ޖުމްހޫރީ ޕާޓީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނިހާންް ވާހަކަދައްކަވަނީ. (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)

ނިހާންގެ މައްޗަށް ކުރާ ދައުވާތަކުގެ ތަހުގީގީ ފައިލްތައް ދައްކަން އަންގައިފި

އަލަށް އަމަލުކުރަން ފެށި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ހުށަހެޅުން ހުށަހަޅަން ފުރުސަތެއް ނުދިން

ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާން ހުސެއިން މަނިކުގެ މައްޗަށް ދައުލަތުން ކުރާ ދައުވާތަކުގެ ތަހުގީގީ ހުރިހާ ފައިލްތަކެއް އޭނާއާ ހިއްސާކުރަން ޕްރޮސިކިއުޓަ ޖެނަރަލް (ޕީޖީ)ގެ އޮފީހަށް ކްރިމިނަލް ކޯޓުން މިއަދު އަންގައިފި އެވެ.

މައްސަލައިގެ ފެށުން - ނިހާން މަޖިލީހުގެ މެމްބަރަކަށް އަދި މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މެމްބަރަކަށް ހުންނެވިއިރު ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އަތުން ރިޝްވަތަށް އެދިވަޑައިގެން، ރިޝްވަތު ހޯއްދެވި ކަމުގެ ތުހުމަތުގަ އާއި ފައިސާ ލޯންޑާކުރެއްވި ކަމަށް ބުނެ ދައުލަތުން ވަނީ އޭނާގެ މައްޗަށް ފަސް ދައުވާއެއް ކޮށްފަ އެވެ. އެއީ:

  • ރިޝްވަތު ހިފުމުގެ ތިން ދައުވާ

  • ރިޝްވަތު ލިބިގަތުމަށް އެދުމުގެ ދެ ދައުވާ

  • މަނީ ލޯންޑަރިންގެ ދައުވާ

ވީ ކިހިނެއް؟ - މިއަދު ކްރިމިނަލް ކޯޓުގައި އޮތީ މި މައްސަލައިގެ ޝަރީއަތް ފެށުމަށް ބޭއްވި އަޑުއެހުމެކެވެ. މައްސަލައިގެ އިފްތިތާހީ ބަޔަނާ ހުށަހަޅަން ފެށުމުގެ ކުރިން ނިހާންގެ ފަރާތުން ދެ ހުށަހެޅުމެއް ހުށަހަޅަން ބޭނުންވާކަން ފާހަގަކުރި އެވެ. އެއީ:

  • މައްސަލާގައި ހިމެނޭ ހުރިހާ ތަހުގީގީ ފައިލްތައް ބެލުމުގެ ފުރުސަތު ދިނުމަށް

  • އަލަށް އަމަލުކުރަން ފެށި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ހުށަހެޅުންތަކެއް ހުށަހެޅުމުގެ ފުރުސަތު ދިނުމަށް

  • މި ގޮތަށް ހުށަހެޅީ ރ. ފުއްގިރި ކުއްޔަށް ދިނުމުގައި ހިންގާފައިވާ ހިޔާނާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކާ ގުޅޭ އިސްތިއުނާފުގައި ސުޕްރީމް ކޯޓުން ހެކި ހާމަކުރުމާ ބެހޭ ގޮތުން ފާހަގަކުރި ކަންކަމަށް ރިއާޔަތްކޮށް

ތަފްސީލް - މިކަމާ ގުޅިގެން މިއަދުގެ އަޑުއެހުމުގައި ގޮތް ނިންމުމުގެ ކުރިން ދައުލަތުން އެކަމާ ބެހޭ ގޮތުން ވާހަކަދެއްކުމަށް ފުރުސަތު ދިނެވެ. ދައުލަތުން ފާހަގަކުރީ، މައްސަލާގައި ހިމެނޭ ތަހުގީގީ ފައިލުތަކަކީ ދިފާއު ބިނާކުރަން މުހިންމު މައުލޫމާތެއް ނަމަ އެ ހައްގު އޮންނާނެ ކަމަށާއި، އެ ފުރުސަތު ދިނުމަށް ދައުލަތުގެ އިއުތިރާޒެއް ނެތް ކަމަށެވެ. އެކަމަކު ހެއްކާ ބެހޭ ގާނޫނުގެ ދަށުން ހުށަހެޅުން ހުށަހަޅަން އިފްތިތާހީ ބަޔާން އިއްވުމަށް ފަހު ވެސް ފުރުސަތު ލިބޭނެތީ މި މަރުހަލާގައި އެ ފުރުސަތު ދިނުމަށް ނުފެންނަކަން ދައުލަތުން ފާހަގަކުރި އެވެ.

ދެ ފަރާތުގެ ވާހަކަތަކަށް ފަހު މިއަދުގެ އަޑުއެހުމުގައި ގާޒީ އަލީ އާދަމް ނިންމެވީ މައްސަލާގައި ހިމެނޭ ތަހުގީގީ ހުރިހާ ފައިލުތަކެއް ނިހާންއާ ހިއްސާކުރުމަށެވެ. އަދި އެކަން ކުރާނެ ތާރީހެއް އިދާރީ މޭޒާ ވާހަކަދެއްކުމަށް ފަހު އަންގާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޖިނާއީ އިޖުރާއަތުގެ ދަށުން ހުށަހެޅުން ހުށަހެޅުމުގެ ފުރުސަތު މި މަރުހަލާގައި ނުދޭން ގާޒީ އަލީ އާދަމް ނިންމެވި އެވެ. އެ ފުރުސަތު މި މަރުހަލާގައި ދީފި ނަމަ އަޑުއެހުންތައް ދިގުލައިގެންދާނެ ކަމަށް އަލީ އާދަމް ވިދާޅުވި އެވެ.

އެނގުން މުހިންމު - ނިހާންގެ ފަރާތުން އެދުނީ:

  • ތަހުގީގީ ފައިލު ބެލުމަށް ފަހު އިފްތިތާހީ ބަޔާން ހުށަހެޅުމަށް ވަކިން އަޑުއެހުމެއް ބޭއްވުމަށް 

  • މިއަދުގެ އަޑުއެހުން ދިގުލައިގެންދިއުމުންނާއި އަންނަ ތަހުގީގީ ފައިލު ބެލުމަށް ފަހު އިފްތިތާހީ ބަޔާން ހުށަހެޅުން ކުރިއަށް ގެންދަން ފުރުސަތު ދިނުމަށް ގާޒީ އަލީ އާދަމް މިއަދުގެ އަޑުއެހުން ނިންމަވާލެއްވި

ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ މައްސަލައިގެ ޝަރީއަތް ފެށުމަށް އިފްތިތާހީ ބަޔާން ހުށަހެޅުމެވެ. މި އަޑުއެހުން ބާއްވާނެ ތާރީހެއް މިއަދު އިއުލާނެއް ނުކުރެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް