލާގައި މަރުތޭލަކުން ބޮލުގައި ޖަހާފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

މީގެ ކުރިން ވެސް މާރާމާރީ އާއި މަރުގެ އަދި ފޭރުމުގެ ގިނަ މައްސަލަތަކެއްގައި ހައްޔަރުކުރި އިބްރާހިމް އަބްދުﷲއަށް މި މައްސަލައިގައި ފުލުހުން ކުރާ ތުހުމަތުތަކަކީ:

  • ގްރޫޕް ހަދައިގެން ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ތުހުމަތުގައި

  • މީހަކު މަރާލަން އުޅުުން

ފަސްމަންޒަރު - އިބްރާހިމް އަބްދުﷲ ވަނީ، 2007ގައި ތޫނު އެއްޗަކުން ހަމަލާދީ އަލީ އިޝާރު، ހ. ކުބްރާ، މަރާލުމުގައި ބައިވެރިވި ކަމަށް ފުލުހުންގެ ތަހުގީގުގައި އެއްބަސްވެފަ އެވެ. އެ މައްސަލައިގައި، އޭރު 18 އަހަރު ނުވާ އިބްރާހިމްގެ މައްޗަށް ދައުވާކުރިޔަސް ކޯޓުން އޭނާ ދޫކޮށްލީ އެކަށީގެންވާ ވަރަށް ހެކި ނެތް ކަމަށް ބުނެ އެވެ.  

އިތުރު އާޓިކަލް

އިތުރު އާޓިކަލް