މަގުމަތީގައި ޑްރަގު ވިއްކި ކަމަށް ބުނާ ވީޑިއޯގެ ސްކްރީންޝޮޓެއް

ޑްރަގު ކޯޓު

ފަރުވާގައި ހުއްޓައި މަގުމަތީގައި ޑްރަގު ވިއްކި މީހާ 3 އަހަރަށް ޖަލަށްލާން އަމުރުކޮށްފި

އޭޭނާާ ޖަަލަަށްްލުމަށް އަމުރުކުރީ، ފަރުވާގެ ޕްރޮގްރާމާ އެއްގޮތަށް އަމަލުނުކުރާތީ މިދިޔަ އަހަރު އޭނާގެ މައްޗަށް އިއްވި ހުކުމް ތަންފީޒުކުރުމަށް

މަގުމަތީގައި ޑްރަގު ވިއްކި މައްސަލައެއްގައި މިދިޔަ ފެބްރުއަރީ މަސް ތެރޭ ހައްޔަރުކުރި ޒުވާނާ ތިން އަހަރަށް ޖަލަށްލުމަށް ޑްރަގު ކޯޓުން އަމުރުކޮށްފި އެވެ. އެ މައްސަލައިގައި އޭނާ ހައްޔަރުކޮށްފައި ވަނީ، މިދިޔަ އަހަރުގެ ތެރޭ މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ، އެ ކޯޓުން ފަރުވާއަށް ހުކުމްކޮށްފައިވަނިކޮށެވެ.

ވީ ކިހިނެއް؟ - 10 ފެބްރުއަރީގައި އުމުރުން 25 އަހަރުގެ ދިވެހި ފިރިހެނަކު، މާލޭ މަގުމަތީގައި ވަރަށް ހާމަކަން ބޮޑު ގޮތެއްގައި ޑްރަގު ކަމަށް ބެލެވޭ އެއްްޗެހިތަކެއް ވިއްކާ މަންޒަރު ފެންނަ ވީޑިއޯއެއް ޝޯޝަލް މީޑީއާގައި ދުރުވި އެވެ. ޖެހިގެން އައި ދުވަހު ފުލުހުން ވަނީ އެއީ ކާކުކަން ހޯދުމަށް ފަހު އޭނާ ހައްޔަރުކޮށްފަ އެވެ.

ތަފްސީލު - އެއީ ޑައިމޯފިން ބޭނުންކުރުމުގެ ދައުވާ ސާބިތުވެ، ތިން މަހުގެ ފަރުވާއަށް 27 އެޕްރީލް 2022ގައި ހުކުމްކޮށްފައިވާ ޒުވާނެކެވެ.

އޭނާ އެ ފަހަރު ހައްޔަރުކުރުމާއި އަދިވެސް އެހެން ސަބަބުތަކާ ހުރެ ފަރުވާގެ ނިޒާމް ހިންގާ ނޭޝަނަލް ޑްރަގު އެޖެންސީ (އެންޑީއޭ)އިން ޑްރަގު ކޯޓުގައި ވަނީ، މީގެ ކުރިން އެ ކޯޓުން ކޮށްފައިވާ ރިހިބިލިޓޭޝަން އަމުރުގައި ބަޔާންކޮށްފައިވާ ފަރުވާގެ ޕްރޮގްރާމް ހުއްޓާލުމަށް ހުށަހެޅުމެއް ހުށަހަޅާފަ އެވެ.

އެންޑީއޭގެ ހުށަހެޅުމާ ގުޅިގެން މިދިޔަ ހޯމަ ދުވަހު ޑްރަގު ކޯޓުން އަމުރުކުރީ، އޭނާ ފަރުވާގެ ޕްރޮގްރާމުން ވަކިކޮށް، އޭނާގެ މައްޗަށް މީގެ ކުރިން ކޮށްފައިވާ ތިން އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރުމަށެވެ. އެއާ އެކު، އެ ހުކުމް ތަންފީޒު ކުރުމަށް އޭނާ މިހާރު ވަނީ ކަރެކްޝަންސްއާ ހަވާލުކޮށްފަ އެވެ.

ފަރުވާގެ ޕްރޮގްރާމް ހުއްޓާލުމަށް އަމުރު ކުރި ސަބަބުތަކަކީ: 

  • ފަރުވާ ދޭ ފަރާތުގެ އެންގުންތަކާ ހިލާފުވުން

  • ފަރުވާއަށް ހާޒިރުވަމުން ނުދާތީ

  • އެކަމާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކުން ވެސް އެކަން އޭނާ އިސްލާހުކޮށްފައި ނުވާތީ

އެނގުން މުހިންމު - ޑްރަގު ބޭނުން ކުރާ މީހުން މުޖުތަމައުއަށް އަނބުރާ ގެނައުމަށްޓަކައި މަސްތުވާތަކެތީގެ ގާނޫނުގެ ދަށުން، ފަރުވާ ބޭނުން ނަމަ، އެ މީހަކަށް އިއްވާ ފުރަތަމަ ހުކުމް ތަންފީޒުކުރުން ފަސްކުރުމަށް ފަހު، އެންޑީއޭގެ ފަރުވާގެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުުރަސަތު އޮވެ އެވެ. އެގޮތުން:

  • އެ ޕްރޮގްރާމް ކާމިޔާބުކަމާ އެކު ދީފައިވާ މުއްދަތުގައި ނިންމާލައިފި ނަމަ، އެ ކުއްވެރިޔާގެ މައްޗަށް ކުރާ ޖަލު ހުކުމް ތަންފީޒު ކުރަން ނުޖެހޭ

  • އެ ޕްރޮގްރާމުން ފެއިލްވެއްޖެ ނަމަ، ކުރިން އޭނާގެ މައްޗަށް ކުރި ހުކުމް ތަންފީޒު ކުރަން ޖެހޭނެ

އެންޑީއޭގެ ބަސް - އެ އިދާރާގެ ސީއީއޯ އިމާދު ސޯލިހް މިއަދު 'ދައުރު'އަށް ވިދާޅުވީ، ފަރުވާގެ ނިޒާމަށް ހުކުމް ކުރާ މީހުން އެ ނިޒާމް ނަހަމަ ގޮތުގައި ބޭނުންކުރަމުން ދާއިރު، ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ. ގާނޫނުގެ ދަށުން އިތުރު ކުށްތަކެއް އެ މީހަކު ކުރާ ނަމަ، ފަރުވާގެ ޕްރޮގްރާމް ހުއްޓާލަން ޖާގަ އޮންނަ ކަމަށާއި ނަމަވެސް އެ އިދާރާއިން ބަލަނީ ވީހާ ވެސް ލުއިކޮށް އެކަން ކުރިއަށް ގެންދިއުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"ނަމަވެސް، މަސްތުވާތަކެތި ބޭނުންކުރުމާއި ވިއްކުމަކީ އެއީ މުޅިން ދެ ކަމެއް. ނިޒާމްގެ ގޮތުގައި ނިޒާމް ނުހިނގާނެ އެފަދަ ކުށްތަކަށް ފިޔަވަޅު ނޭޅޭ ކަމުގައިވާ ނަމަ،" ވަކި މައްސަލައަކަށް އިޝާރާތް ނުކޮށް، ޖުމްލަކޮށް އެންޑީއޭގެ ވިސްނުން ހާމަކޮށް އިމާދު ވިދާޅުވި އެވެ.

ފަސް މަންޒަރު - އެ ޒުވާނާ ޑްރަގު ވިއްކާ ކަމަށް ތުހުމަތުކުރެވޭ 40 ސިކުންތުގެ ވީޑިއޯއިން ފެންނަ ގޮތުގައި، އެ ތަކެތި ގަތުމަށް ތިން މީހަކު އޭނާއަށް ފައިސާ ދޭ ތަން ފެނެ އެވެ. ކޮންމެ މީހަކު އައިސް ދިއްކޮށްލަނީ 100ރ.ގެ ނޫޓެކެވެ. ބަދަލުގައި އޭނާ އެ މީހުންގެ އަތަށް ޕެކެޓެއް ދެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް