ރައިސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިއުވާން ވާހަކަދައްކަވަނީ. (ފޮޓޯ/ ރައީސް އޮފީސް)

ސިޔާސީ ޕާޓީތައް

އިދިކޮޅުން ސަރުކާރުގެ މަސައްކަތަށް ހުރަސްއަޅައި މުވައްޒަފުންނަށް ފުރައްސާރަކުރޭ: މިއުވާން

ސިޔާސީ ޕާޓީތަކުން އަމަލުކުރަން އޮންނަ އުސޫލުގެ ތެރެއިން މަސައްކަތްކުރަން މިއުވާން ގޮވާލެއްވި

ބައެއް ސިޔާސީ ޕާޓީތަކުގެ ބޭފުޅުން ސަރުކާރުގެ އިދާރާތަކާއި ދައުލަތުގެ މުއައްސަސާތަކުގެ މަސައްކަތްތަކަށް ހުރަސްއަޅައި އެ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ފުރައްސާރަ ކުރަމުން ގެންދާ ކަމަށް ބުނެ ސަރުކާރުން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ވީ ކިހިނެއް؟ - ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެ އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު އެކަމާ މެދު ކަންބޮޑުވުން ފާޅުކުރައްވާފައިވަނީ، އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ރައީސް އޮފީހަށާއި ދައުލަތުގެ މުއައްސަސާތަކަށް މިހާރު ދާ ދިއުމަށާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ އުފައްދަވަން މަސައްކަތް ކުރައްވާ 'ދަ ޑިމޮކްރެޓްސް' ރަޖިސްޓްރީކުރުން ލަސްވާތީ އެ ޕާޓީގެ އިސް ބޭފުޅުން އިލެކްޝަންސް ކޮމިޝަނަށް ވަޑައިގެންނެވި ވަޑައިގެންނެވުމަށް އިޝާރާތްކުރައްވަ އެވެ.

ބުނީ ކީކޭ؟ - "އޮފީސްތަކުގައި މަސައްކަތްކުރައްވާ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރާ އަދި އޮފީސްތަކުން ރައްޔިތުންނަށް ދޭ ހިދުމަތްތަކަށް ހުރަސް އެޅުން އެއީ ބަލައިގަނެވޭނެ ކަމެއް ނޫން،" މިއުވާން ވިދާޅުވި އެވެ.

"ސިޔާސީ ޕާޓީތަކުން އަމަލުކުރަން އޮންނަ އުސޫލުތަކުގެ ތެރެއިން ޒިންމާދާރުކަމާ އެކު މަސައްކަތް ކުރުމަށް [ދަންނަވަން]."

އެނގުން މުހިއްމު - ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިއްވާފައިވާ ޖަލު ހުކުމްގެ އިސްތިއުނާފުގެ މައްސަލަ ބާރު ސްޕީޑެއްގައި ނުގެންގޮސް، ކްރިމިނަލް ކޯޓުގައި ހިނގަމުންދާ ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅޭ މައްސަލަ އަވަސް އަރުވާލައިގެން ކުރިއަށް ގެންދާ ކަމަށް ބުނެ، އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ލީޑާޝިޕާއި ސަޕޯޓަރުން ވަނީ މިދިޔަ ހަފްތާ އާއި މި ހަފްތާގައި ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލުކުރެެއްވުމަށް ކަމަށް ވިދާޅުވެ، ރައީސް އޮފީހަށް ވަޑައިގެންފަ އެވެ.

އެ ބޭފުޅުން ވަނީ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ފަދަ ދައުލަތުގެ އިދާރާތަކަށް ވެސް ވަޑައިގެން، ގިނަ ވަގުތުތަކެއް އެ ތަންތަނުގެ ކައުންޓަރު ސަރަހައްދުގައި ހޭދަކުރައްވާފަ އެވެ.

ސަރުކާރުގެ ނުފޫޒުން އެއްކިބާވެގެން މަސައްކަތް ކުރަން އެކުލަވާލާފައިވާ ބައެއް މިނިވަން މުއައްސަސާތަކުން އަމަލުކުރަމުންދަނީ ނުފޫޒު އޮވެގެން ކަމުގެ ތުހުމަތުކޮށް، ބައެއް މުއައްސަސާތަކުގެ ކުރިމަތީގައި ޕާޓީތަކުން އިހުތިޖާޖުކޮށްފައިވެ އެވެ. އެގޮތުން:

  • އެޗްއާރުސީއެމް އޮތީ ސަރުކާރުގެ ނުފޫޒުގެ ދަށުވެފައި ކަމަށް އިދިކޮޅު ޕީޕީއެމް-ޕީއެންސީން ތުހުމަތު ކުރޭ

  • ނަޝީދަށް ތާއީދުކުރައްވާ މެމްބަރުންތަކެއް އިސްވެ ތިއްބަވާ އުުފައްދާ 'ދަ ޑިމޮކްރެޓްސް' ޕާޓީ ރަޖިސްޓްރީކޮށްދިނުން އިލެކްޝަން ކޮމިޝަނުން ލަސްކުރާ ކަމަށް ބުނެ ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅޭ ފަރާތްތަކުން އެ ކޮމިޝަންގެ އިދާރާއަށް އެއްވި

  • ޕާޓީ އުފެއްދުމުގެ ހުއްދަ ނުދޭހާ ހިނދެއްގައި އީސީގެ އިދާރާއިން ނުނުކުންނާނެ ކަމަށް ބުނެ، އެ ބޭފުޅުން އެތަށް އިރެއް ވަންދެން ތިއްބެވި

އިތުރު އާޓިކަލް

އިތުރު އާޓިކަލް