ނ. މަނަދޫގައި އުމުރުން ދުވަސްވީ މީހަކު މަރާލާފައި އޮއްވާ ފެނުނު ގެ ހުންނަ ސަރަހައްދު ބަންދުކޮށްފައި. (ދައުރު ފޮޓޯ)

ނައީމާ މަރާލި ކަމަށް ތުހުމަތުކުރެވޭ މީހުން ދުއްވި ކާރުގެ ވެރިޔާގެ ބަންދަށް 30 ދުވަސް

ކޯޓު އަމުރެއްގެ ދަށުން ރޭ މާލޭން 21 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފައި

ނ. މަނަދޫގައި މިދިޔަ މަހުގެ ކުރީކޮޅު ގެއެއްގެ ތެރޭގައި އަނިޔާވެރިކޮށް މަރާލާފައި އޮއްވާ ފެނުނު ނައީމާ މޫސާގެ މަރުގެ މައްސަލައިގައި ރޭ ހައްޔަރުކުރި ތިން ވަނަ މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު 30 ދުވަސް ޖަހައިފި އެވެ.

ވީ ކިހިނެއް؟ - ކޯޓު އަމުރެއްގެ ދަށުން ރޭ މާލޭން 21 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފަ އެވެ. އޭނާގެ ބަންދަށް ކޯޓުން 30 ދުވަސް ދީފައިވާ ކަމަށް ފުލުހުން މިއަދު ފޮނުވި މެސެޖެއްގައި ބުނެފައިވެ އެވެ.

ތަފްސީލް - މިކަމާ ގުޅޭ ގޮތުން ފުލުހުން އިތުރު ތަފްސީލެއް ނުދެ އެވެ. ނަމަވެސް، އިތުރުބާރު ހުރި މަސްދަރަކުން 'ދައުރު'އަށް ކަށަވަރުވެފައިވާ ގޮތުގައި، ރޭ ހައްޔަރުކުރި ޒުވާނާ އަކީ އެ ކާރުގެ ވެރިފަރާތުގެ އިތުރުން، އެ ރޭ އެ ކާރު ދުއްވަން އިން މީހާ ކަމަށް ވެސްވެ އެވެ.

  • ނައީމާ މަރާލި ރޭ، އޭނާ މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ތުހުމަތުކުރެވިގެން ހައްޔަރުކޮށްފައިވާ ދިވެހި ދެ ފިރިހެނުން ގިނަ އިރުތަކެއް ވާންދެން ކާރެއްގައި ރަށުތެރޭގައި ދުއްވި ކަމަށްވޭ

  • ފުލުހުން ވަނީ ފުރަތަމަ ހައްޔަރުކުރި ދެ މީހުން ލައްވައި ކާރުގައި އުޅުނު ގޮތް މިދިޔަ ހުކުރު ދުވަހުގެ ރޭ އެ ރަށުގައި ކުޅުވާފައި

  • މިހާރު އެ ކާރު އޮތީ ފުލުހުންގެ ބެލުމުގެ ދަށުގައި

ގުޅުން ހުރި ކަމެއް - މީގެ އިތުރުން، ފުލުހުން ވަނީ ނައީމާ މަރާލުމަށް ބޭނުންކުރި ކަމަށް ބެލެވޭ ދެ ވަޅި އާއި އެ ދެ މީހުން އެ ރޭ ލައިގެން އުޅުނު ކަމަށް ބުނާ އަންނައުނު ވެސް ހޯދާފަ އެވެ.

މީގެ ކުރިން ފުލުހުން ވަނީ، ނައިމާ މަރާލާފައި އޮއްވާ ފެނުނު ތަނުން އެހެން މީހެއްގެ ޑީއެންއޭ ވެސް ހޯދާފަ އެވެ. އެއީ ކާކުގެ ޑީއެންއޭއެއްކަން ދެނެގަތުމަށް އެ ރަށުގެ ގިނަ ބައެއްގެ ސާމްޕަލް ވެސް ނަގާފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް