ގަން އެއަޕޯޓު ރަސްމިޔާތު ތެރެއިން

އިނގިރޭސީން ފައިބައިގެން ދިޔަ ދުވަހުން ފެށިގެން އައްޑޫ ދިޔައީ ފަހަތަށް: ރައީސް

އޭރު އޮތް ބިނާގެ މައްޗަށް ތެދުނިޔަތަކާއެކު އައްޑޫ ބިނާކުރި ނަމަ މިއަދު މިކުރާ މަސައްކަތް ކުރާކަށް ނުޖެހޭނެ ކަމަށް ރައީސް ވިދާޅުވި

އައްޑޫއިން އިނގިރޭސީން ފައިބައިގެން ދިޔަ ދުވަހުން ފެށިގެން އައްޑޫ ދިޔައީ ފަހަތަށް ކަމަށް ރައިީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

ތަފްސީލް - އައްޑޫ، ގަން އެއާޕޯޓް ބޮޑު ކުރުމުގެ މަޝްރޫއު ފެށުމަށް ބޭއްވި ރަސްމިޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ، އައްޑޫއިން އިނގިރޭސިން ފައިބައިގެން ދިޔުމާ އެކު އައްޑޫގައި އޭރު ހުރި އެންމެ ޒަމާނީ އާލާތާއި ވަސީލަތްތައް އައްޑޫއިން ބޭލި ކަމަށެވެ.

އެގޮތުން އައްޑޫ ރައްޔިތުންނަށް އޭރު ލިބިފައި އޮތް ތަރައްގީއަށް ކަންކަން ވެގެން ދިޔަގޮތް ތަފްސީލްކޮށް ދެއްވަމުން ރައީސް ވިދާޅުވީ:

  • ދަނގަނޑު ތާނގީތަށް ގޭސްކަޓަރުން ކަފާ ކުދިކުރި

  • ހައިވޯޓޭޖް ކޭބަލްތައް ނަގާ ބުރިކޮށް ބޮނޑި ބަނދެ، ކޮނޑުޖަހައިގެން ބޭރުކުރި

އެ ވާހަކަތައް ފާހަގަކުރެއްވުމަށް ފަހު، ރައީސް ވިދާޅުވީ އޭރު އޮތް ބިނާގެ މައްޗަށް ތެދުނިޔަތަކާއެކު އައްޑޫ ބިނާކުރި ނަމަ މިއަދު މިކުރާ މަސައްކަތް ކުރާކަށް ނުޖެހޭނެ ކަމަށެވެ.

"އެހެން ނަމަވެސް ފެންނަން މިއޮތް ހަގީގަތް ކިތަންމެހާ ވެސް ހިތި. އައްޑޫ ހުވަދޫ އަދި ފުވައްމުލަކަކީ ރާއްޖޭގެ ދެކުނުކޮޅު. އިހުލާސްތެރިކަމާ އެކު ތެދުވެރި މަސައްކަތެއް ކުރެވުނު ނަމަ 66 އަހަރުފަހުން މި ރަސްމިޔާތު ބާއްވާކަށް ނުޖެހޭނެ،" ރައީސް ވިދާޅުވި އެވެ.

އައްޑޫ އެއާޕޯޓް އެންމެ ޒަމާނީ ފެންވަރަށް ތަރައްގީ ކުރާނޭ ކަމުގެ ވައުދާ އެކު ރައީސް ވިދާޅުވީ އައްޑޫ އެއާޕޯޓްގެ ތަރައްގީއާ އެކު އާ ޓޫރިސްޓް އެނދުތައް އިތުރު ކުރެވި، އައްޑޫގައި ކުރެވޭ ވިޔަފާރީގެ މުއާމަލާތްތައް ވެސް އިތުރު ކުރެވޭނެ ކަމަށެވެ. އެގޮތުން ރައީސް ވިދާޅުވީ: 

  • އައްޑޫ އެއާޕޯޓް ހަދަނީ މުދަލުގެ މުއާމަލާތްތައް އިތުރުކުރަން ކޯލްޑް ސްޓޯރޭޖާއި، ކާގޯ ފެސިލިޓީއަކާ އެކު

  • ދެކުނު އަދި އައްޑޫގެ ބޮޑުކަންނެލި އެކްސްޕޯޓް ކުރުމަށް މާލެއަށް ކުރަންޖެހޭ ދަތުރުތަކުގެ ބަދަލުގައި އައްޑޫ އެއާޕޯޓް ނިމުމުން އެ މުއާމަލާތްތައް އެތަނުން ކުރެވޭނެ

  • އައްޑޫގައި ހުރި 50 ޓަނުގެ ބްރައިން ފްރީޒިން ކެޕޭސިޓީ، 100 މެޓްރިކް ޓަނަށް ބޮޑުކުރުމުގެ މަސައްކަތް، ޖުލައި މަހު ފަށާނެ 

  • އޮގަސްޓު މަހުގެ ތެރޭގައި، މިފްކޯގެ މަސް ބަނދަރު ބޭނުންކުރަން ފެށޭވަރަށް ތަރައްގީކުރާނެ  

"ސަރަހައްދީ، އިގްތިސާދީ ނާރެހެއްގެ ގޮތުގައި އައްޑޫ ސިޓީ ތަރައްގީ ކުރުމަކީ، މުޅި ރާއްޖޭގެ ތަރައްގީ ބޭނުންނަމަ، ކޮންމެހެން ކުރަންޖެހޭ ކަމެއް. އަޅުގަނޑުމެން މި ކުރަނީ އެ މަސައްކަތް. މި ދެންނެވި މަގްސަދު ހާސިލުކުރުމަށްޓަކައި ކުރަންޖެހޭ ކަންކަމުގެ ލިސްޓުގެ ނަންބަރު 1 ގައި ވަނީ ގަން އިންޓަނޭޝަނަލް އެއާޕޯޓް،" ރައީސް ވިދާޅުވި އެވެ.

ރައީސް މިއަދު އިތުރަށް ވިދާޅުވީ، ސަރުކާރުން ކުރަމުން ގެންދާ ކޮންމެ މަސައްކަތަކީ ދެމެެހެއްޓެނިވި ގޮތަށް ރާއްޖެ ތަރައްގީކުރުމަށް އަދި އަންނާން އޮތް ޖީލުތަކަށް އުފާ ފާގަތި ދިރިއުޅުމެއް ލިއްބައިދިނުމަށް ކުރާ މަސައްކަތްތަކެއް ކަމަށެވެ.

ހިފަހައްޓަންޖެހޭ ތަނެއްގައި ނޭވާ ހިފަހައްޓާލި ނަމަވެސް މިވަގުތު އެމަސައްކަތް މުޅި ރާއްޖޭގައި ކުރުމުން އޭގެ މަންފާ ފޯރާނީ އަންނަން އޮތް ޖީލުތަކަށް ކަން ރައީސް ފާހަގަކުރެއްވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް