ފުރަވީރުން ޝޯ ގައި ޖޭޕީގެ ލީޑަރު ގާސިމްއާއި ޑެޕިއުޓީ ލީޑަރު ނަހުލާ (ފޮޓޯ/ ޖޭޕީ
ގާސިމް ޒުވާނުންނަށް: 'ހާސް ކަނޑާލާ؛ ހުރިހާ ކަމެއް ހަމަޖެހޭނެ'
ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން އެންމެ އިސްކަމެއް ދޭނީ، އަދި އެ ޕާޓީން އަބަދުވެސް ތިބޭނީ ޒުވާނުންނާ އެކު ކަމަށް ވިދާޅުވެ އެ މީހުންގެ އުންމީދުތައް ހަގީގަތަކަށް ހަދައިދޭނޭ ކަމުގެ ވައުދު އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވެވަޑައިގެންފި އެވެ.
ވީ ކިހިނެއް؟ - ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ގާސިމް އެގޮތަށް ވިދާޅުވީ، ރޭ އެ ޕާޓީން އިންތިޒާމްކޮށްގެން ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި "ފުރަވީރުން" ޝޯގައި ވާހަކަދައްކަވަމުންނެވެ.
ބުނީ ކީކޭ؟- ގާސިމް ވިދާޅުވީ، ޖޭޕީން މަސައްކަތް ކުރާނީ "އަމާނާތްތެރިކަމާއި އިހުލާސްތެރިކަމާއި އެކު" މި ގައުމު ޒުވާނުންނާއި ހަވާލުކުރުމަށް ކަމަށެވެ. އަދި ގައުމުގެ މުސްތަގުބަލަކީ މިއަދުގެ ކުޑަކުދިންކަން ފާހަގަކުރައްވަމުން އޭނާ ވަނީ އަމާނާތްތެރިކަމާއި އެކު އެ މީހުންނަށް ގައުމު ވާސިލުކޮށްދިނުމަށް އިލްތިމާސްކުރައްވައިފަ އެވެ.
އެހެން ވިދާޅުވުމަށް ފަހު ގާސިމް ތަކުރާރުކުރެއްވީ އަބަދުވެސް ގައުމުގެ ތަރައްގީއަށް މަސައްކަތް ކުރާނެކަމުގެ ވާހަކަ އެވެ.
"ހަމަ ކަށަވަރުން ވެސް އަޅުގަނޑު އަބަދުވެސް މަސައްކަތްކުރަނީ ގައުމުގެ ތަރައްގީއަށް. ގައުމުގެ ކުރިއެރުމަށް އަދި އެހެންކަމަށް ވަންޏާ އެ މަސައްކަތްކުރުމުގައި އެމީހަކު ހުންނާނީ އަބަދު ވެސް ގައުމުގެ ޒުވަނުންނާއި ޅަކުދިންނާއި ވެސް އެކީގައި،" ގާސިމް ވިދާޅުވި އެވެ.
އެހެން ވިދާޅުވުމަށް ފަހު ގާސިމްގެ ވާހަކަ ނިންމަވާލެއްވީ ޒުވާނުންނަށް ވަރުގަދަ މެސެޖެއް ދެއްވަމުންނެވެ. އެނާ ދެއްވީ ޒުވާނުން ބޭނުންވާ ހުރިހާ ކަމެއް ހަމަޖެހިގެންދާނެ ކަމުގެ އުއްމީދެވެ.
"އަޅުގަނޑުމެން މިތިބީ ތިބޭފުޅުންނާ އެކު، ޒުވާނުންނާ އެކު. ތިބޭފުޅުން ހާސްކަނޑާލާށޭ، ބޭނުންވާ ހުރިހާ ކަމެއް ހަމަޖެހިގެންދާނެ،" ގާސިމް ވިދާޅުވި އެވެ.
ފާހަގަކޮށްލެވޭ ކަމެއް - އެ ހަރަކާތް އިންތިޒާމްކުރުމުގައި އެންމެ އިސްކޮށް އުޅުއްވި އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އައިޝަރު ނަހުލާ ދެއްކެވި ވާހަކައިގައި އޭނާ ވަނީ ޖޭޕީގެ ހަރަކާތްތައް ފުޅާކޮށް އެއީ ޒުވާނުންގެ ޕާޓީއަކަށް ހެދުމަށް މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވާފަ އެވެ. ގާސިމްގެ އަނބިކަނބަލުން ނަހުލާ ވިދާޅުވީ، މިފަހުންވެސް 2000 އަށް ވުރެ ގިނަ ޒުވާނުން އެ ޕާޓީއާ މުޅިން އަލަށް ގުޅިފައިވާ ކަމަށެވެ.
ވީ ކިހިނެއް؟- "ފުރަވީރުން" ގެ ނަމުގައި ބޭއްވި މި ހަރަކާތް ކުރިއަށް ގެންދިޔައީ ހުޅުމާލެ ސެންޓްރަލް ޕާކުގަ އެވެ.
ފުރަވީރުންނަކީ؛
-
ކުރިއަށް އޮތް ރިޔާސީ އިންތިހާބާ ދިމާކޮށް ޖޭޕީން ބޭއްވި މި ހަރަކާތުގައި ގިނަ އަދަދެއްގެ ޒުވާނުންނާއި އާއިލާތައް ބައިވެރިވި
-
އެ ޝޯގައި ދިވެހި އާޓިސްޓުންނާއި ބޭރު އާޓިސްޓުންގެ ވެސް ހުނަރު ފެނިގެން ގޮސްފައިވޭ
-
އެގޮތުން ބޮޑު ބެރާއި، ސަގާފީ ނެށުމުގެ އިތުރުން ޑީޖޭ އިންގެ މޮޅު ހުނަރާއި އަލިފާން ބޭނުންކޮށްގެން ޕާފޯމްކުރާ ބޭރު އާޓިސްޓެއްގެ ހަރަކާތެއް ވެސް ދައްކާލާފައިވޭ
-
އެ ހަރަކާތް ނިންމާލީ ހަވާ އެރުވުމަށްފަހު
ފާހަގަކޮށްލެވޭ ކަމެއް- ޒުވާނުންނަށް ހާއްސަކޮށްގެން ޖޭޕީން ހަރަކާތެއް ބޭއްވިއިރު، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެ ޕާޓީން ވަނީ ވާދަކުރުމަށް ނިންމާފަ އެވެ. ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ޕާޓީގެ މެމްބަޝިޕް އިތުރުކުރުމުގެ މަސައްކަތްތައް ވެސް އެކި ރަށްރަށުގައި ކުރަމުންދާއިރު މިފަހުން ވެސް ގިނަ އަދަދެއްގެ މެމްބަރުން ވަނީ މުޅިން އަލަށް އެ ޕާޓީއާ ގުޅިފަ އެވެ.