އަހްމަދު ނާޒިމް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި. (ފައިލް ފޮޓޯ/މަޖިލިސް)
ނާޒިމްގެ ގޮނޑި ގެއްލިގެން ލިބުނު ގެއްލުމުގެ ބަދަލު ހޯދަން އެދެވޭނެ: ސުޕްރީމް ކޯޓު
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަހްމަދު ނާޒިމްގެ މައްޗަށް 2015 ވަނަ އަހަރު އިއްވި އުމުރު ދުވަހުގެ ޖަލު ހުކުމާ ގުޅިގެން ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ސިވިލް ކޯޓުގައި ދައުވާކުރެވިދާނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ކަނޑައަޅައިފި އެވެ. މިއަދުން ފެށިގެން 14 ދުވަހުގެ ތެރޭގައި ނާޒިމްގެ ފަރާތުން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފި ނަމަ، އެ މައްސަލަ ބަލައި ގޮތެއް ކަނޑައެޅުމަށް ވެސް ސުޕްރީމް ކޯޓުން ސިވިލް ކޯޓަށް މިއަދު އަމުރުކުރި އެވެ.
މައްސަލައިގެ ފެށުން - ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ގާތް ގުޅުމެއް އޮތް ނަމަވެސް މިހާރު ހަތުރުންނަށް ވެފައިވާ ނާޒިމްގެ މައްޗަށް މަކަރާއި ހީލަތް ހެދުމުގެ ކުށުގެ ދައުވާ ދައުލަތުން އުފުލީ 2010 ވަނަ އަހަރުގެ ތެރޭގަ އެވެ. ކްރިމިނަލް ކޯޓުން އެ ފަހަރު ނިންމީ އެ މައްސަލަ ނާޒިމްގެ މައްޗަށް ސާބިތު ނުވާ ކަމަށެވެ. އޭގެ ފަހުން:
-
2012 - ދައުވާ ސާބިތުނުވުމުން، ކްރިމިނަލް ކޯޓުގެ ނިންމުން ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފް ކުރި؛ ހައި ކޯޓުން ވެސް ނިންމީ ކްރިމިނަލް ކޯޓުގެ ނިންމުމަށް ބަދަލު ގެންނަން ނުޖެހޭ ކަމަށް
-
2014 - ހައި ކޯޓުގެ ނިންމުން ދައުލަތުން ސްޕްރީމް ކޯޓުގައި އިސްތިއުނާފް ކުރި
-
6 އެޕްރީލް 2015 - ސުޕްރީމް ކޯޓުން ނާޒިމްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި 25 އަހަރުގެ ޖަލު ހުުކުމެއް އިއްވި
-
މި ހުކުމާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަން އަދާކުރައްވަމުން ގެންދެވި ނާޒިމްގެ މެމްބަރު ކަމުގެ ގޮނޑި ގެއްލުނު
-
25 އޮކްޓޯބަރު 2018 - އުމުރު ދުވަހުގެ ޖަލު ހުކުމް އަލުން ބަލައިދިނުމަށް އެދި ނާޒިމްގެ ފަރާތުން ހުށަހެޅި
-
13 ޑިސެމްބަރު 2018 - ނާޒިމާ އެއްކޮޅަށް މައްސަލަ ނިމި، ޖަލު ހުކުމުން މިނިވަންވި
ވީ ކިހިނެއް؟ - އެ މައްސަލަ ސުޕްރީމް ކޯޓުން ބާތިލުކުރުމުން، އޭނާގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވުމުގެ ސަބަބުން އަސާސީ ހައްގުތަކާއި މިިނިވަންކަން ގެއްލުނު ކަމަށް ބުނެ، ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ނާޒިމް ސިވިލް ކޯޓަށް ހުށަހެޅި އެވެ.
ނާޒިމް ސިވިލް ކޯޓުގައި އެދިވަޑައިގަތީ:
-
އުމުރު ދުވަހުގެ ޖަލު ހުކުމުގެ ސަބަބުން ގެއްލުނު ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ މުސާރަ އާއި އިނާޔަތްތަކަކީ ދައުލަތުން ދޭން ޖެހޭ އެއްޗެއްގެ ގޮތުގައި ކަނޑައަޅައިދިނުމަށް
-
އެހެނިހެން ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާކުރުމުގެ ހައްގު އޮތް ކަމަށް ކަނޑައަޅައިދިނުމަށް
-
މި ދައުވާއާ ގުޅިގެން ސިވިލް ކޯޓުގެ ރަޖިސްޓްރާ ނިންމަވާފައިވަނީ، އެ މައްސަލަ ބެލުމުގެ އިހްތިސޯސް އެ ކޯޓަށް ލިިބިގެން ނުވާ ކަމަށް
-
އެ ނިންމުމާ މެދު ހިތްހަމަނުޖެހިގެން ނާޒިމްގެ ފަރާތުން ސިވިލް ކޯޓަށާ އަދި ފަހުން ހައި ކޯޓަށް ހުށަހެޅި މައްސަލާގައި ވެސް ނިންމާފައި ވަނީ އެ މައްސަލަ ބެލޭނެ ތަނެއް ނެތް ކަމަށް
ބަދަލު ހޯދުމަށް ދަށު ކޯޓުތަކަށް ހުށަހެޅި މައްސަލަތައް ނާޒިމްއާ ދެކޮޅަށް ނިމުމުން މި މައްސަލަ ދެން އޭނާ ހުށަހެޅުއްވީ ސްޕްރީމް ކޯޓަށެވެ. މި މައްސަލާގައި މިއަދު ސްޕްރީމް ކޯޓުން ހުކުމް ކުރީ، އެ މައްސަލަ އަކީ ނާޒިމްގެ ފަރާތުން ކުރިއަށް އޮތް 14 ދުވަހުގެ ތެރޭގައި ހުށަހަޅައިފި ނަމަ، ސިވިލް ކޯޓުން ބަލަައި ގޮތެއް ނިންމަން ޖެހޭނެ މައްސަލައެއް ކަމަށެވެ.
ތަފްސީލް - ސުޕްރީމް ކޯޓުގެ ހުކުމްގައި ބުނީ:
-
ގާނޫނަކުން ނުވަތަ ގަވާއިދަކުން ވަކި ބާވަތެއްގެ މައްސަލައެއް ބެލުމުގެ އިހްތިސޯސް ސިވިލް ކޯޓަށް ލިބިގެން ނުވާ ކަމަށް ސަރީހަ އިބާރާތުން ބަޔާންކޮށްފައި ނުވާ ހުރިހާ ބާވަތެއްގެ މައްސަލަ ސިވިލް ކޯޓުން ބަލަންވާނެ
-
މައްސަލަ ހުށަހެޅުމަށް ވަކި ފޯމެއް ނެތުމުގެ ސަބަބުން ނުވަތަ ދައުވާގެ ބާވަތް ގަވާއިދެއްގައި ބަޔާންކޮށްފައި ނުވުން ފަދަ ސަބަބުތައް މަތިކޮށް މައްސަލަތައް ބަލައިގަތުމުގެ ދޮރު ބަންދުކޮށްގެން ނުވާނެ
-
އެއީ، ސިވިލް ކޯޓަކީ ގާނޫނުގައި އެހެން ގޮތަކަށް ބަޔާން ނުކުރާހާ ހިނދަކު އާންމު މަދަނީ ދައުވާތައް ބެލުމުގެ އިހްތިސޯސް އޮންނަ ކޯޓަށް ވާތީ
-
މައްސަލަ ބަލައިނުގަތުމަށް ސިިވިލް ކޯޓުގެ ރަޖިސްޓްރާ ނިންމި ސަބަބުތަކަށް ސިވިލް ކޯޓުންނާއި ހައި ކޯޓުން ތާއީދުކޮށްފައިވަނީ ގާނޫނާ ހިލާފަށް
އެނގުން މުހިންމު - ދައުލަތުން ނާޒިމްގެ މައްޗަށް މަކަރާ ހީލަތުގެ ކުށުގެ ދައުވާ އުފުލީ، ކުރީގެ މިނިސްޓްރީ އޮފް އެޓޯލްސް ޑިވިލޮޕްމަންޓަށް 15،000 ދިދަ ގަތުމަށް 2003 ވަނަ އަހަރު ކުރި އިއުލާނަކާ ގުޅިގެން ނާޒިމްގެ ހިއްސާ އޮންނަ ނަމީރާ އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރަކަށް ނާޒިމް ހުންނަވައި އެ މަޝްރޫއުއަށް އެސްޓިމޭޓް ހުށަހަޅުއްވައި މަކަރާ ހީލަތުން އެ ބިޑު ކާމިޔާބުކުރެއްވި ކަމަށް ބުނެ އެވެ.
ދައުލަތުން 2010 ވަނަ އަހަރު ނާޒިމްގެ މައްޗަށް ކުރި ދައުވާގައިވާ ގޮތުން:
-
އެ މަޝްރޫއު ކާމިޔާބުކުރުމަށް ނަމީރާ ކުންފުނީގެ ތަކެއްޗާއި މުވައްޒަފުން ބޭނުންކޮށްގެން، ރާއްޖޭގައި ރަޖިސްޓްރީ ނުކުރާ ހަތަރު ކުންފުންޏެއްގެ ނަމުގައި ލެޓާހެޑް ހަދައި މަޝްރޫއުއަށް އެސްޓިމޭޓް ހުށަހެޅި
-
މަޝްރޫއު ކާމިޔާބުކޮށް، އެ މަޝްރޫއަށް ކަނޑައަޅާފައިވާ އަގު ކަމަށްވާ 1.4 މިލިއަން ރުފިޔާ، ނާޒިމްގެ ހިއްސާ އޮންނަ ނޭޒާ އެންޓަޕްރައިސަސްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގައި ހުުޅުވާފައިވާ އެކައުންޓަކަށް ޖަމާކުރި
-
އެ ފައިސާގެ ތެރެއިން 810،000ރ.، ނާޒިމްގެ މެނޭޖިން ޑިރެކްޓަރު ކަމުގެ ދަށުން ހިންގާ ނަމީރާ ކުންފުނީގެ ނަމުގައި ބީއެމްއެލްގައި ހުޅުވާފައިވާ އެކައުންޓަކަށް ޖަމާކުރި