ރައީސް ސޯލިހު މިރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަނީ ފޮޓޯ/ރައީސް އޮފީސް)

ރާއްޖެ އެތެރެކުރި ޕްލާސްޓިކް ކޮތަޅު %50 މަދުވެއްޖެ: ރައީސް

ކުރިއަށް އޮތް ތަނުގައި ގްރީން ފަންޑުގެ އާމްދަނީގެ ވަކި ވަރެއް، ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތްތަކަށް ހޭދަކުރައްވާނެ ކަން ވެސް ރައީސް އިއުލާން ކުރެއްވި

ސިންގަލް ޔޫސް ޕްލާސްޓިކް ނުވަތަ އެއް ފަހަރު ބޭނުންކޮށްފައި އެއްލައިލާ ބާވަތުގެ ޕްލާސްޓިކްގެ 13 ބާވަތެއް ރާއްޖެ އެތެރެކުރުން މަނާކުރި ފަހުން އަހަރެއް ތެރޭ ރާއްޖެ އެތެރެކުރި ޕްލާސްޓިކް ކޮތަޅުގެ ނިސްބަތް %50 މަދުކުރެވިފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރަން އއ. އުކުޅަހުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ޕްލާސްޓިކްގެ އިތުރު ބާވަތްތައް ރާއްޖެ އެތެރެކޮށް ބޭނުންކުރުން މަނާކުރަން ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އޭގެ އަމާޒަކީ ރާއްޖެއަކީ އެއްވެސް ވަރަކަށް ޕްލާސްޓިކް ބޭނުން ނުކުރާ ގައުމަކަށް ހެދުން ކަމަށް ވިދާޅުވި އެވެ.

ތަފްސީލް - ރައީސްގެ ވާހަކަފުޅުގައި، ކުނި މެނޭޖުކުރަން ހުރި މައްސަލަތަކުގެ ސަބަބުން ރާއްޖޭގެ ތިމާވެއްޓަށް ކުރާ އަސަރުތައް ފާހަގަކުރެއްވި އެވެ. ރައީސް ވިދާޅުވީ އެ މައްސަލައަށް އަވަސް ހައްލެއް ހޯދައިދީ، ކޮންމެ ރަށެއްގައި ވެސް އެ ރަށަކާ އެކަށީގެންވާ ވަރެއްގެ ކުނި ކޮއްޓެއް ގާއިމްކޮށް އެތަންތަނަށް ބޭނުންވާ އާލަތްތައް ފޯރުކޮށްދިނުމަކީ ވެސް އަމާޒެއް ކަމަށެވެ.

ތިމާވެށީގެ ދުވަސް ފާހަގަކުރަން އުކުޅަހުގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް ސޯލިހު ބައިވެރިވެވަޑައިގަންނަވަނީ (ފޮޓޯ/ރައީސް އޮފީސް)

ރައީސް ވިދާޅުވީ؛

  • ރާއްޖެއަކީ ކާބަފައިންގެ ޒަމާނުއްސުރެ ދެމެހެއްޓެނިވި ގޮތުގައި މާހައުލީ ނިޒާމްތައް ބޭނުންކުރަމުން އައި ގައުމެއް ކަމަށް

  • ދިވެހި މަސްވެރިކަމަކީ މުޅި ދުނިއަށް މަޝްހޫރު، ތިމާވެއްޓާ ރައްޓެހި ސިނާއަތެއް ކަމަށް

  • ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރަމުން އަންނަނީ ވެސް ގުދުރަތީ މުއްސަނދިކަމާ ރީތިކަން ވިއްކައިގެން ކަމަށް

  • ރާއްޖޭގެ ރިޒޯޓުތަކުގެ ފަރުތަކަކީ ރަނގަޅަށް މެނޭޖުކުރުމުގެ ސަބަބުން މާހައުލީ ނިޒާމްގެ ސިއްހަތު ރަނގަޅު އަދި ދިރުންތަކުން މުއްސަނދި ސަރަހައްދުތައް ކަމަށް ދިރާސާތަކުން ދައްކާ ކަމަށް

  • ރާއްޖޭގައި 79 ސަރަހައްދު ހިމާޔަތްކޮށްފައިވާއިރު އިގުތިސޯދީ ގޮތުންނާއި މާހައުލީ ގޮތުން ހާއްސަ ދިރުންތަކެއް ވެސް ހިމާޔަތްކޮށްފައިވާ ކަމަށް

އެންމެ ބޮޑު ގޮންޖެހުމަކީ މޫސުމީ ބަދަލު

ރައީސް ވިދާޅުވީ ރާއްޖޭގެ ތިމާވެއްޓަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ވެއްޓަށް ލިބޭ ގެއްލުންތަކާއި އެއާ ގުޅިގެން އަންނަ އިގުތިސޯދީ އަދި އިޖްތިމާއީ ނުރަނގަޅު ބަދަލުތައް ކަމަށެވެ.

ރާއްޖެއަކީ ދުނިޔޭގެ ތިމާވެށި ހިމާޔަތްކުރާށާއި ތިމާވެއްޓާ ރައްޓެހި ތަރައްގީއަށް އެންމެ ބޮޑަށް ވަކާލާތުކުރާ އެއް ގައުމުކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރު އެންމެ ފުރަތަމަ ކުރާނީ ވެސް ރާއްޖެ ފަދަ ބިން ތިރި ކުދި ޖަޒީރާ ގައުމުތަކަށް ކަމަށެވެ.

"އެހެންކަމުން ދެމެހެއްޓެނިވި ތަރައްގީގެ އުސޫލުން ތިމާވެއްޓާ ރަށްޓެހިކޮށް ތަރައްގީ ވެވިދާނެކަން ދުނިޔެއަށް ހާމަކުރުމަކީ އަޅުގަނޑުމެންގެ އެއް އަމާޒު،" ރައީސް ވިދާޅުވި އެވެ.

ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ގްރީން ފަންޑުގެ އާމްދަނީން ކަނޑައެޅޭ ވަކި މިންވަރެއް، ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތްތަކަށާއި މި ދާއިރާގެ އިންސާނީ ވަސީލަތް ބިނާކުރަން ހޭދަކުރަން ނިންމާފައިވާކަން ރައީސް އިއުލާންކުރެއްވި އެވެ.

ގްރީން ފަންޑުން ހޭދަކޮށްގެން ކުރިއަށް ގެންދަން ނިންމާފައިވާ ކަންތައްތަކުގެ ތެރޭގައި ރައީސް ވިދާޅުވި ގޮތުގައި؛

  • މުއައްސަސާތަކުގެ ގާބިލުކަން އިތުރުކުރުން

  •  ރިސާޗް އެންޑް ޑިވެލޮޕްމަންޓުގެ މަސައްކަތްތައް

  • ތިމާވެށީގެ ދާއިރާގައި މަސައްކަތްކުރާ ޖަމިއްޔާތަކަށް އެހީތެރިވުން

ކޮމެންޓް (2)

ގާސިމް

7 ޖޫން 2023
ކޮތަޅު އެތެރެކުރުން މަދުވިޔަސް، މީހުންގެ ޖީބަށް ވަރަށް ހަރަދު ބޮޑު. ހަތަރު ފަސް ކޮތަޅަށް ކުނި ބަހައިގެން އުކާލަން ޖެހޭއިރު، ނުވެސް އެއްސޭ ބިންލައިނަރ ތަކެއް ގަނުވަންވެގެން ކޮތަޅުގެ އަގު ބޮޑުކުރީމަ ގެއްލުން ވަނީ ހަމަ ރައްޔިތުންނަށް
0 0

ދަމަނަ

5 ޖޫން 2023
މަދުވާނެއްނު ބަޔަކަށް ފައިދާ ހޯދައިދޭން، އެތެރެކުރާ ކޮތަޅު އަގު ބޮޑުވާގޮތަށް ފީ ނަގާފަ، ބަޔަކު ލައްވާ ކޮތަޅު އުފައްދައިގެން ވިއްކީމަ. އެތެރެ ކުރާ ކޮތަޅުން ތިމާވެއްޓަށް ވާ ގެއްލުމަށް ވުރެ ވަކި ކުޑަ ގެއްލުމެއްތަ ވަނީ ރާއްޖޭގަ ކޮތަޅު އުފެއްދީމަ؟
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް