ޕެރެޑައިސް އައިލެންޑުގައި މިއަދު ބޭއްވި ޖޭޕީގެ ކައުންސިލް ބައްދަލުވުުމުގައި އެ ޕާޓީގެ ލީޑަރު ގާސިމް ވާހަކަދައްކަވަނީ (ފޮޓޯ/ޖޭޕީ)

މަޖިލީހުގައި މަރުތަޅު އެޅުވުމުގެ ޒިންމާ ނަންގަވަން ޖެހޭނީ ރައީސް ސޯލިހު: ގާސިމް

ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ހުއްޓި، "މަރުތަޅު" އެޅުވުމުގެ ޒިންމާ ނަންގަވަން ޖެހޭނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކަމަށް ވިދާޅުވެ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

މައްސަލަ- މަޖިލީހުގައި ސިޔާސީ ޕާޓީތައް ތަމްސީލުކުރާ މެމްބަރުންގެ އަދަދަށް އައި ބަދަލާ ގުޅިގެން އޮތީ އެ އިދާރާގެ ދާއިމީ ކޮމިޓީތަކަށް ބަދަލު ނުގެނެވި އެވެ. އެ ބަދަލު ނުގެނެވިގެން އުޅެނީ ޕާޓީތަކަށް އެއްބަސްވުމަކަށް ނާދެވިގެންނެވެ. އަދި ސަރުކާރު ހިންގާ މާއި ޕާޓީ އެމްޑީޕީން ތުހުމަތުކުރަނީ އެ މަސައްކަތް ލަސްކުރައްވަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކަމަށެވެ. ކޮމިޓީތައް އެކުލަވާލެވިފައިނުވާތީ ނަޝިދާއި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެސް އޮތީ މަޑުޖެހިފަ އެވެ. 

ވީ ކިިހިނެއް؟- ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށާއި އެމަނިކުފާނުގެ ސަރުކާރަށް ފާޑުވިދާޅުވެ މާމިގިލީ ދާއިރާގެ މެމްބަރު ކަން ވެސް ކުރައްވާ ގާސިމް ވާހަކަ ދެއްކެވީ ޕެރެޑައިސް އައިލެންޑް ރިސޯޓުގައި މިއަދު ބޭއްވި ޖޭޕީގެ ކައުންސިލް ބައްދަލުވުމުގަ އެވެ.

ބުނީ ކީކޭ؟- ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖޭޕީގެ ފަރާތުން ވާދަކުރައްވާ ގާސިމް ވިދާޅުވީ މަޖިލީހުގައި މަރުތަޅު އެޅުވީ ރައީސް ސޯލިހު ނިސްބަތްވެވަޑައިގަންނަވާ ޕާޓީ، އެމްޑީޕީން ކަމަށެވެ. އަދި ނަޝީދާއި އީވާގެ މައްސަލަ އެއްވަގުތެއްގައި ހުށަހެޅި އިރު، އެ ހާލަތަށް މަޖިލީސް ދާނެކަން އެ ޕާޓީއަށް ރަނގަޅަށް ނޭނގެނީތޯ ގާސިމް ސުވާލު އުފެއްދެވި އެވެ.

އެކަން ފާހަގަކުރައްވަމުން ގާސިމް ވިދާޅުވީ މަޖިލީސް ހުއްޓުވުމުގެ ޒިންމާ ރައީސް ނަންގަވަންޖެހޭ ކަމަށެވެ.

"ރައީސުލްޖުމްހުރިއްޔާ ޖެހޭނެ އެ ޒިންމާ އުފުލަން. ރައީސުލްޖުމްހޫރިއްޔާ ނިސްބަތްވާ ޕާޓީން އެކަން ކުރީ. އެހެން ނުކުރެވޭނެ އެކަމެއް. އެކަން ކޮށްގެންނުވާނެ. އެއީ ރަނގަޅު މިސާލެއް ނޫން ދައްކާކަށް،" ގާސިމް ވިދާޅުވި އެވެ.

ގާނޫނު އަސާސީއަށް އަމަލުކުރުމަށް ސަރުކާރަށް ގޮވާލައްވަމުން ގާސިމް ރައީސް ސޯލިހަށް ވަރަށް' ބޮޑަށް ފާޑުވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި މަޖިލީސް މިހާލަތަށް ގެނައީ، ރައީސް "ބާރުގައި" ހުންނެވުމަށް ކަމަށެވެ. އަދި ރައީސް ގެންދަވަނީ "ގޯސް މައްޗަށް ގޯސް" ހައްދަވަމުން ކަމަށާއި ދެން ދެވަނަ ދައުރެއްގެ ވާހަކަ ރަނގަޅުވާނީ ނުދެއްކެވިއްޔާ ކަމަށް ގާސިމް ވިދާޅުވި އެވެ.

"ހިތިބޭސް ވެސް ފަރިކުޅުއްވަންޖެހޭ. އެކަމަކު ބާރުގައި ހުންވަންށޭ ކިޔައިގެން އެހެނެއް ކަންތަކެއް ނުކުރެވޭނެ. ކުރެއްވީމާ ރަނގަޅެއް ނުވާނެ،" ގާސިމް ވިދާޅުވި އެވެ.

"މިހާރު މަނިކުފާނު ތިޔަ ހައްދަވަނީ ގޯސްމައްޗަށް ގޯސް. ޅަ އިހަލުން ހަރު އެއްޗެހި އަޅަމުން އަޅަމުން ގޮސް މިހާރު ދެން ނެތް ގޮބޮޅިއެއް ވެސް ނާޅާ. ހުރިހާ އެއްޗެއް އަޅާ ނިމެނީ. އެހެންވީމާ މަނިކުފާނު ދެން އިތުރަށް ކުރިމަތިލައްވައިގެން ތިމަންނާ ވެރިކަމަށް ވަޑައިގަންނަވާށޭ ކިޔައިގެން އުޅުއްވުމުގެ މާނައެއް ނެތް."

އިތުރު އާޓިކަލް

އިތުރު އާޓިކަލް