އީވާ ވަކިކުރުމުގެ މައްސަލާގައި ސޮއިނުކުރައްވާ އެމްޑީޕީގެ މެމްބަރުން، ކ-ވ: އަހުމަދު ރަޝީދު، ހަލީމް، ހަައިތަމް، ޖަމްޝީދު އަދި މޫސާ ސިރާޖު.
އީވާ ވަކިކުރުމުގެ މައްސަލާގައި އެމްޑީޕީގެ 5 މެމްބަރަކު ސޮއެއްނުކުރައްވާ
އެމްޑީޕީގެ ފަރާތުުން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމަށް ހޮވިވަޑައިގެން ހުންނެވި އީވާ އަބްދުﷲ އެ މަގާމުން ވަކިކުރުމަށް އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލަ މިއަދު މަޖިލީހަށް ހުށަހެޅިއިރު، އެ މައްސަލައިގައި އެ ޕާޓީގެ ފަސް މެމްބަރަކު ސޮއިނުކުރައްވާކަން އެނގިއްޖެ އެވެ.
މައްސަލައިގެ ފެށުން - އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަންގައި އިސްކޮށް އުޅުއްވާ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވަކިކުރުމާ ވިދިގެން، އިވާ ހިމެނޭ ގޮތަށް އެ ފެކްޝަނަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލީހުގެ 12 މެމްބަރުން ވަނީ އެމްޑީޕީން ވަކިވެވަޑައިގެން، 'ދަ ޑިމޮކްރެޓްސް'ގެ ނަމުގައި ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފައްޓަވާފަ އެވެ. އީވާ އަކީ އެ ޕާޓީ އުފެއްދެވުމުގައި ވެސް އިސްކޮށް އުޅުއްވާ ބޭފުޅެކެވެ.
ތަފްސީލް - އީވާ ނައިބު ރައީސްކަމުން ވަކިކުރުމުގެ މައްސަލަ، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ހުށަހެޅީ މިއަދުގެ މެންދުރު ފަހުގެ ވަގުތެއްގަ އެވެ. އެ މައްސަލަ މަޖިލީހަށް ހުށަހެޅީ 50 މެމްބަރުންގެ ސޮޔާ އެކު އެވެ.
ނަޝީދުއާ އެކު މިހާރު މަޖިލީހުގައި އެމްޑީޕީ ތަމްސީލުކުރައްވާ 55 މެމްބަރުން ތިއްބެވި ނަމަވެސް، އެ މައްސަލައިގައި ނަޝީދުއާ ނުލައި އެ ޕާޓީގެ ފަސް މެމްބަރަކު ސޮއެއ ްނުކުރައްވަ އެވެ.
އެ މެމްބަރުންނަކީ:
-
1-
ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު ޖަމްޝީދު މުހައްމަދު
-
2-
ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް
-
3-
ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖް
-
4-
ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު
-
5-
މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ހައިތަމް
އެ މެމްބަރުން އިތުބާރު ނެތް ކަމުގެ މައްސަލާގައި ސޮއިނުކުރެއްވީ ކީއްވެގެންތޯ 'ދައުރު' އިން ސުވާލުކުރުމުން:
-
އަހުމަދު ހަލީމް އާއި އަހުމަދު ރަޝީދު ވިދާޅުވީ އެފަދަ މައްސަލައެއް މަޖިލީހަށް ހުށަހެޅިކަން އެނގިވަޑައިގެންފައި ނުވާ ކަމަށް؛ ދެ ބޭފުޅުން ވެސް ވިދާޅުވީ ރަސްމީ ސިފައެއްގައި ސޮއި ހޯދަމުންދިޔަކަން އެނގިވަޑައިނުގަންނަވާ ކަމަށް
-
ހައިތަމް މި ވަގުތު ހުންނެވީ ރާއްޖޭން ބޭރުގައި
-
ދެން އެ މައްސަލާގައިި ސޮއިނުކުރައްވާ މެމްބަރުންގެ ފަރާތުން އަދި ޖަވާބެއް ނުލިބޭ
އީވާގެ މައްސަލައިގައި އެމްޑީޕީގެ 49 މެމްބަރަކު ސޮއިކުރެއްވިއިރު، އަމިއްލަ މެމްބަރެއް ކަމަށްވާ ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލް މުހުސިން ހަމީދު ވެސް އެ މައްސަލާގައި ސޮއިކުރެއްވި އެވެ. މުހުސިން އެމްޑީޕިއަށް ސޮއިކުރައްވަން އުޅުއްވާ ކަމުގެ އަޑުތަކެއް ވަނީ މި ފަހުން އަރާފަ އެވެ.
އެނގުން މުހިއްމު - ގާނޫނުއަސާސީގައިވާ ގޮތުން:
-
ރައްޔިތުންގެ މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ އިތުބާރު ނެތް ކަމަށް ފާސްކުރުމަށް މަޖިލީހުގެ ދެބައިކުޅަ އެއް ބައި މެންބަރުންގެ ވޯޓު ބޭނުންވޭ
-
އެ ކަމަށް ބޭނުންވާނީ 43 މެންބަރުގެ ވޯޓު
-
މަޖިލީހުގައި އެމްޑީޕީ ތަމްސީލުކުރައްވާ 55 މެމްބަރުން ތިއްބަވާ
ކޮމެންޓް (1)
ގުޑް