އިދިކޮޅު ފަރާތްތަކުން ބޭއްވި މޭޑޭ މުޒާހަރާގައި އިމްރާން ވާހަކަ ދައްކަވަނީ. (ފައިލް ފޮޓޯ)

ލީޑަރުން މުޒާހަރާތަކުން ފިލާ ކަމަށް އިމްރާން ވިދާޅުވުމުން ހަނދާންކޮށްދިނީ މޭޑޭ މުޒާހަރާ

ބައެއް މީހުން ބުނީ، އިމްރާންގެ ޓުވީޓްގައިވާ ވާހަކަތަކަކީ މޭޑޭ މުޒާހަރާގައި އޭނާ ކަން ކުރެއްވި ގޮތް ކަމަށް

ބައެއް ސިޔާސީ ލީޑަރުން އެއްވުންތަކުން ފިއްލަވާ ކަމަށް ވިދާޅުވެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ކުރެއްވި ޓުވީޓަކާ ގުޅިގެން، އޭނާ ވެސް ހިމެނިވަޑައިގަންނަވާ ގޮތަށް އޭރުގެ އިދިކޮޅު ފަރާތްތަކުން 1 މޭ 2015ގައި މާލޭގައި ބޭއްވި މޭޑޭ މުޒާހަރާގައި ކަން ހިނގާދިޔަ ގޮތް ހަނދާންކޮށްދީ، އޭނާއަށް އާންމުންގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ރާއްޖެ އާއި ޗާގޯސްއާ ދެމެދު ކަނޑުގެ އިން ވަކިކުރުމުގެ މައްސަލައިގައި 'ކަނޑު ވިއްކުމާ ދެކޮޅު' އިއްތިހާދުން މިރޭ މާލޭގައި ބާއްވަން ތައްޔާރުވަމުން އަންނަ ޖަލްސާއަށް ނިސްބަތްކުރައްވައި އިމްރާން ވަނީ އެ ޖަލްސާއަށް އާންމުން ނުދިއުމަށް އިލްތިމާސްކުރައްވައި މިއަދު ޓްވީޓެއް ކުރައްވާފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި، މުޒާހަރާއެއް ބޭއްވުމަށް ފަހު ސިޔާސީ ލީޑުން ތިއްބަވަނީ ފިލަ އެވެ.

ބުނީ ކީކޭ؟ - "ސިޔާސީ ބައެއް ލީޑަރުން ކަން ކުރާ ގޮތަކީ އެއްވުންތަކަށް ގޮސް ހަމަނުޖެހުން ހިންގައި ރައްޔިތުން ލައްވާ ގޯސް ހައްދާފައި މައިދާނުން ފިލައިގެން ދިއުން. ކުށްވެރިވެ، އަދަބު ލިބެނީ ނިކަމެތި ރައްޔިތުންނަށް. ލީޑަރުން ތިބެނީ ފިލާ،" މި ސަރުކާރާ އެކު ދެވަނަ ދައުރަކަށް ކޯލިޝަން ހެދުމަށް ނިންމާފައިވާ އަދާލަތު ޕާޓީގެ ރައީސްކަން ވެސް ކުރައްވާ އިމްރާން ވިދާޅުވި އެވެ.

"ކޮންމެ ފިކުރަކަށް ނިސްބަތްވިޔަސް އެއްވެސް ރައްޔިތަކު މި ގޮތަށް ވިޔަ ނުދެއްވާ."

އިމްރާންގެ ޓްވީޓް

އިމްރާން މިގޮތަށް ޓުވީޓް ކުރެއްވިއިރު، މީގެ ހަ އަހަރު ކުރިން އޭރުގެ އިދިކޮޅު ފަރާތްތަކުން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ ދެކޮޅަށް ބޭއްވި މޭޑޭ މުޒާހަރާގައި އެންމެ އިސްކޮށް ހުންނެވި އެކަކީ އިމްރާން އެވެ. އެ މުޒާހަރާ ހޫނުވުމާ އެކު އިމްރާން ހިމެނިވަޑައިގަންނަވާ ގޮތަށް ސިޔާސީ ގިނަ ލީޑަރުން އެ ދުވަހު "ފިލި" ކަމަށް އޭރު ވެސް ތުހުމަތު ކުރި އެވެ. 

އިމްރާން ހިމެނިވަޑައިގަންނަވާ ގޮތަށް، އެ މުޒާހަރާގައި އިސްކޮށް އުޅުއްވި ބައެއް ބޭފުޅުން ވަނީ އެ ރޭ ކޯޓު އަމުރެއްގެ ދަށުން ފަހުން ހައްޔަރު ވެސް ކޮށްފަ އެވެ.

"ކުއްލިއަކަށް 1 މޭ 2015ގެ މުޒާހަރާ ހަނދާންވީތަ؟،" އިމްރާންގެ ޓުވީޓައް ރައްދު ދިން އާންމުގެ މީހަކު ބުންޏެވެ.

މޭޑޭ މުޒާހަރާގެ ހަވީރުގެ ލައިވް ކަވަރޭޖް

ބައެއް މީހުން ބުނި ގޮތުގައި، އެ ޓުވީޓްގައި އިމްރާން ދައްކަވާފައިވާ ވާހަކަތަކަކީ، މޭޑޭ މުޒާހަރާގައި އޭނާ ކަންކަން ކުރެއްވި ގޮތުގެ މިސާލެވެ.

"މޭޑޭގައި މި ހުރިހާ ޖަރީމާއެއް ހިންގާފައި ފިލާ އޮތް މީހެއް މި ކަހަލަ ވާހަކަ ދެއްކީމަ އިތުރަށް ހާމަވާނީ މީނާގެ ހުރި މުނާފިގުކަން. އަމިއްލަ މީހާގެ ވާހަކަ އަމިއްލަ މީހާގެ އަގައިން،" މޭޑޭގެ މުޒާހަރާގެ ބައިވެރިން ފުލުހަކަށް ހަމަލާ ދޭ މަންޒަރު ފެންނަ ވީޑިއޯއަކާ އެކު ކުރި ޓުވީޓެއްގައި އެހެން މީހަކު ބުންޏެވެ.

މޭޑޭގެ މުޒާހަރާގައި އެންމެ ހަރުއަޑުކޮށް ސަރުކާރަށް ފާޑުވިދާޅުވި އެކަކީ ވެސް އިމްރާން އެވެ. އަދި އަނިޔާވެރި ގޮތަކަށް މަރާލި ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝިމް އަލީ އާއި ގެއްލުވާލި ނޫސްވެރިޔާ އަހްމަދު ރިލްވާންގެ މަރުގެ ޒިންމާ އޭރުގެ ރައީސް ޔާމީން ނަންގަވަން ޖެހޭނެ ކަމަށް ދޭހަވާ މޭރުމަކުން އިމްރާން އެ މުޒާހަރާގައި ވާހަކަ ވެސް ދެއްކެވި އެވެ.

"މޭޑޭގައި މި ވާހަކަތައް ނިކަން ބާރަށް ގޮވާފައި މުޒާހަރާ ހޫނުވުމުން އާއްމުން ދޫކޮށް ފިއްލެވީ ތިޔަ ބޭފުޅާ. ވެރިކަމަށް އާދެވުމުން 'އޮހޮރުނު ލޭ'ގެ މައްސަލަތައް ހަނދާން ނައްތާލެއްވީ ވެސް ތިޔަ ބޭފުޅުން،" އިމްރާން އެ ދުވަހުގެ މުޒާހަރާގައި ދެއްކެވި ވާހަކަތައް ހިމެނޭ ވީޑިއޯއާ އެކު، މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު އިބްރާހިމް ވަހީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވި އެވެ.

މެންބަރު ވަހީދުގެ ޓްވީޓް

ހަ ގަޑިއިރު ތެރޭ އިމްރާންގެ އެ ޓުވީޓް 30،000އަށް ވުރެ ގިނަ މީހުންނަށް ފެނިފައި ވާއިރު، 26 މީހަކު ރީޓުވީޓްކޮށްފައިވެ އެވެ. އެ އެކައުންޓުން ކުރާ ޓުވީޓްތަކަށް ކޮމެންޓް ނުކުރެވޭ ގޮތަށް ހަދާފައި ވިޔަސް، 70އަށް ވުރެ ގިނަ މީހުން ވަނީ އެ ޓުވީޓް ކުއޯޓްކޮށް ފާޑުކިޔާފަ އެވެ.

ކޮމެންޓް (1)

ލޮލް

2 ޖޫން 2023
މޭޑޭގެ މުޒާހަރާގައި އެންމެ ހަރުއަޑުކޮށް ސަރުކާރަށް ފާޑުވިދާޅުވި އެކަކީ ވެސް އިމްރާން އެވެ. އަދި އަނިޔާވެރި ގޮތަކަށް މަރާލި ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝިމް އަލީ އާއި ގެއްލުވާލި ނޫސްވެރިޔާ އަހްމަދު ރިލްވާންގެ މަރުގެ ޒިންމާ އޭރުގެ ރައީސް ޔާމީން ނަންގަވަން ޖެހޭނެ ކަމަށް ދޭހަވާ މޭރުމަކުން އިމްރާން އެ މުޒާހަރާގައި ވާހަކަ ވެސް ދެއްކެވި އެވެ.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް