ޝަރުއީ ދާއިރާގެ ހަރަކާތެއްގައި ރައީސް އިބްެރާހިމް މުހައްމަދު ސޯލިހާއި އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ބައިވެރިވެވަޑައިގަންނަވަނީ. (ފައިލް ފޮޓޯ/ރައީސް އޮފީސް)

ޖުޑިޝަރީ

ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް ސިޔާސީ ކަންކަމުގައި އުޅެވޭ ގޮތް ހަދައިފި

އާއްމުންގެ މެދުގައި ސިޔާސީ ގޮތުން ދެބަސްވުން އުފެދިފައިވާ ނުވަތަ އުފެދިދާނެ ކަންކަމާ ގުޅޭ ބަހުސްތަކާއި ކެމްޕެއިންތަކުގައި އަދިވެސް ނޫޅެވޭނެ

ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުން މަނާކުރާ ބާބު 'ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދު'ން އުނިކޮށް، ޝަރުއީ ދާއިރާ މުވައްޒަފުންނަށް ވެސް ސިޔާސީ ޕާޓީތަކާއި ސިޔާސީ ހަރަކާތްތައް ހިންގާ ޖަމިއްޔާ ޖަމާއަތްތަކުގެ މެމްބަރުކަން ކުރެވޭނެ ގޮތަށް އެ ދާއިރާގެ މުވައްޒަފުންގެ 'ކޯޑް އޮފް ކޮންޑަކްޓް'ގައި ހިމަނައި އާއްމުކޮށްފި އެވެ.

ވީ ކިހިނެއް؟ - މިދިޔަ ބްރާސްފަތި ދުވަހު އާއްމުކުރި 'ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ކޯޑް އޮފް ކޮންޑަކްޓް'އާ އެކު، 'ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދު'ގެ ބައެއް ބާބުތަކާއި މާއްދާތައް ވަނީ ބާތިލުވެފަ އެވެ. އަދި އެ ގަވާއިދުގައި ހިމެނޭ ބައެއް ބާބުތަކަށް ވަނީ އިސްލާހު ގެނެސްފަ އެވެ.

ތަފްސީލް - ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދުުން އުވާލި ބާބުތަކަކީ:

  • ގަވާއިދުގެ 2 ވަނަ ބާބު - ގަވާއިދުގައި ހިމަނާފައިވާ 'މުވައްޒަފުންގެ ކޯޑް އޮފް ކޮންޑަކްޓް'

  • ގަވާދުގެ 22 ވަނަ ބާބު - މުވައްޒަފުންނަށް ގޯނާ ކުރުން: އިސްލާހުތަކާ އެކު، އަލަށް އާއްމުކޮށްފައިވާ ކޯޑް އޮފް ކޮންޑަކްޓުގައި މި ބައި ހިމަނާފައިވޭ

  • ގަވާއިދުގެ 26 ވަނަ ބާބު - ޝަރުއީ ދާއިރާގެ އިންފޮމޭޝަން ޓެކްނޮލަޖީ އާއި ޑޭޓާ ސެކިއުރިޓީއާ ބެހޭ؛ އިސްލާހުތަކާ އެކު، އަލަށް އާއްމުކޮށްފައިވާ ކޯޑް އޮފް ކޮންޑަކްޓުގައި މި ބައި ހިމަނާފައިވޭ

  • ގަވާއިދުގެ 27 ވަނަ ބާބު؛ ޝަރުއީ ދާއިރާގެ މުވައްޒަފުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުން؛ ސިޔާސީ ހަރާކާތްތަކުގައި ބައިވެރިވުން މަނާކުރާ ކުރުން އުވާލައި ސިޔާސީ ހަރާކާތްތަކުގައި ބައިވެރިވެވޭނެ ގޮތަށް، އިސްލާހުތަކާ އެކު ކޯޑް އޮފް ކޮންޑަކްޓުގައި ހިމަނާފައިވޭ

ތަފްސީލް - މިހާރު އަމަލުކުރަން ފަަށާފައިވާ ކޯޑް އޮފް ކޮންޑަކްޓުގައި، ސިޔާސީ ހަރާކާތްތަކުގައި ބައިވެރިވުމާ ގުޅޭ އުސޫލުތައް ހިމަނާފައިވަނީ، 'ޝަރުއީ ދާއިރާގެ މިނިވަންކަން ހިފެހެއްޓުމާއި އިތުބާރު ދެމެހެއްޓުން' މާއްދާގެ ތެރޭގަ އެވެ.

މި މާއްދާގައި ބުނެފައިވަނީ، އެއްވެސް މުވައްޒަފެއްގެ ނަޒާހާތްތެރިކަމާ މެދު ސުވާލު އުފެދިދާނެ އެއްވެސް ކަމެއް ކޮށްގެން ނުވާނެ ކަމަަށާއި ޝަރުއީ ދާއިރާގެ މިނިވަންކަމާއި އެ ދާއިރާއަށް ރައްޔިތުންކުރާ އިތުބާރަށް އުނިކަން އަންނާނެ ކަންކަން ކުރުމުން ދުރުހެލިވާންވާނެ ކަމަށެވެ. މީގެ ތެރޭގައި ސިޔާސީ ހަރަކާތް މާނަކޮށްފައިވަނީ:

  • ސިޔާސީ ވަކި ޕާޓީއެއް ނުވަތަ ސިޔާސީ މަގާމަށް ވާދަކުރާ ވަކި ކެންޑިޑޭޓެއްގެ މަގުބޫލުކަން އިތުރުކުރުމަށް ނުވަތަ މަގުބޫލުކަން ކުޑަކުރުމަށް ހިންގާ ހަރަކާތްތައް 

  • އާއްމުންގެ މެދުގައި ސިޔާސީ ގޮތުން ދެބަސްވުން އުފެދިފައިވާ ނުވަތަ އުފެދިދާނެ ކަންކަމާ ގުޅޭ ބަހުސްތަކާއި ކެމްޕެއިންތައް

މިގޮތަށް މި މާއްދާ އޮތް ނަމަވެސް، ސިޔާސީ ހަރަކާތްތަކުގެ ތެރެއިން ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް ބައިވެރިވެވިދާނެ ކަންތައްތަކެއް ބަޔާންކޮށް، އެ މާއްދާގައި ހިމަނާފައިވެ އެވެ. އެއީ:

  • ސިޔާސީ ޕާޓީއެއް ނުވަތަ ސިޔާސީ ހަރަކާތެއް ހިންގާ ޖަމިއްޔާއެއް ނުވަތަ ޖަމާއަތެއްގެ މެންބަރަކަށް ވުން

  • ސިޔާސީ ޕާޓީއެއްގެ ނުވަތަ ސިޔާސީ ހަރަކާތެއްގެ އެތެރޭގެ އިންތިހާބެއްގައި ވޯޓުލުން

  • އަމިއްލައަށް ވޯޓުލާ މަރުކަޒަށް ހާޒިރުނުވެވޭ ތިމާގެ މީހަކު ވޯޓުލާ މަރުކަޒަށް ހާޒިރުވުމުގައި އެހީތެރިވެދީ އުޅުން

  • އާއްމުންގެ މެދުގައި ބައިބައިވުން އުފެދިފައި ނުވާ ނުވަތަ އުފެދިދާނޭ ކަމަށް ނުބެލެވޭ އަދި އެ ކަމެއްގައި އުޅުމުގެ ސަބަބުން ޝަރުއީ ދާއިރާގެ މިނިވަންކަމަށް ނުވަތަ އެ ދާއިރާއަށް ކުރާ އިތުބާރަށް ނޭދެވޭ އަސަރުނުކުރާނޭ ނުވަތަ ނަޒާހާތްތެރިކަމާ މެދު ސުވާލު ނުއުފެދޭނެ ފަދަ އިޖްތިމާއީ ހަރަކާތްތަކުގައި ބައިވެރިވުން

އެނގުން މުހިންމު - ކުރީގެ ގަވާއިދުގައި، ޝަރުއީ ދާއިރާގެ އެއްވެސް މުވައްޒަފަކު އެއްވެސް ގޮތަކަށް ސިޔާސީ ހަރަކާތެއްގައި ބައިވެރިވުން މަނާކުރާ މާއްދާއެއް އޮވެ އެވެ. ނަމަވެސް، އަލަށް އަމަލުކުރަން ފެށި ކޯޑް އޮފް ކޮންޑަކްޓުގައި އެ މާއްދާ ހިމަނާފައެއް ނުވެ އެވެ. 

ގަވާއިދުގައި ކުރިން އޮންނަ އޮންނަ ގޮތުން:

  • އެއްވެސް ސިޔާސީ ޕާޓީއެއްގެ ނުވަތަ ސިޔާސީ ހަރަކާތެއްގެ އެއްވެސް މަގާމެއް ފުރުމާއި އެއްވެސް ވަޒީފާއެއް އަދާކުރުން އަދި ކޮމެޓީއެއްގެ މެމްބަރުކަން ކުރުމަކީ މަނާކަމެއް

  • އިންތިހާބުކުރެވޭ ސިޔާސީ އެއްވެސް މަގާމަކަށް ކުރިމަތިލުން މަނާވާނެ

  • ސިޔާސީ ޕާޓީއެއްގެ ނުވަތަ ސިޔާސީ ހަރަކާތެއްގެ އެތެރޭގެ ވޯޓުލުމުގައި ބައިވެރިވެ ވޯޓުލުމާއި އެފަދަ ތަނެއްގެ އޮބްޒާވަރެއްގެ ގޮތުގައި ހަރަކާތެރިވުމާއި އެފަދަ ތަނަކަށް އާއިލާ މީހަކު ވިޔަސް ގެންގޮސްދިނުމަކީ މަނާކަމެއް

  • ސިޔާސީ ކެމްޕެއިނަކަށް އެއްބާރުލުންދީ، އެފަދަ ތަނެއްގައި ހަރަކާތްތެރިވުމާއި ތަގުރީރުކުރުމާއި ޕެޓިޝަން ފަދަ ތަކެއްޗަށް ސޮއި ހޯދައިދިނުމަށް އެހީތެރިވުމާއި އެފަދަަ އެއްވެސް ހަރަކާތެއްގެ ލިޔެކިއުން ބެލެހެއްޓުމަކީ ވެސް މަނާކަމެއް

ކޮމެންޓް (2)

އިބްރާހީމް

18 ޖޫން 2023
ވަކި ފަރާތަކަށް ޖެހިފައި ތިބޭ ސިޔާސީ ކަންކަމުގައި އުޅެވޭ މިނިވަން ކަމާއެކު ހިންގާ އިލެކްޝަންތަކުގެ އޮފިޝަލުންނަށް ނޫޅެވޭ. ކޮންކަހަލަ ލޮޖިކް އެއް.
0 0

ހައްޤު

17 ޖޫން 2023
ވޯޓް ފޮށި ކައިރީ އޮފިސަލުންގޮތުގަ ތިބެވޭނެތަ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް