ގާސިމް އިބްރާހިމް، ރައީސް ނަޝީދު، އަދި ރައީސް ސޯލިހު

ރައީސް ސޯލިހްގެ އިތުބާރާ މެދު ގާސިމް ސުވާލު އުފައްދަވައިފި

ވިލާ އާ އެކު ހަދާފައިވާ "އެކްސްކުލޫސިވް އެގްރީމަންޓް" ތަކެއް ސަރުކާރުން ބާތިލުކުރިމަށް ވެސް ގާސިމް ވިދާޅުވި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އިތުބާރާ މެދު ސުވާލު އުފައްދައި ދެވަނަ ދައުރަކަށް ކުރިމަތިލެއްވުމަށް ގެންގުޅުއްވާ ވިސްނުން ދޫކޮށްލައްވަން ޖެހޭ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ ގާސިމް މިހެން ވިދާޅުވީ، ޕެރަޑައިސް އައިލެންޑް ރިސޯޓުގައި އިއްޔެ ބޭއްވި ޖުމްހޫރީ ޕާޓީގެ 158 ވަނަ ކައުންސިލްގެ ބައްދަލުވުމުގަ އެވެ. އެ ބައްދަލުވުމުގައި ގާސިމް ވަނީ ކ. ވާވެއްދި ފަޅުގެ މައްސަލަ އާއި ރައްޔިތުންގެ މަޖިލީހުގައި މަރުތަޅު އަޅުވާފައިވާ މައްސަލާގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

ތަފްސީލް - ގާސިމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މަރުތަޅު އެޅުވުމުގެ ޒިންމާ އުފުއްލަވަން ޖެހޭނީ ހުދު ރައީސް ކަމަށެވެ. ދައުލަތުގެ ތިން ބާރުން ކުރެ އެއްބާރުގައި މަރުތަޅު އެޅުވީ ރައީސް ނިސްބަތްވާ ޕާޓީ، އެމްޑީޕީން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދަށް އިތުބާރު ނެތް ކަމަށް، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މުހަންމަދު އަސްލަމު ދެއްކެވި ވާހަކައަށް އިޝާރަތް ކުރައްވައި، ގާސިމް ސުވާލު އުފެއްދެވީ ރައީސުލްޖުމުހޫރިއްޔާއަށް މިހާރު ރައްޔިތުންގެ އިތުބާރު އޮތްތޯ އެވެ.

"ރައްޔިތުންގެ އިތުބާރު އެބަ އޮތްތޯ ރައީސުލްޖުމުހޫރިއްޔާއަށް މިއަދު،" ގާސިމް ސުވާލު އުފެއްދެވި އެވެ.

ގާސިމް ވިދާޅުވީ މި ސަރުކާރުގެ ވެރިކަމުގެ ތެރެއިން ވެސް ފެންނަނީ، އިސްލާހުކުރަން ހުރި ކަންކަމުގެ ތެރެއިން ކުރެވެންހުރި ކަންކަން ނުކޮށް ހުންނަތަން ކަމަށެވެ. އޭގެ ސަބަބުން ދައުލަތުގެ އިސްވެރިއެއްގެ ފަރާތުން ރައްޔިތުންނަށް ލިބެންވާ ހިދުމަތްތަކާއި އިންސާފާއި ހަމަހަމަކަން ލިބޭތަން ނު ފެންނަ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ސަރުކާރު ގެނައުމަށް އޭނާ މަސައްކަތް ކުރެއްވީ ވެހޭހާ ވާރެ އާއި ދޭހާ އަތްވެއްގައި ކުރެއްވި މަސައްކަތުން ކަމަށާއި އެކަން ކުރީ ރައްޔިތުންގެ ކުރިއެރުމަށް އެދިގެން ކަމަށެވެ. އެކަމަކު އަދިވެސް ފެންނަނީ އިސްލާހުކުރަން ހުރިކަންކަމާއި ރައްޔިތުން ސަލާންޖަހާތަން ކަން ފާހަގަކުރައްވައި ގާސިމް ވިދާޅުވީ އެއީ ދެކެން ބޭނުންވާ މަންޒަރެއް ނޫން ކަމަށެވެ.

"ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމަކީ ބާރުވެރި މަތީ މަގަމާކަށްވާތީ އެކަން ކުރުމުގެ ނިޔަތް އަޅުގަނޑުގެ އޮތީ އެންމެ ސަބަބަކަށްޓަކައި. އެއީ އިސްލާހަށްޓަކައި. މި ގައުމު އިސްލާހުކޮށް އަޅުގަނޑުމެން ކުރަންޖެހޭ ކަންތައްތައް ކުރުމުގެ މަގުފަހި ކުރުމަށްޓަކައި،" ގާސިމް ވިދާޅުވި އެވެ.

ރައީސް ސޯލިހަށް ފާޑުވިދާޅުވަމުން ގާސިމް ވިދާޅުވީ މިހާ ހިސާބަށް އައިއިރު އެންމެ ގިނައިން ލޯނު ނެގި އެއް ސަރުކާރަކީ މިއީ ކަމަށެވެ. އެގޮތުން މީގެ ކުރީން 40 ބިލިއަންގައި އޮތް ދަރަނި މި ސަރުކާރުގެ ހަތަރު އަހަރު ދުވަސްތެރޭ އެކަނި ގާތްގަނޑަކަށް 70 ބިލިއަން ހުރަސް ކޮށް، އެ އަދަދު 110 ބިލިއަން ރުފިޔާ ހުރަސްކޮށްފައިވާ ކަމަށް އަޑުއިވޭ ކަމަށް ގާސިމް ވިދާޅުވި އެވެ. އަދި މިކަމާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރަށް ޖަވާބުދާރީ ވެސް ނުވެވޭކަން ފާހަގަކުރި އެވެ.

ވިލާގެ ވާވެއްދިފަޅު ވިއްކުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހުއްޓުވާފައި އޮތް މައްސަލާގައި ވެސް ގާސިމް ސަރުކާރަށް ފާޑުވިދާޅުވި އެވެ. ގާސިމް ވިދާޅުވީ އެއީ ސުޕްރީމް ކޯޓުންނާއި އޭސީސީން މީގެ ކުރީން ނިންމާފައިވާ މައްސަލަތަކަކަށްވާ އިރު، ފަޅު ވިއްކުން ހުއްޓުވާފައިވަނީ މީހަކު "ވައްޓާލި" ސިޓީއަކަށް ބަލައިގެން ތެދު ދޮގުވެސް ޔަގީން ނުކޮށް ކަމަށެވެ.

ގާސިމްގެ ވިޔަފާރީތަކަށް ދަތިކުރާ ކަމުގެ ކަންބޮޑުވުންތަކާ އެކު ސަރުކާރަށް ފާޑުވިދާޅުވަމުން ގާސިމް ދެން ވިދާޅުވީ، "އެކްސްކުލޫސިވް އެގްރީމަންޓް"ތަކެއް ދީގެން، ސަރުކާރަށް ބަރޯސާވެގެން ރާއްޖޭގެ ތިން ސަރަހައްދެއްގައި 50 މިލިއަން ޑޮލަަރަށްވުރެ ބޮޑު އިންވެސްޓްމަންޓްތައް ކޮށްފައިވާނެ ކަމަށެވެ. އެކަމަކު، ފަހުން އެއީ އޮތް އެއްޗެއް ނޫން ކަމަށް ބުނެ، އެ އެއްބަސްވުންތައް ވެސް އުވާލާފައިވާ ކަމަށް ގާސިމް ވިދާޅުވި އެވެ.

"އެކްސްކުލޫސިވް އެގްރީމަންޓްވެސް އުވާލީ. ކޮންމެ އަހަރަކު، ފަސް އަހަރުން އެއް އަހަރު، ކުލި ބޮޑު ކުރާނެ. އަޅުގަނޑުމެން ހިއްކާފައި ހުރި ބިންބިމުގެ ކުލިވެސް ބޮޑުކުރަނީ. ދެން މިހެން ގޮސް ހައްދެއް ނެތް،" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވިގޮތުން:

  • ރައްޔިތުންގެ މަޖިލީހުގައި މަރު ތަޅު އެޅުވުމުގެ ޒިންމާ ނަގަންޖެހޭނީ ސަރުކާރުން

  • ރައީސުލްޖުމްހުރިއްޔާ ހިތި ބޭސް ވެސް ފަރިކޮޅުވާންޖެހޭ ހާލަތްތަކުގައި ހިތިބޭސް ވެސް ފަރިއްކުޅުވާންވާނެ؛ ބާރުގައި ހުންނަވަން ދައުލަތުގެ އެއްބާރުގައި ތަޅެއް ނޭޅުވޭނެ

  • ދެވަނަ ދައުރަކަށް ކުރިމަތިލައްވައިގެން ވެރިކަމަށް އައުމަށް އުޅުއްވުމުގެ ބޭނުމެއް ނެތް؛ ރައްޔިތުންނަށް ކަންކަން ވަރަށް ސާފު

  • އިލެކްޝަން ކޮމިޝަނުގައި ވެސް މަރުތަޅު އަޅުވައިގެން އުޅެނީ ސަރުކާރުގެ ނުފޫޒުން؛ މެމްބަރުން ތިބީ ގާނޫނާ ހިލާފުވެގެން

"އެހެންވީމާ މިވަރުގެ ޖަރީމާ ހިންގީމާ ކަމަކު ނުދޭ. އިޓް އިޒް ޓޫ މަޗް. އިޓް އިޒް މޯ ދޭން އިނަފް. ޔޫ ހެވްޓު ގޯ ބޭކް. މިހާރު ދާންވީ، ކަނޑާލަންވީ ގެއަށް. ވަރަށް ސާފުކޮށް މި ބުނަނީ، މިހާރު ކަނޑާލަންވީ ގެއަށް،" އިތުރު ދައުރަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރިމަތިލެއްވުމުގެ ބޭނުމެއް ނެތްކަން ފާހަގަކުރައްވައި ގާސިމް ވިދާޅުވި އެވެ.

ކޯލިޝަނެއް ނެތް، ތިބީ ބިރުދައްކައިގެން

ސަރުކާރު ކޯލިޝަންތެރޭ ޖޭޕީ އޮތުމާ ބެހޭ ގޮތުންނާއި ސަރުކާރުގެ ތެރޭތިބި ޖޭޕީގެ މީހުންނާ މެދު ފިޔަވަޅު ނާޅާ ކަމަށް ބުނާތީ ގާސިމް ރޭ ވިދާޅުވީ ކޯލިޝަނެއް ނެތް ކަމަށެވެ. މިދިޔަ އެޕްރީލް ތެރޭ ޖޭޕީން ވަކިވެ އެމްޑީޕީއަށް ސޮއިކުރި އަލީ ހަމީދަށް އިޝާރާތް ކުރައްވައި ގާސިމް ވިދާޅުވީ އޭނާ ވެސް އެމްޑީޕީއަށް ސޮއިކުރީ ވިޔަފާރީއަށް ހުރަަސް އެޅިދާނެތީ ބިރުން ކަމަށެވެ.

ޖޭޕީގެ ސްލޮޓެއްގައި ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމުގައި ހުންނެވެމަށް ފަހު މިފަހުން އެމްޑީޕީއަށް ސޮއިކުރެއްވި އަހްމަދު ސަމީރަށް ވެސް ގާސިމް ފާޑުވިދާޅުވި އެވެ. އޭނާ ވިދާޅުވީ ސަމީރުގެ ކަމަކީ ޖޭޕީގެ މެމްބަރުން ރައީސް އޮފީހަށް ގެންގޮސްގެން ބާރުވެރިކަން ދެއްކުން ކަމަށެވެ.

"އަޅުގަނޑުމެންގެ އެސްޖީއަކަށް ހުންނެވި ސަމީރުގެ ރެއާއި ދުވާލުގެ މަސައްކަތަކީ އަޅުގަނޑުމެން ޕާޓީގައި ތިބި ބައެއް މެމްބަރުން ކޮންވިސްކޮށްގެން ރައީސް އޮފީހަށް ގެންގޮސްގެން ބޮޑު ގޮނޑިދައްކައިގެން، ބަލަ ތަންކޮޅެއް ލަދު ހަޔާތްކުޑަ ދޯ މިވަރު. ލަދެއް ހަޔާތެއް ހުންނަންޖެހޭނެ ދޯ ސަމީރެއް ކަމަކު އެހެން މީހެއް ކަމަކު." ކާޅަކަށް ދުވަހެއް އައްޔާ ވާލަކަށް ވެސް ދުވަހެއް އަންނާނެ ކަން ދެނެ މާދަމާއެއް އޮތްކަން ގަބޫލުކޮށްގެން ތިބުމަށް އިލްތިމާސްކޮށް ގާސިމް ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް