ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި ނައިބު ރައީސް އީވާ އަބްދުﷲ (ފޮޓޯ/ މަޖިލިސް)

މާދަމާގެ ޖަލްސާގައި އީވާގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ނެތް

މާދަމާ އަށް ގަވާއިދުގައި ބުނާ ނޯޓިހުގެ މުއްދަތު ހަމަވެ، މައްސަލަ އެޖެންޑާ ކުރަންޖެހޭ

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދައި، ގަވާއިދު ބުނާ ނޯޓިހުގެ މުއްދަތު ހަމަވެފައިވަނިކޮށް އެ މައްސަލަ ނުހިމަނައި މާދަމާގެ ޖަލްސާގެ އެޖެންޑާ މިއަދު އާންމުކޮށްފި އެވެ.

ވީ ކިހިނެއް؟ އެމްޑީޕީން ވަކިވެވަޑައިގެން ވަކި ޕާޓީއެއް އުފައްދަވަން ފެއްޓެވުމާ އެކު، އެމްޑީޕީގެ ފަރާތުުން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމަށް ހޮވިވަޑައިގެން ހުންނެވި އީވާ އެ މަގާމުން ވަކިކުރަން، 50 މެމްބަރުންގެ ސޮޔާ އެކު އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ މިދިޔަ މަހުގެ 23 ވަނަ ދުވަހު އެވެ.

ގަވާއިދު ބުނާގޮތުން:

  • އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ލިބުމާ އެކު، ޖަވާބުދާރީ ވުމަށް 14 ދުވަހުގެ ނޯޓިސް ދޭން ޖެހޭ؛ އެ ނޯޓިސްގެ މުއްދަތަށް ފަހު، އެންމެ އަވަހަށް ބައްވާ ޖަލްސާއަށް އެ މައްސަލަ ހުށަހަޅަން ޖެހޭ

  • މައްސަލަ ހުށަހެޅުމަށް ފަހު، އެހެން އެއްވެސް މައްސަލައަކަށް ބަހުސް ކުރެވޭނީ ނުވަތަ ގޮތެއް ނިންމޭނީ ރައީސް ނުވަތަ ނައިބު ރައީސް މަގާމުން ވަކިކުރުމުގެ މައްސަލައިގައި ގޮތެއް ނިންމުމަށް ފަހު

  • މަޖިލީސް ރައީސް ނުވަތަ ނައިބު ރައީސް މައްޗަށް ހުށަހެޅިފައިވާ މައްސަލަ ކުރިއަށްދާ ޖަލްސާތަކުގައި އެ ބޭފުޅަކަށް ރިޔާސަތެއް ނުބެލެހެއްޓޭނެ

ތަފްސީލް - އެ ނޯޓިހުގެ މުއްދަތު ހަަމަވެ، މާދަމާގެ ޖަލްސާއަށް އެމައްސަލަ އެޖެންޑާ ކުރަންޖެހެ އެވެ. އެކަމަކު، މާދަމާގެ ޖަލްސާގެ އެޖެންޑާ މިއަދު އާއްމުކުރި އިރު، އެމައްސަލަ ހިމަނާފައެއް ނުވެ އެވެ.

މައްސަލަ މާދަމާއަށް އެޖެންޑާކޮށްފައި ނުވާތީ، މާދަމާއަށް އެ މައްސަލަ އެޖެންޑާކޮށްދިނުމަށް އެދި މިރޭ އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވަނީ، ނިޔުޝާއަށް ސިޓީއެއް ވެސް ފޮނުއްވައިފަ އެވެ.

އެ ސިޓީގައި އަސްލަމް އެދިވަޑައިގެންފައި ވަނީ މަޖިލީހުގެ ގަވާއިދުގައި އެ މައްސަލަ އެޖެންޑާ ކުރުން އިސްތިސްނާކުރެވޭނެ ހާލަތެއް ބަޔާންކޮށްފައިނުވާތީ، މާދަމައަށް އީވާގެ މައްސަލަ އެޖެންޑާކޮށްދިނުމަށެވެ. އަދި އެޓާނީ ޖެނަރަލް އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާކޮށްދިނުމަށް ވެސް މިރޭ އެދިވަޑައިގެންފައިވެ އެވެ.

މީގެ އިތުރުން މައްސަލަ އެޖެންޑާ ނުކުރެވޭ ސަަބަބެއް ކަމަށް ކޮމިޓީތައް އެކުލަވާލުން ހުއްޓިފައި އޮތުން ފާހަގަކުރާތީ އާންމު ކޮމެޓީގައި މިވަގުތު ތިބި މެމްބަރުންނާ އެކު ބައްދަލުވުމެއް ބާއްވައި އިތުބާރު ނެތްކަމުގެ ގަރާރަށް ބަހުސްކުރާނެ ވަގުތު ކަނޑައަޅައިދިނުމަށް ވެސް މިރޭ އަސްލަމް ވަނީ އެދިވަޑައިގެންފަ އެވެ.

ފާހަގަކޮށްލެވޭ ކަމެއް - އީވާގެ އިތުބާރު ނެތް ކަމުގެ މައްސަލަ މާދަމައަށް ތާވަލުކުރަން އޮތް ނަަމަވެސް އެ މައްސަލަ އެޖެންޑާއިން ނެގީ، މަޖިލިސް ގަވައިދުގެ ދަށުން މިފަދަ މައްސަލަތަކުގައި ބަހުސް ކުރަން ކަނޑައަޅަން ޖެހޭ ވަގުތު ކަނޑައެޅިފައި ނުވާތީ ކަމަށް މީގެ ކުރީން މަޖިލީހުގެ އަމީންއާންމު ފާތުމަތު ނިޔުޝާ މެމްބަރުންނަށް އަންގަވާފައިވެ އެވެ. އެއީ މަޖިލީހުގައި ސިޔާސީ ޕާޓީތައް ތަމްސީލު ކުރާ މެންބަރުންގެ އަދަދުތަކަށް މިދިޔަ މަހު ފަހުކޮޅު އައި ބަދަލާ އެކު، އަލުން ކޮމިޓީތައް އެކުލަވާލަން ޖެހޭތީ އެވެ. ނަމަވެސް، ޕާޓީތަކަށް އެކަމުގައި ވަކި ގޮތަކަށް އެއްބަސްނުވެވި، ކޮމިޓީތަކުގެ މަސައްކަތް އޮތީ ހުއްޓިފަ އެވެ.

އެމްޑީޕީން ތުހުމަތުކުރާ ގޮތުގައި، ދާއިމީ ކޮމިޓީތައް އެކުލަވާލުން ލަސްވަނީ، މަޖިލީހުގެ ރައީސް ނަޝީދު އެ މައްސަލަ ލަސްކުރައްވާތީ އެވެ. އެހެންވެ، މަޖިލީހުގެ ރައީސްކަމުން ނަޝީދު ވަކިކުރުމުގެ މައްސަލައެއް ވެސް މިހާރު މަޖިލީހަށް ވަނީ ވައްދައިފަ އެވެ.. 

މާދަމާގެ ޖަލްސާއަށް އިވާގެ މައްސަލަ ނުލައި އޮތްއިރު، އެމައްސަލަ އަވަހަށް އެޖެންޑާކޮށްދިނުމަށް އެމްޑީޕީ މެމްބަރުން އޮތީ އެދިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް