ފ. ދަރަނބޫދޫ ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތުގައި މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަފުޅު ދައްކަވަނީ. (ފޮޓޯ/ރައީސް އޮފީސް)

ރައީސް ވިދާޅުވެދެއްވީ ދަރަނބޫދުއަށް އަރަން ކުރިން ކުރައްވަން ޖެހިވަޑައިގެންނެވި ތަޖުރިބާ

ދަރަނބޫދޫގައި އަލަށް ތަރައްގީ ކުރި ބަނދަރު ރައީސް ވަނީ މިއަދު ހުޅުއްވައިދެއްވާފައި

މީގެ ފަސް އަހަރު ކުރިން، ފ. ދަރަނބޫދުއަށް ކުރެއްވި ދަތުރުފުޅުގައި ރަށަށް ނުވަދެވިގެން ގަޑިއެއްހާއިރު ވަންދެން މަޑުކުރަން ޖެހިވަޑައިގެން ކަމަށް ވިދާޅުވެ، އެ ތަޖުރިބާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެރަށުގައި މިއަދު އާކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - ރައީސް ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހުމަދު އަދި ދައުލަތުގެ ވެރިން ފ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ވަނީ އެ އަތޮޅު ދަރަނބޫދުއަށް ވަޑައިގެންފަ އެވެ. އަދި މީގެ ކުރިން އަރާފޭބުމަށް އުނދަގޫ ރަށުގެ އާ ބަނދަރު ރައީސް ހުޅުއްވައިދެއްވި އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ، އެ މަނިކުފާނު މީގެ ފަސް އަހަރު ކުރިން، 2018ގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ދަރަނބޫދުއަށް ކުރެއްވި ދަތުރުފުޅުގެ ތަޖުރިބާ ވިދާޅުވެފަ އެވެ.

ބުނީ ކީކޭ؟ - އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓުގެ ހައިސިއްޔަތުން އޭރު ރައީސް ސޯލިހް ދަރަނބޫދުއަށް ވަޑައިގެންނެވީ މަގުރިބް ނަމާދާއި އިޝާ ނަމާދާ ދެމެދުގެ ވަގުތެއްގަ އެވެ. ވިއްސާރަ، ކަނޑުގަދަ އެ ދުވަހު ދަރަނބޫދުއަށް ނުވަދެވިގެން، ރަށް ބޭރުގައި ގަޑިއެއްހާއިރު މަޑުކުރަން ޖެހިވަޑައިގެން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"ނަމަވެސް، މި ރަށުގެ ރައްޔިތުން އެ ދުވަހު ވެސް ބަނދަރުމަތީގައި މަޑުކޮށްގެން ތިބި. އެ ވިއްސާރައިގައި އަޅުގަނޑުމެން މި ރަށަށް ފައިބައި ރައްޔިތުންނާ ބައްދަލުކޮށް، އަޅުގަނޑުމެންގެ ހުށަހެޅުންތައް ރައްޔިތުންނަށް ހުށަހެޅި،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި، އެ ދުވަހު ވެސް އެންެމެ ބޮޑު ކަމެއްގެ ގޮތުގައި ދަރަނބޫދޫ ރައްޔިތުން ހުށަހެޅީ ރަށުގެ ބަނދަރު ހެދުމެވެ.

ރައްޔިތުން އެދުނު ގޮތަށް، ދަރަނބޫދޫ ބަނދަރު ތަރައްގީކޮށްފައިވާކަން ރައީސް ފާހަގަކުރެއްވި އެވެ.

ދަރަނބޫދުއަށް ލަފާފުރުމުގެ ހާލަތު:

  • ދަރަނބޫދޫ ބަނދަރު މީގެ ކުރިން އޮންނަ ގޮތުން، ރަށަށް ވަންނައިރު ރާޅު އަރައި އުޅަނދުފަހަރަށް ބޮޑެތި ގެއްލުންތައް ވެފައިވޭ 

  • މިހާރު ގެނެސްފައިވާ ބަަދަލުގެ ސަބަބުން އެ މައްސަލަ ހައްލުވެފައިވާ ކަމަށް އެ ރަށު މީހުން ބުނޭ

  • ދަރަނބޫދޫ ބަނދަރު ހަދަން ފެށީ 2020 ވަނަ އަހަރުގެ ތެރޭގައި 

  • ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން އެ މަޝްރޫއު ލަސްވެގެން ދިޔައީ ކަމަށް ސަރުކާރުން ބުނެފައިވޭ

ރައީސް ވިދާޅުވި ގޮތުގައި، އާބާދީގައި 50 މީހުން ވެސް ހަމަނުވާ ދަރަނބޫދުއަކީ، މަދު ބަޔަކު ދިރިއުޅުނު ނަމަވެސް އަސާސީ ހިދުމަތްތައް ފުއްދައިދޭން ނުޖެހޭ ރަށެއްގެ ގޮތުގައި މީގެ ކުރިން އޮތް އޮތުން މި ސަރުކާރަށް ގަބޫލެއް ނުކުރެވެ އެވެ. ސަރުކާރުގެ އަމާޒަކީ އަދި ވައުދަކީ ވެސް އެއްވެސް ރައްޔިތަކު ތަފާތު ކުރުމެއް ނެތި އަދި މީހުންގެ ފިކުރު ހުރި ގޮތް ވެސް ބެލުމެއް ނެތި ރައްޔިތުން ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"ދަރަނބޫދުއަށް ވީ ވައުދުތައް ފުއްދުމުގައި ވެސް އަޅުގަނޑުމެން ގެންގުޅުނީ އެ ވިސްނުން،" ރައީސް ވިދާޅުވި އެވެ.

"މި ދާއިރާގެ މެމްބަރަކީ މިއަދާ ޖެހެންދެން ވެސް އެމްޑީޕީގެ ސަރުކާރަށް ނިސްބަތްވާ މެންބަރެއް ނޫން. ދަރަނބޫދޫގެ ރައްޔިތުންގެ ތެރެއިން ބޮޑު ބަޔަކީ އެމްޑީޕީއަށް ތާއީދުކުރާ ބައެއް ނޫން. ކައުންސިލްގައި ވެސް، މިއަދު ވެސް ކައުންސިލްގެ ރައީސް ވެސް އަދިވެސް ތިއްބެވި ބޭފުޅުންނަކީ އެމްޑީޕީއަށް ނިސްބަތްވާ ބޭފުޅުންނެއް ނޫން."

ރައީސް ވިދާޅުވި ގޮތުގައި ކުރީ ސަރުކާރުތަކެކޭ އެއްގޮތަށް މި ސަރުކާރަށް ވެސް ދަރަނބޫދޫ ފަދަ ކުދި އަދި ސިޔާސީ ގޮތުން ހިޔާލު ތަފާތު ރަށްރަށް ލިސްޓުގެ ފަހަތަށް ޖައްސާފައި ސަރުކާރަށް ތާއީދުކުރާ ރަށްރަށަށް އެކަނި މަަސައްކަތް ކޮށްދެވުނީހެނެވެ. އެކަމަކު މި ސަރުކާރުގެ ވިސްނުމަކީ ރައްޔިތުންނަށް ތަފާތުކުރުމެއް ނެތި ކަންތައްތައް ކޮށްދިނުން ކަމަށް އެ މަނިކުފާނު ތަކުރާރުކޮށް ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް