ޑިޖިޓަލް އައިޑީކާޑު (ދައުރު ފޮޓޯ/އިބްރާހިމް އިފާޒް)

10،000 އަށް ވުރެ ގިނަ މީހުންނަށް ޑިޖިޓަލް އައިޑީގެ ތަޖުރިބާ

އައިޑީ ކާޑުގެ އިތުރުން ލައިސަންސާއި ކައިވެނީގެ ސެޓްފިކެޓް ފަދަ މުހިއްމު ލިޔެކިޔުންތައް ވެސް މި އައިޑީ އިން ފެންނާނެ

ދައުލަތުން ފޯރުކޮށްދޭ ގިނަ ހިދުމަތްތަކެއްގައި ބޭނުންކުރެވޭ ގޮތަށް ތަރައްގީކުރަމުން އަންނަ ޑިޖިޓަލް އައިޑީ ކާޑު ތަޖުރިބާކުރުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލިފަހުން 10،000 އަށް ވުރެ ގިނަ މީހުން ޑިޖިޓަލް އައިޑީ އިންސްޓޯލް ކޮށްފައިވާ ކަމަށް ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލަޖީ (އެންސީއައިޓީ) އިން ބުނެފި އެވެ.

ވީ ކިހިނެއް؟ - ޑިޖިޓަލް އައިޑީ ކާޑު ތައާރަފުކުރުމުގެ ކުރިން އެ ހިދުމަތް ތަޖުރިބާކުރުމުގެ ފުރުސަތު އެންޑްރޮއިޑް އަދި އައިއޯއެސް ބޭނުން ކުރާ މީހުންނަށް ވެސް ހުޅުވާލީ މިދިޔަ މަހުގެ 31 ގަ އެވެ.

ޑިޖިޓަލް އައިޑީ ތަޖުރިބާ ކުރުމަށް އީފާސް އެޕްލިކޭޝަން ފޯނަށް އިންސްޓޯލުކުރަން ޖެހެ އެވެ.

ތަފްސީލް - އެންސީއައިޓީ އިން މިއަދު ބުނީ، ޑިޖިޓަލް އައިޑީގެ ހިދުމަތް އިތުރަށް ތަރައްގީކުރަން މަސައްކަތް ކުރަމުންދާ ކަމަށެވެ.

މީގެ އިތުރުން ޑިޖިޓަލް ރާއްޖެ އަކާ ދިމާލަށް ދިއުމަށް ކުރަމުންދާ މަސައްކަތަށް ރައްޔިތުންދޭ އެއްބާރުލުމަށް ވެސް އެ ސެންޓަރުން ވަނީ ޝުކުރު އަދާކޮށްފަ އެވެ.

އައިޑީކާޑުގެ އިތުރުން މި ޑިޖިޓަލް އައިޑީގައި ހިމެނެނީ:

  • އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް 

  • ކައިވެނީގެ ސެޓްފިކެޓް 

  • އާއިލީ މެމްބަރުންގެ މައުލޫމާތު

  • އެ މީހަކު ޝާމިލުވާ ވިޔަފާރިއެއް އޮތް ނަމަ އެ މައުލޫމާތު 

  • ސިވިލް ސާވިސްގައި ވަޒީފާ އަދާކުރާ ނަމަ އެ މައުލޫމާތު 

  • އާސަންދައިގެ މައުލޫމާތު

ގުޅުން ހުރި ކަމެއް - ޑިޖިޓަލް އައިޑީ ކާޑު ހިމެނޭ ގޮތަށް ރާއްޖޭގެ ޓެކްނޮލޮޖީ ސިނާއަތް ތަރައްގީކުރަން ވޯލްޑް ބޭންކުން ވަނީ މިދިޔަ އަހަރު 10 މިލިއަން ޑޮލަރު ދީފަ އެވެ.

އެނގުން މުހިންމު - މީގެ ކުރިން ސަރުކާރުން ބުނެފައިވަނީ މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ޑިޖިޓަލް އައިޑީ ތައާރަފުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ނަމަވެސް، މި އަހަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެއްވި ރިޔާސީ ބަޔާނުގައި ވިދާޅުވީ ޑިޖިޓަލް އައިޑީ އާއި 'ވަން-ގަވް ' ހިދުމަތް މި އަހަރުގެ ތެރޭގައި ތައާރަފްކުރުމުން:

  • އައިޑީ ކާޑާއި އެކި ލިޔުންތަކުގެ ކޮޕީ ތަކުރާރުކޮށް ސަރުކާރަށް ހުށަހަޅަން ނުޖެހޭނެ

  • ކިޔޫގައި ނުޖެހި މިނިސްޓްރީތަކާއި އިދާރާތަކުުގެ ހިދުމަތް ލިބޭނެ

  • އާންމުންނަށް ހިދުމަތް ދޭ ބައެއް ތަންތަން އޮންލައިން ވެގެން ދާނެ

  • އޮންލައިންކޮށް ހިދުމަތް ހޯދަން ދަތި މީހުންނަށް ފިޒިކަލް އެކްސްޕީރިއަންސް ސެންޓަރުތައް ހަދާނެ

އިތުރު އާޓިކަލް

އިތުރު އާޓިކަލް