ބާ ކައުންސިލުގެ ތިންވަނަ އަހަރީ އާންމު ޖަލްސާގައި އެ ކައުންސިލުގެ އެކްސްކޯ މެމްބަރުން ބައިވެރިވެ ވަޑައިގަންނަވަނީ (ފޮޓޯ/ ބާ ކައުންސިލް)
ކަނޑުގެ ސަރަހައްދު ބެހި ގޮތް ބާ ކައުންސިލުން ދިރާސާކުރަނީ
ރާއްޖެ އާއި ޗާގޯސްއާ ދެމެދު ފުށުއަރާ ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުމުގެ މައްސަލައިގައި ބައިނަލްއަގުވާމީ ކަނޑުގެ ގާނޫނާ ބެހޭ ޓްރައިބިއުނަލުން ނިންމި ނިންމުން، ރާއްޖޭގެ ބާ ކައުންސިލުން ދިރާސާ ކުރަން މިއަދު ނިންމައިފި އެވެ.
ވީ ކިހިނެއް؟ - ޖަރުމަނުގެ ހެމްބާގުގައި ހުންނަ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)ގެ މައި އޮފީހުގައި މިދިޔަ މަހުގެ 28 ވަނަ ދުވަހު ވަނީ، ރާއްޖޭން ވަކާލާތުކުރި ގޮތަށް، ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުމުގައި ބޮޑަށް ބަލަން ޖެހޭނީ ޗާގޯސްގެ ރަށްތަކުގެ އައްސޭރިފަށުން ފެށިގެން ކަަމަށް ހުކުމްކޮށްފަ އެވެ. އެއާ އެކު، ފުށުއަރާ ސަރަހައްދުން ބޮޑު ބައެއް ރާއްޖެއަށް ވަނީ ލިބިފަ އެވެ.
އިޓްލޮސްގެ މި ނިންމުމަށް، ރާއްޖޭގެ އިދިކޮޅު ސިޔާސީ ފަރާތްތަކުން ދަނީ ވަރަށް ބޮޑަށް ފާޑުކިޔައި އެ ނިންމުން ބަލައި ނުގަންނާނެ ކަމަށް ބުނަމުންނެވެ.
ތަފްސީލް - މި މައްސަލަ ހޫނުވެފައިވާ މި ދަނޑިވަޅު، ބާ ކައުންސިލުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ:
-
އިޓްލޮސްއިން ރާއްޖެ އާއި ޗާގޯސްއާ ދެމެދު އޮތް ކަނޑުގެ ސަރަހައްދު ބެހުމާ މެދު ނިންމި ގޮތަކީ ގައުމީ މުހިއްމު މައްސަލައެއް
-
އާއްމު މަސްލަހަތާ ގުޅުން ހުރި ގާނޫނީ އަދި ދުސްތޫރީ މައްސަލަތަކާ ގުޅިގެން ބާ ކައުންސިލުން ދެކޭ ގޮތާއި މައުލޫމާތު ހާމަކުރުމަކީ ރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނުގެ ދަށުން އެ ކައުންސިލާ ހަވާލުކޮށްފައިވާ މަސްއޫލިއްޔަތެއް
މި މައްސަލަ ބާ ކައުންސިލުން ބަލަން ނިންމީ، އެ ތަނުން ބުނި ގޮތުގައި، އެ މައްސަލައިގައި ކައުންސިލްގެ ރައުޔު ހާމަކޮށްދިނުމަށް އެދި ކައުންސިލްގެ މެމްބަރަކު މައްސަލަ ހުށަހެޅުމުންނެވެ.
އެކަމާ ގުޅިގެން:
-
ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީން ވަނީ އެ މައްސަލަ ބަލައިގަތުމަށް ނިންމާފައި
-
މައްސަލަ އިތުރަށް ދިރާސާ ކުރުމަށް، ބާ ކައުންސިލްގެ 'ލޯ ރިފޯމް އެންޑް ރިސާޗު ކޮމިޓީ'އަށް ވަނީ ފޮނުވާފައި
އެނގުން މުހިއްމު - އިޓްލޮސްގެ ނިންމުމާ އެކު ދެކުނުގެ އިގްތިސާދީ ސަރަހައްދުން ބައެއް ގެެއްލުނު ކަމަށް އިދިކޮޅު ފަރާތްތަކުން ބުނާ ބުނުމަށް ތާއީދުކޮށް، ބައެއް ސިޔާސީ ޕާޓީތަކުގެ އިތުރަށް ކުރީގެ ބައެއް ވަޒީރުންނާއި ބަންޑާރަނައިބުން އެކުވެގެން ވަނީ އިއްތިހާދެއް އެކުލަވާލާފަ އެވެ.
އެ އިއްތިހާދުން އެކި ހަރަކާތްތައް ހިންގަމުން ދާއިރު، މިކަމާ ގުޅިގެން އެޓާނީ ޖެނެރަލް އިބްރާހިމް ރިއްފަތުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ވެސް ވަނީ ރައްޔިތުންގެ މަޖިލީހަށް ވައްދާފަ އެވެ.