'ކަނޑު ވިއްކާލުމާ ދެކޮޅު އިއްތިހާދު'އިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީގެ ބަންޑާރަ ނައިބު މުނައްވަރު. ޑރ. މުނައްވަރު ހިމެނޭހެން ބާ ކައުންސިލުގެ ތިން މެމްބަރުން ވަނީ އިޓްލޮސްގެ ނިންމުމާ މެދު ރައުޔު ނުނެރެން އިލްތިމާސްކޮށްފައި - ދައުރު ފޮޓޯ/ ހުސެން ސުނައިން
ރާއްޖެ-ޗާގޯސްގެ އިން ވަކިކުރި ގޮތާ މެދު ބާ ކައުންސިލުން ރައުޔު ނުނެރެން ބައެއް މެމްބަރުން އިލްތިމާސްކޮށްފި
ރާއްޖެ އާއި ޗާގޯސްއާ ދެމެދު ފުށުއަރާ ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުމުގެ މައްސަލަ ނިންމާފައިވާ ގޮތް ދިރާސާކޮށް، ރައުޔެއް ނެރުމަށް ރާއްޖޭގެ ބާ ކައުންސިލުން ގެންގުޅުއްވާ ވިސްނުން ދޫކޮށްލުމަށް އިލްތިމާސްކޮށް، ބާ ކައުންސިލުގެ ބައެއް މެމްބަރުން އެ ކައުންސިލުގެ ރައީސަށް ސިޓީއެއް ފޮނުވައިފި އެވެ.
މައްސަލައިގެ ފެށުން - ޖަރުމަނުގެ ހެމްބާގުގައި ހުންނަ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)ގެ މައި އޮފީހުގައި މިދިޔަ މަހުގެ 28 ވަނަ ދުވަހު ވަނީ، ރާއްޖޭން ވަކާލާތުކުރި ގޮތަށް، ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުމުގައި ބޮޑަށް ބަލަން ޖެހޭނީ ޗާގޯސްގެ ރަށްތަކުގެ އައްސޭރިފަށުން ފެށިގެން ކަަމަށް ހުކުމްކޮށްފަ އެވެ. އެއާ އެކު، ފުށުއަރާ ސަރަހައްދުން ބޮޑު ބައެއް ރާއްޖެއަށް ލިބުނެވެ. އެހެން ނަމަވެސް ރާއްޖޭގެ ކަނޑުގެ ގާނޫނުގެ ދަށުން ކުރިން ބޭނުން ކުރަމުން އައި 200 މޭލުގެ ސަރައްދުން 45،000 އަކަ ކިލޯ މީޓަރަށް ވުރެ ބޮޑު ބައެއް ރާއްޖެއަށް ގެއްލުނެވެ.
އިޓްލޮސްގެ މި ނިންމުމަށް، ރާއްޖޭގެ އިދިކޮޅު ސިޔާސީ ފަރާތްތަކުން ދަނީ ވަރަށް ބޮޑަށް ފާޑުކިޔައި އެ ނިންމުން ބަލައި ނުގަންނާނެ ކަމަށް ބުނަމުންނެވެ. މި މައްސަލަ ހޫނުވެފައި ވަނިކޮށް، ބާ ކައުންސިލުން މިދިޔަ ހަފްތާގައި ނެރުނު ބަޔާނެއްގައި ވަނީ އެ އިޓްލޮސްގެ ނިންމުން ދިރާސާކޮށް، އެ މައްސަލާގައި ކައުންސިލުގެ ރައުޔު ހާމަކުރާނެ ކަމަށް ބުނެފަ އެވެ.
އިތުރަށް ކިޔާލަން:
ވީ ކިހިނެއް؟ - ބާ ކައުންސިލުން މިކަމުގައި ރައުޔު ނެރުމުގެ ވިސްނުން ދޫކޮށްލަން އެދި މިދިޔަ އާދިއްތަ ދުވަހު ސިޓީ ފޮނުއްވާފައިވަނީ 'ކަނޑު ވިއްކުމާ ދެކޮޅު އިއްތިހާދު'ގައި ހިމެނޭ، ބާ ކައުންސިލުގެ ތިން މެމްބަރުންގެ ސޮޔާ އެކު އެވެ. އެއީ:
-
ކުރީގެ ބަންޑާރަނައިބު ޑރ. މުހައްމަދު މުނައްވަރު
-
ކުރީގެ ބަންޑާރަނައިބު އާއިޝަތު އާޒިމާ ޝުކޫރު
-
ކުރީގެ ބަންޑާރަނައިބު ދިޔާނާ ސައީދު
ބުނީ ކީކޭ؟ - އެ ސިޓީގައި، ބާ ކައުންސިލުގައި ހިމެނޭ މެމްބަރުންގެ ހައިސިއްޔަތުން، އެ ބޭފުޅުން އެދިވަޑައިގެންފައިވަނީ:
-
ރާއްޖޭގެ ދެކުނުން އިން ކަނޑައެޅި މައްސަލާގައި ބާ ކައުންސިލިުގެ ރައުޔެއް ހާމަކުރުމުގެ ވިސްނުން ދޫކޮށްލުމަށް
-
ރާއްޖޭގެ ސިޔާސީ މައިދަނުގައި ހިނގާ މިފަދަ މައްސަލަތަކުގައި ގާނޫނީ ވަކީލުން ސިޔާސީ ނުކުރެއްވުމަށް
-
ގާނޫނީ ފަންނަކީ ޕްރޮފެޝަނަލް މިންގަނޑުން މުޅި ރާއްޖެއަށް ހިދުމަތްދޭ ބައެއްގެ ގޮތުގައި ތިބޭ ތިބުން ބަދަލު ނުކުރެއްވުމަށް
ތަފްސީލް - އިން ވަކިކުރުމުގެ މައްސަލާގައި ސަރުކާރުން އަމަލު ކުރި ގޮތާ ގުޅިގެން މައްސަލަ ބޮޑުވެފައިވާ ދަނޑިވަޅެއްގައި ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގައި ހިމެނޭ އެ ކައުންސިލުގެ ރަައީސާއި އެހެން ބައެއް މެމްބަރުން މި މައްސަލާގައި ސަރުކާރު ދިފާއު ކުރައްވައި ޓުވީޓްކޮށް ވާހަކަ ދައްކަވާފައިވާކަން ބާ ކައުންސިލުގެ ރައީސަށް ފޮނުއްވި ސިޓީގައި އެބޭފުޅުން ފާހަގަކުރައްވާފައިވެ އެވެ.
"އެހެންކަމާއެކު، ކަންކަން އިސްފަސްވުމުގެ ސަބަބުންނާއި ނިޔަތާ މެދު ސުވާލު އުފެދޭ ހާލަތު މަތިވެ އޮތުމުން މި މައްސަލާގައި [ރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނުގެ ދަށުން] ފަންނީ ދިރާސާއެއްކޮށް އެދިރާސާގެ މައްޗަށް ރައުޔެއް ހާމަކުރުމުގެ ފުރުސަތު އެގްޒެކިއުޓިވް ކޮމިޓީއަށް މިހާރު ގެއްލިއްޖެ ކަމަށް ފާހަގަކުރެވެ އެވެ،" ސިޓީގައިވެ އެވެ.
އަދި ބަންޑާރަނައިބު އިބްރާހިމް ރިފްއަތަކީ އެގްޒެކެޓިވް ކޮމިޓީގެ މެމްބަރަކަށް ވާއިރު، މި މައްސަލާގައި އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅާފައިވާ ވަގުތެއްގައި މި މައްސަލާގައި ރައުޔެއް ނެރުމަކީ މަސްލަހަތު ފުށުއަރާ ކަމެއް ކަމަށް ވެސް ސިޓީގައިވެ އެވެ.
"އެގޮތުން ބަންޑާރަނައިބުގެ އަމިއްލަ މަސްލަހަތު ޝާމިލުވާ ކަމެއްގައި ދިވެހިރާއްޖޭގެ ގާނޫނީ ވަކީލުންނަށް ނިސްބަތްވާ ގޮތަށް ބާ ކައުންސިލު ބޭނުންކުރެވިގެން ދިޔުމަކީ ސިޔާސީ މައިދާނުގައި ހިނގާ ކަންކަމުގެ ތެރެއަށް ބާ ކައުންސިލު ވެއްދުން ކަމަށާއި މިއީ ޅަފަތުގައި އޮތް މުއައްސަސާއެއްގެ މުސްތަގުބަލު ހަލާކުވެގެން ދާނޭ ފަދަ ކަމެއް ކަމުގައި އަޅުގަނޑުމެން ދެކެމެވެ."
އަދި ރާއްޖޭގައި މަސައްކަތްކުރާ ހުރިހާ ގާނޫނީ ވަކީލުންނަކީ ބާ ކައުންސިލުގެ މެމްބަރުން ކަމުގައިވާ އިރު، މި ހާލަތުގައި މިފަދަ ބޮޑު ދުސްތޫރީ، ގާނޫނީ، އަދި ފަންނީ މައްސަލައެއްގައި މުޅި ދިވެހި ބާ ކައުންސިލުގެ ރައުޔު ކަމަށް ދޭހަކުރެވިދާނެ ފަދަ ގޮތަކަށް ރައުޔެއް އެކުލަވާލުމުގެ ގާނޫނީ ބާރު ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް އޮންނާނޭ ކަމީ ޗެލެންޖު ކުރެވޭނެ ކަމެއް ކަން ވެސް ސިޓީގައި ފާހަގަކުރެއްވި އެވެ.
އެނގުން މުހިއްމު - އިޓްލޮސްގެ ނިންމުމާ އެކު ދެކުނުގެ އިގްތިސާދީ ސަރަހައްދުން ބައެއް ގެެއްލުނު ކަމަށް އިދިކޮޅު ފަރާތްތަކުން ބުނާ ބުނުމަށް ތާއީދުކޮށް، ބައެއް ސިޔާސީ ޕާޓީތަކުގެ އިތުރަށް ކުރީގެ ބައެއް ވަޒީރުންނާއި ބަންޑާރަނައިބުން އެކުވެގެން ވަނީ 'ކަނޑު ވިއްކުމާ ދެކޮޅު' އިއްތިހާދެއް އެކުލަވާލާފަ އެވެ.
އެ އިއްތިހާދުން އެކި ހަރަކާތްތައް ހިންގަމުން ދާއިރު، މިކަމާ ގުޅިގެން އެޓާނީ ޖެނެރަލް އިބްރާހިމް ރިއްފަތުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ވެސް ވަނީ ރައްޔިތުންގެ މަޖިލީހަށް ވައްދާފަ އެވެ.