ގުރައިދޫ ބައި-އިލެކްޝަން ކާމިޔާބު ކުރެއްވި އެމްޑީޕީ ކެނޑިޑޭޓް ޝާޒް އިބްރާހިމް ކެމްޕެއިން ދަތުރުގައި ކ. ގުޅިއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ސަލާންކުރައްވަނީ. ފޮޓޯ: އަހުމަދު މައިމޫން މުހައްމަދު

އީސީ އިން ގުރައިދޫ ބައި-އިލެކްޝަންގެ ހުރިހާ ކެނޑިޑޭޓުން ޖޫރިމަނާ ކޮށްފި

ތިން ކެނޑިޑޭޓުން ވެސް ޖޫރިމަނާކޮށްފައިވަނީ އެބޭފުޅުން ހުށަހެޅި މާލީ ބަޔާން ފުރިހަމަނުވާތީ

ކ. ގުރައިދޫގެ މަޖިލިސް ގޮނޑި ކާމިޔާބުކުރެއްވި އެމްޑީޕީގެ އިބްރާހިމް ޝާޒް ހިމެނޭ ގޮތަށް، އެ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރި ތިން ކެނޑިޑޭޓުން ވެސް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ޖޫރިމަނާ ކޮށްފި އެވެ.

ވީ ކިހިނެއް؟ - މިދިޔަ އޭޕްރިލް 15ގައި ބޭއްވި ގުރައިދޫ ބައި-އިލެކްޝަންގައި ވާދަކޮށްފައިވާ ކެނޑިޑޭޓުންނަކީ:

  • އިބްރާހީމް ޝާޒު (އެމްޑީޕީ)

  • ހުސައިން ރިޒާ އާދަމް (ޕީޕީއެމް)

  • އަލީ އަރީފް (އެމްއެންޕީ)

ގުރައިދޫ ދާއިރާގެ މަޖިލިސް ގޮނޑިއަށް ވާދަކުރެއްވި އެމްޑީޕީގެ ކެނޑިޑޭޓް އިބްރާހިމް ޝާޒް އަދި ޕީޕީއެމްގެ ކެނޑިޑޭޓް ހުސެން ރިޒާ އާދަމް. ފޮޓޯ/ ޓްވިޓާ، ހުސެން ރިޒާ އާދަމް

ބުނީ ކީކޭ؟ - އީސީގެ ސެކެޓްރީ ޖެނެރަލް ހަސަން ޒަކަރިއްޔާ މިރޭ 'ދައުރު'އަށް ވިދާޅުވި ގޮތުގައި އެ ތިން ބޭފުޅުން ވެސް ޖޫރިމަނާކޮށްފައި ވަނީ އެ ބޭފުޅުން އީސީއަށް ހުށަހަޅާފައިވާ މާލީ ބަޔާނުގައި ހުންނަން ޖެހޭ މައުލޫމާތު ފުރިހަމަކޮށްފައި ނުވާތީ އެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި:

  • ތިން ކެނޑިޑޭޓުން ވެސް ޖޫރިމަނާ ކުރީ ޖޫން 14ގައި

  • ކޮންމެ ބޭފުޅަކު ވެސް ޖޫރިމަނާ ކޮށްފައިވަނީ 6،000 ރުފިޔާ އިން، ޖުލައި 15ގެ ކުރިން ޖޫރިމަނާ ދައްކާ ގޮތަށް

  • މިހާތަނަށް އެއްވެސް ބޭފުޅަކު ޖޫރިމަނަ ދައްކާފައެއް ނުވޭ

އެނގުން މުހިއްމު - ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގަވައިދުގެ 43 ވަނަ މާއްދާގެ ދަށުން މަޖިލީހުގެ އިންތިހާބަށް ކުރިމަތިލާ ކޮންމެ ކެނޑިޑޭޓެއްގެ އިންތިހާބާ ގުޅޭ މާލީ ކަންކަމާ ބެހޭގޮތުން ކޮށްފައިވާ އެންމެހާ މުއާމަލާތްތައް، އިންތިހާބު ބާއްވާ ތާރީހުން ފެށިގެން ގިނަވެގެން 21 ދުވަހުގެ ތެރޭގައި އީސީއަށް ހުށަހަޅަން ޖެހެ އެވެ.

މާލީ ބަޔާނުގައި ހިމަނަންޖެހޭ ކަންތައްތަކުގެ ތެރޭގައި:

  • ފައިސާއާއި މުދާ ހިމެނޭގޮތަށް އިންތިހާބާ ގުޅިގެން ކެނޑިޑޭޓު ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލް

  • ކެނޑިޑޭޓަށް ތާއީދު ހޯދުމަށްޓަކައި ކޮށްފައިވާ ހަރަދުތައް ވަކުން އެނގޭގޮތަށް އެ ހަރަދުތަކުގެ ތަފްސީލް

  • އިންތިހާބަށް ހަރަދުކުރުމަށްޓަކައި ފައިސާ ހޯދި ގޮތުގެ ތަފްސީލް

  • އިންތިހާބާ ގުޅިގެން ހަރަދުކުރުމަށްޓަކައި ނުވަތަ ބޭނުންކުރުމަށްޓަކައި ފައިސާއާއި ތަކެތި ދިން ފަރާތްތަކާއި އެ ފަރާތްތަކުން ދިން މިންވަރުގެ ތަފްސީލް

  • ބޭންކް އެކައުންޓުން ކޮށްފައިވާ އެންމެހާ މުއާމަލާތްތައް އަންގައިދޭ ބޭންކް އެކައުންޓުގެ ސްޓޭޓްމަންޓް

ގުރައިދޫ ބައި-އިލެކްޝަންގެ ކެނޑިޑޭޓުން ޖޫރިމަނާ ކޮށްފައިވަނީ މާލީ ބަޔާން ހުށަހެޅުމުގައި، އޮޑިޓް ރިޕޯޓްތަކާ އެކު ވީހާ ވެސް ހާމަކަންބޮޑު ގޮތެއްގައި ފުރިހަމަ މައުލޫމާތު ހުށަހެޅުމަށް ބާރުއެޅުމުގެ ގޮތުންކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު 'ދައުރު'އަށް ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް