ފަނޑިޔާރު ކަމަށް އައްޔަންކުރި ތިން ފަނޑިޔާރުންނާ އެކު އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން، ވާއަތުން ކަނާއަތަށް، ގާޒީ ނުޒުހާ، ފަނޑިޔާރު ޝަނީޒް، މެޖިސްޓްރޭޓް އައިޝަތު

ގައްދޫ ކޯޓުގެ ކުރީގެ އިސްމެޖިސްޓްރޭޓް ޝަނީޒް ހައިކޯޓަށް، ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް ލީގަލް އޮފިސަރު ނުޒުހާ

ގއ.ވިލިނގިލީ މެޖިސްޓްރޭޓް ކޯޓަށް އައްޔަންކުރީ އެ ކޯޓުގެ ލީގަލް އޮފިސަރު އައިޝަތު ޝިހާބް

ދިވެހިރާއްޖޭގެ ހައިކޯޓަށާއި ކްރިމިނަލް ކޯޓަށާއި މެޖިސްޓްރޭޓް ކޯޓަށް އައްޔަންކުރުމަށް ޖޫޑީޝިއަލް ސާވިސް ކޮމިޝަން(ޖޭއެސްސީ) އިން ނިންމި ތިން ފަނޑިޔާރުން މަގާމުގެ ހުވައި މިއަދު ކުރައްވައިފި އެވެ.

ވީ ކިހިނެއް؟ ފަނޑިޔާރުން އައްޔަންކުރުމަށް މިއަދު ޖޭއެސްސީގައި ބޭއްވި ރަސްމިއްޔާތުގައި ތިން ފަނޑިޔާރުންނަށް ހުވައިލައްވައި ދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް އެވެ. މިއަދު މަގާމުގެ ހުވާ ކުރެއްވީ:

  • ހައިކޯޓަށް ގދ.ގައްދޫ، ހަނދުވަރީނާޒް، މުހައްމަދު ޝަނީޒް އަބްދުﷲ 

  • ކްރިމިނަލް ކޯޓަށް އާއިޝަތު ނުޒުހާ 

  • ގއ.ވިލިނގިލީ މެޖިސްޓްރޭޓް ކޯޓަށް އައިޝަތު ޝިހާބް

ތަފްސީލް - ހައިކޯޓުގެ ފަނޑިޔާރު ކަމަށް ޝަނީޒް އައްޔަންކުރުމަށް ނިންމާފައިވާނީ މިދިޔަ މަހުގެ 24 ވަނަ ދުވަހު ބޭއްވުނު ޖޭއެސްސީގެ ބައްދަލުވުމުގަ އެވެ. ޝަނީޒަކީ ކޮލެޖް އޮފް އިސްލާމިކް ސްޓަޑީޒްއިން ބެޗްލާ އޮފް ޝަރީއާ އެންޑް ލޯ އަދި ވިލާ ކޮލެޖްއިން މާސްޓާސް އޮފް ޝަރީއާ އެންޑް ލޯ (ސްޕްޝަލައިޒޭޝަން އިން ކްރިމިނަލް ލޯ) ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. ޝަރުއީ އަދި ގާނޫނީ ދާއިރާގައި ނުވަ އަހަރު ދުވަހަށް ވުރެ ގިނަ ދުވަހު ހިދުމަތް ކޮށްފައިވާ ޝަނީޒްވަނީ އެ މުއްދަތުގައި ވަކީލުކަމާއި މެޖިސްޓްރޭޓްކަން އަދާ ކުރައްވާފަ އެވެ. ހައިކޯޓުގެ ފަނޑިޔާރުކަމަށް މިއަދު އައްޔަނު ކުރުމުގެ ކުރީން ޝަނީޒް ހުންނެވީ ގައްދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްކަމުގެ މަގާމުގަ އެވެ.

ޝަނީޒް---

ކްރިމިނަލްކޯޓުގެ ގާޒީ ކަމަށް ނުޒުހާ އައްޔަންކުރުމަށް ނިންމާފައިވާނީ މިދިޔަ މަހުގެ 14 ވަނަ ދުވަހު ބޭއްވި ޖޭއެސްސީގެ ބައްދަލުވުމުގަ އެވެ.

ގާނޫނީ ދާއިރާގައި ހަތް އަހަރަށް ވުރެ ދިގު މުއްދަތެއްގައި ހިދުމަތްކުރައްވާފައިވާ ނުޒުހާ ވަނީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީ އިން ބެޗްލަ އޮފް ޝަރިއާ އެންޑް ލޯ (ވިތް އޮނަސް) އަދި މާސްޓަ އޮފް ލޯ ހާސިލްކުރައްވާފަ އެވެ. ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް މިއަދު އައްޔަން ކުރުމުގެ ކުރީން އޭނާ ހުންނެވީ އެ ކޯޓުގެ ލީގަލް އޮފިސަރެއްގެ މަގާމުގަ އެވެ.

ނުޒުހާ

ގއ.ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަމަށް އައިޝަތު ޝިހާބް އައްޔަންކުރުމަށް ނިންމާފައިވާނީ މިދިޔަ އާދިއްތަ ދުވަހު ބޭއްވި އެކޮމިޝަންގެ ބައްދަލުވުމުގަ އެވެ.

އައިޝަތު ވަނީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީއިން ބެޗްލަ އޮފް ޝަރިއާ އެންޑް ލޯ ހާސިލްކުރައްވައިފަ އެވެ. މީގެ ކުރީން އޭނާ ހުންނެވީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ ލީގަލް އޮފިސަރުގެ މަގާމްގަ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް