ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެމްޕެއިން ޖަލްސާގައި ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވާހަކަ ދައްކަވަނީ (ފޮޓޯ/ އަރީހް)

ރާއްޖޭގެ މިނިވަންކަން މިއޮތީ، ފިޔާ ބަސްތާއެއްގެ ދަށުގައި ތާށިވެފައި: އަލީ ހުސައިން

އޭނާ ވިދާޅުވީ، ރާއްޖޭގެ މިނިވަންކަމަށްޓަކައި ގާސިމްގެ ވެރިކަމެއްގައި ދަނޑުވެރިކަން ކުރިއަރުވާނެ ކަމަށް

އަވައްޓެރި އިންޑިއާގެ ނުފޫޒުގެ ދަށުވުމުގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ މިނިވަންކަން އޮތީ، އެގައުމުން ދޭ 'ބޮޑު ފިޔާ ބައްސްތާއެއްގެ ދަށުގައި ތާށިވެފައި' ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ސިފަކުރައްވައިފި އެވެ. 

އެނގުން މުހިންމު - މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން، ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހޯދުމަށް އެދުމުން ޑިފެންސް މިނިސްޓްރީން ވަނީ އެ މައުލޫމަތު ދިނުމަށް ދެކޮޅު ހަދައިފަ އެވެ. ޑިފެންސް މިނިސްޓްރީއާ ހަވާލާދީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ބުނެފައިވާ ގޮތުގައި އެ މައުލޫމާތު ހާމަ ނުކުރަން އެ ކޮމިޝަނުން ވެސް ތާއީދުކުރި އެއް ސަބަބަކީ ރާއްޖެއަށް ކާޑުލިބުން ދަތިވެދާނެތީ އެވެ. 

ވީ ކިހިނެއް؟ - ޖުމްހޫރީ ޕާޓީން ރޭ ސަލްޓަން ޕާކްގައި ބޭއްވި ގާސިމް އިބްރާހިމްގެ ރިޔާސީ ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން އަލީ ހުސައިން ވިދާޅުވީ، ރާއްޖެއަކީ، 'ބޮޑު ފިޔާ ބަސްތާއެއްގެ ދަށުގައި ތާށިވެފައި އޮންނަން ޖެހޭ ވަރުގެ ނިކަމަތި ގައުމެއް ނޫން' ކަމަށެވެ.

ކާޑުލިބެން ދަތިވެދާނެތީ، އިންޑިއާ ސިފައިން ރާއްޖޭގައި ތިބެން ދެކޮޅު ހަދާއިރު އެއީ ރާއްޖެއިން ހިލޭ ހޯދާ އެއްޗެއް ނޫންކަން އަލީ ހުސައިން ފާހަގަ ކުރެއްވި އެވެ. 

ރާއްޖޭގެ މިނިވަންކަމަކީ، ކާބަފައިން ވީ ގުރުބާނީން ހޯދަދިން އެއްޗެއްކަން ފާހަގަކުރައްވައި އަލީ ހުސައިން ވިދާޅުވީ، މި ސަރުކާރުގެ އަމަލުތަކުގެ ސަބަބުން އެ މިނިވަންކަމަށް ވަރަށް ބޮޑަށް ހުރަސް އެޅިފައިވާ ކަމަށެވެ.

"މިތާކު ތެލެއް ނެތޭ، ވަރަށް ނިކަމެއްޗޭ، ބޮޑު ފިޔާ ކޮޅެއް ވެސް ނެތޭ، ކާޑެއްވެސް ނުލިބެއޭ، ކޮން ވާހަކައެއްތޯ ތިވިދާޅުވަނީ؟ ނުވަންޔާ ފައިބާ ވަޑައިގަންނަވާ!،" ސަރުކާރުގެ ހާރިޖީ ސިޔާސަތަށް ފާޑުވިދާޅުވަމުން އަލީ ހުސައިން ވިދާޅުވި އެވެ.

ޖޫން 15، 2023: ސަލްޓަން ޕާކްގައި ބޭއްވި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެމްޕެއިން ޖަލްސާގެ ތެރެއިން (ދައުރު ފޮޓޯ)

ކާބަފައިން އެ މިނިވަންކަން މިއަދާ ހަމައަށް ވެސް ދެމެހެއްޓީ، ނާށިގަނޑު ހިފައިގެން ސަލާން ޖަހައިގެން ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މިއަދު އެކަން ނުވާންވީ އެއްވެސް ސަބަބެއް ނެތްކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެކަން ނުވެގެން މިއުޅެނީ، ގެނެވިފައި އޮތް ސަރުކާރެއްގެ ދޯހަޅިކަމުން، ބަލިކަށިކަމުން... މިވަރުގެ ބަލިކަށި ވާނުވާ ސަރުކާރެއް ދިވެހި ތާރީހު ވެސް ނުދެކޭ،" މި ސަރުކާރު ގެނައުމަށް މަސައްކަތް ކުރެއްވި އަލީ ހުސައިން ވިދާޅުވި އެވެ.

ޖޫން 15، 2023: ސަލްޓަން ޕާކްގައި ބޭއްވި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެމްޕެއިން ޖަލްސާގެ ތެރެއިން (ދައުރު ފޮޓޯ)
ޖޫން 15، 2023: ސަލްޓަން ޕާކްގައި ބޭއްވި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެމްޕެއިން ޖަލްސާގެ ތެރެއިން (ދައުރު ފޮޓޯ)

އޭނާ ވިދާޅުވި ގޮތުގައި ހާރިޖީ ސިޔާސަތު ކަނޑައެޅުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މާބޮޑު ބާރެއް ނެތެވެ.

'ބޮޑު ފިޔާ ޕޮލިޓިކްސް'އިން ރާއްޖެ ސަލާމަތްކުރުމަށް ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް، ގާސިމް އިބްރާހިމްގެ ވެރިކަމެއްގައި ރާއްޖޭގެ ދަނޑުވެރިކަން ކުރިއަރުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ، ރާއްޖޭގެ މިނިވަންކަމަށްޓަކައި މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ނުޖެހޭ ބޮޑު ފިޔާ ގޯންޏެއްގެ ތެރޭ ތާށިވެފައި އޮންނާކަށް،" އަލީ ހުސައިން ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް