ރާއްޖެ އާއި އިންޑިއާއާ ދެމެދު 10 އެއްބަސްވުމެއްގައި ސޮއިކުރުމަށްޓަކައި މިއަދު ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. (ފޮޓޯ/ ފޮރިން މިނިސްޓްރީ)

ރާއްޖެ-އިންޑިއާ

ޖިމާއި ދުވާ ޓްރެކް ހިމެނޭހެން އާ 10 މަޝްރޫއު ހިންގަން އިންޑިއާގެ ހިލޭ އެހީ

މި އެއްބަސްވުންތަކުގެ ދަށުން ތައުލީމު، ކުޅިވަރު، އަދި އާޓްސްގެ ދާއިރާއިން މަޝްރޫއުތައް ހިންގަން ނިންމާފައިވޭ

އިންޑިއާގެ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދާ 'ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްސްޓް' ސްކީމްގެ ދަށުން ހިންގަން ނިންމާފައިވާ މުޅިން އާ 10 މަޝްރޫއެއްގެ އެއްބަސްވުމެއްގައި ރާއްޖެ އާއި އިންޑިއާއާ ދެމެދު މިއަދު ސޮއިކޮށްފި އެވެ. މި މަޝްރޫއުތަކުގެ ތެރޭގައި ގިނައިން ހިމެނެނީ އައުޓްޑޯ ޖިމް ގާއިމްކުރުމެވެ.

ވީ ކިހިނެއް؟ - އިންޑިއާގެ އެކްސްޓާނަލް އެފެއާޒްގެ ސްޓޭޓް މިނިސްޓަރު ވީ މުރަލީދަރަން ރާއްޖެއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރާ ދިމާކޮށް މި އެއްބަސްވުންތަކުގައި ސޮއިކުރީ މިއަދު ހެނދުނު ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

ތަފްސީލް - މި ރަސްމިއްޔާތުގައި އެއްބަސްވުންތަކުގައި ސޮއިކުރެއްވީ:

  • ރާއްޖޭގެ ފަރާތުން ފޮރިންގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލް

  • އިންޑިއާގެ ފަރާތުން އެ ގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު

މިއަދު ސޮއިކުރި އެއްބަސްވުންތަކުގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ތައުލީމާއި ކުޅިވަރާއި އާޓްސްގެ ދާއިރާއިން ކުރިއަށްގެންދަން ހަމަޖައްސާފައިވާ މަޝްރޫއުތަކެވެ. އެއީ:

  • 1-

    މާލޭގައި އާޓްސް ސެންޓަރެއް ގާއިމްކުރުން

  • 2-

    ށ. މިލަންދޫގައި ދުވާ ޓްރެކެއް އެޅުން

  • 3-

    ޅ. ހިންނަވަރުގައި އާ ކައުންސިލް އޮފީހެއް ބިނާކުރުން

  • 4-

    ގދ. ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި، ނަފްސާނީ ބަލިތަކަށް ފަރުވާ ދޭ ޔުނިޓެއް ގާއިމްކުރުން

  • 5-

    ފުވައްމުލައް، ހދ. ކުޅުދުއްފުށި، ނ. ކެނދިކުޅުދޫ އަދި ލ. ގަމަށް ސްކޫލު ބަސް ހޯދުން

  • 6-

    އައްޑޫ ހިތަދޫގެ ބޭރުމަތި ދާއިރާގައި އައުޓްޑޯ ޖިމެއް ގާއިމްކުރުން

  • 7-

    އައްޑޫ ހިތަދޫގެ ރަސްގެދަރަ ދާއިރާގައި އައުޓްޑޯ ޖިމެއް ގާއިމްކުރުން

  • 8-

    ގދ. ވާދޫގައި އައުޓްޑޯ ޖިމެއް ގާއިމްކުރުން

  • 9-

    ހއ. ދިއްދޫގައި އައުޓްޑޯ ޖިމެއް ގާއިމްކުރުން

  • 10-

    ލ. އަތޮޅު ތައުލީމީ މަރުކަޒުގައި ސްކޫލް ޑިޖިޓަލައިޒޭޝަން ޕްރޮގްރާމެއް ކުރިއަށް ގެންދިއުން

ނަމަވެސް، މި މަޝްރޫއުތަކަށް ހޭދަކުރާ ފައިސާގެ އަދަދެއް އަދި ސާފެއް ނުވެ އެވެ.

ގުޅުން ހުރި ކަމެއް - މިއަދުގެ ރަސްމިއްޔާތުގައި އިންޑިއާ ސަރުކާރުގެ ފަރާތުން ރާއްޖޭގެ ހެލްތު މިނިސްޓްރީއަށް ވަނީ ޓީބީ ބައްޔަށް ފަރުވާ ކުރަން ބޭނުންކުރާ ބޭސް ވެސް ހަދިޔާކޮށްފައިވެ  އެވެ. ރާއްޖޭގެ ފަރާތުން މި ބޭހާ ހަވާލުވީ ޕަބްލިކް ހެލްތުގެ ޑިރެކްޓަރު ޖެނެރަލް މައިމޫނާ އަބޫބަކުރެވެ.

އެނގުން މުހިއްމު - އިންޑިއާގެ ސްޓޭޓް މިނިސްޓަރު މުރަލީދަރަން ރާއްޖެއަށް ކުރައްވަމުން ގެންދަވާ ފުރަތަމަ ރަސްމީ ދަތުރުގައި އޭނާ ވަނީ އިއްޔެ އައްޑުއަށް ވަޑައިގެން އެ އަތޮޅު ހިތަދޫގެ ފަޅޯދަނޑިފަނު ޓޫރިޒަމް ޒޯނާއި ފޭދޫގެ ދިގިހެރަ ޓޫރިޒަމް ޒޯނު އިފްތިތާހުކޮށްދެއްވާފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް