ދަރުމަވަންތަ ސްކޫލްގައި ކުރިއަށް ދިޔަ އެމްޑީޕީގެ އަންހެނުންގެ ރޫހުގެ މެނިފެސްޓޯ ވޯކްޝޮޕްގައި ހިސާން ވާހަކަދައްކަވަނީ. (ފޮޓޯ/އެމްޑީޕީ)

އެމްޑީޕީ

ޝަރުއީ ދާއިރާގެ ހުރިހާ ދިމާލެއްގެ އިސް ސަފުގައި ތިބީ އަންހެނުން؛ ފަހުރުވެރިވޭ: ހިސާން

ހިސާން ވިދާޅުވި ގޮތުގައި، އެމްޑީޕީ ސަރުކާރުން 2018 ވަނަ އަހަރު ވެރިކަމާ ހަވާލުވިއިރު، މެޖިސްޓްރޭޓް ކޯޓުތައް ހިމެނޭ ގޮތަށް ރާއްޖޭގައި ތިބީ އެންމެ 10 އަންހެން ފަނޑިޔާރުން

ރާއްޖޭގެ ޝަރުއީ ދާއިރާ ހިންގަވަން މިހާރު ތިއްބެވީ އަންހެނުން ކަމަށާއި އެއީ މި ސަރުކާރުން ގެނައި ބަދަލުތަކާ އެކު ލިބުނު ފަހުރުވެރިވާ ކުރިއެރުމެއް ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސް ހިސާން ހުސެއިން އިއްޔެ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ހިސާން އެހެން ވިދާޅުވީ، އިއްޔެ ދަރުމަވަންތަ ސްކޫލްގައި ބޭއްވި އެމްޑީޕީގެ އަންހެނުންގެ ރޫހުގެ މެނިފެސްޓޯ ވޯކްޝޮޕްގައި ވާހަކަދައްކަވަމުންނެވެ.

ތަފްސީލް - ހިސާން ވިދާޅުވި ގޮތުގައި، އެމްޑީޕީ ސަރުކާރުން 2018 ވަނަ އަހަރު ވެރިކަމާ ހަވާލުވިއިރު، މެޖިސްޓްރޭޓް ކޯޓުތައް ހިމެނޭ ގޮތަށް ރާއްޖޭގައި ތިބީ އެންމެ 10 އަންހެން ފަނޑިޔާރުންނެވެ. ޝަރުއީ ދާއިރާގައި މަސައްކަތްކުރާ 200އަށް ވުރެ ގިނަ ފަނޑިޔާރުންގެ ތެރޭގައި އެހާ މަދު އަދަދެއްގެ އަންހެނުން ތިބުމުން، މި ސަރުކާރުގެ މަސައްކަތަކަށްވީ ތަމްރީނާއި ތަޖުރިބާ ލިބިފައިވާ އަންހެން ފަނޑިޔާރުންގެ އަދަދު ގިނަ ކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއަދު އަޅުގަނޑު ފަހުރުވެރިކަމާ އެކު ބުނެލަން ބޭނުންވޭ، މިއަދު މުޅި ޖުޑިޝަރީ ލީޑުކުރައްވަން މި ތިއްބެވީ އަންހެން ބޭފުޅުންކަން،" ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރުންކަން ވެސް ކުރައްވާ ހިސާން ވިދާޅުވި އެވެ.

ހިސާން ވިދާޅުވި ގޮތުގައި:

  • 2018 ވަނަ އަހަރު، ހައި ކޯޓާއި ސުޕްރީމް ކޯޓުގައި ވެސް އެއްވެސް އަންހެން ފަނޑިޔާރަކު ނެތް؛ 2018ގެ ކުރިން ހައި ކޯޓުގައި އަންހެން ފަނޑިޔާރަކު ހުންނެވިޔަސް، އޭނާ ފަހުން އިސްތިއުފާ ދެއްވި

  • ސުޕްރީމް ކޯޓާއި ހައި ކޯޓު އެއްކޮށްލުމުން، މިހާރު ކޯޓުތަކުގައި ތިއްބެވި އަންހެން ފަނޑިޔާރުންގެ އިންސައްތައަކީ %42؛ މިއީ އެކަށީގެންވާ ވަރުގެ މަތިވުމެއް

  • މުޅި ރާއްޖޭގެ ހުރިހާ ކޯޓުތަކެއްގެ އިދާރީ އިންތިޒާމުތަކެއް ހަމަޖައްސައި ކޯޓުތައް ހިނގާ ނުހިނގާ ގޮތް ބަލަން އޮތް މުއައްސަސާ ކަމަށްވާ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގެ އިސް ވެރިއަކަށް ހުންނެވީ އަންހެނެއް

  • ފަނޑިޔާރުން ތަމްރީން ކުރުމުގެ މަސައްކަތް ކުރާ ޖުޑީޝަލް އެކަޑަމީގެ އިސް ވެރިއަކަށް ހުންނެވީ ވެސް އަންހެނެއް

އެނގުން މުހިންމު - ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 2018 އިން ފެށިގެން މިހާތަނަށް ރާއްޖޭގެ ކޯޓުތަކުގައި އަންހެން ފަނޑިޔާރުން ތިބި މިންވަރު ވަނީ މަތިވެފަ އެވެ. އެގޮތުން:

  • 2018 - 10

  • 2019 - 12

  • 2020 - 16

  • 2021 - 20

  • 2022 - 23

  • 2023 - 26

އިތުރު އާޓިކަލް

އިތުރު އާޓިކަލް