ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ޖަލު ހުކުމެއް 30 ނޮވެމްބަރު 2021 ގައި ބާތިލުކުރުމުން އެ މަނިކުފާނު ގެއަށް ވަޑައިގަތުމުން ޖަމީލް މަރުހަބާ ވިދާޅުވަނީ. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ސުޕްރީމް ކޯޓުން ނިންމީ އެދުނު ގޮތަށް ވުރެ ރަނގަޅަށް، މިއީ ކާމިޔާބީއެއް: ޖަމީލު

ޔާމީނަށް ސުޕްރީމް ކޯޓުން ނާކާމިޔާބުވި ކަމަށް ނުވަނީ ފުއްގިރީގެ އަސްލު މައްސަލަ އަދި ނުނިމި އޮތުމުން ކަމަށް ޖަމީލު ވިދާޅުވި

ރ. ފުއްގިރި ހިޔާނާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ ބައެއް ހެކިތަކުގެ މައްސަލާގައި ހައި ކޯޓުން ނިންމި ނިންމުމަށް ސުޕްރީމް ކޯޓުން ތާއީދުކުރި ނަމަވެސް، މައްސަލައަށް މާ ރަނގަޅު ހައްލުތަކެއް ހޯދައިދީފައިވާ ކަމަށް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގެ އިސް ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ. 

ވީ ކިހިނެއް؟ ކްރިމިނަލް ކޯޓުގައި ޔާމީނާ ދެކޮޅަށް ހިނގަމުންދާ ފުއްގިރީގެ މައްސަލާގައި ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކުގެ ގޮތުގައި ޔާމީންގެ ފަރާތުން ހުށަހެޅީ ދައުލަތުގެ ބައެއް ހެކިތައް ބަލައިނުގަތުމަށާއި ދައުލަތުގެ ސިއްރު ހެކިތަކެއް ހާމަކޮށްދިނުމަށެވެ. އެއަށް ފަހު:

  • ބައެއް ހެކިތަކާ ގުޅޭގޮތުން ކްރިމިނަލް ކޯޓުން ނިންމި ނިންމުމާ މެދު ހިތްހަމަނުޖެހިގެން ހައި ކޯޓުގައި އެ ނިންމުން ޔާމީންގެ ފަރާތްޕުޅުން އިސްތިއުނާފް ކުރި 

  • ހައި ކޯޓުން ނިންމީ ކްރިމިނަލް ކޯޓުގެ ނިންމުން ދެމެހެއްޓުމަށް

  • ހައި ކޯޓުގެ އެ ނިންމުން ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރި؛ އެ ކޯޓުން ރޭ ހުކުމްކުރީ ހައި ކޯޓުގެ ނިންމުމަށް ތާއީދުކޮށް

  • ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނީ ހައި ކޯޓުގެ ނިންމުމަށް ބަދަލު ގެންނާނެ ތަނެއް ނެތް ކަމަށް

ތަފްސީލް - ޔާމީންގެ ގާނޫނީ ޓީމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންމެ ބޮޑަށް ފާހަގަކުރީ ސުޕްެރީމް ކޯޓުން ޔާމީނަށް ނާކާމިޔާބުވި ކަމަށް ބުނެ ނޫސްތަކުން ހަބަރުތައް ގެނެސްދީފައިވާތީ އެކަމެވެ. ވަކީލުން ވިދާޅުވީ އެއީ ނާކާމިޔާބެއް ނޫން ކަމަށެވެ.

"'ޔާމީނަށް ސުޕްރީމް ކޯޓުން ނާކާމިޔާބުވީ،' އެ ބަހުގެ އަނެއް މާނަ ހަގީގަތުގައި އަޅުގަނޑުމެން މި ނަގަނީ ފުއްގިރީގެ އަސްލު މައްސަލަ އަދި ނުނިންމާތީ،" ޖަމީލު ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި:

  • ނިމިފައި މި އޮތީ އެދުނު ގޮތަށް ވުރެ އުސޫލެއްގެ ގޮތުން ރަނގަޅަށް

  • އެދުނީ އިސްތިއުނާފީ ނުކުތާތަކަށް ރިއާޔަތްކުރުމަށް ފަހު ހައި ކޯޓަށް ނުވަތަ ކްރިމިނަލް ކޯޓަށް ތަހުވީލުކޮށްދިނުމަށް

  • ނަމަވެސް އަނެއްކާވެސް އެ މަސައްކަތް ތަކުރާރުވެދާނެތީ ސުޕްރީމް ކޯޓުން ވަނީ އެކަމަށް ހައްލެއް ހޯދައިދީފަ

  • ސުޕްރީމް ކޯޓުގެ ހުކުމުގައި އާ ގޮތަކަށް ހައްލުތަކެއް ފޯރުކޮށްދީފައި އެބަހުރި

  • ސުޕްރީމް ކޯޓުގެ ހުކުމުގައި ވަކިވަކި ކަންތައްތަކެއް ކުރަން ޖެހޭނެ ގޮތް ބަޔާންކޮށްފައި އޮތުމުން އެއީ މައްސަލަތަކުގައި އިންސާފު ލިބިގަތުމަށް ލިބޭނެ ފަސޭހައެއް

  • ހެކިތައް ހޯދުމާ މެދު އޮތް ހިތްހަމަނުޖެހުންތަކަށް ވަރަށް ފުޅާ ހައްލެއް ދީފައި އެބައޮތް؛ އެއީ ބޮޑު ކާމިޔާބީއެއް

ސުޕްރީމް ކޯޓުން ޔާމީނާ އެއްކޮޅަށް މައްސަލަ ނިމިގެންނުދިޔަ ނަމަވެސް އެއީ ފުއްގިރީގެ އަސްލު މައްސަލައިގެ ހުކުމަށް ނުވުމާއި އިޖުރާއީ މައްސަލައަކަށް ވުމުން އެއީ ލިބުނު ނާކާމިޔާބީއެއް ކަމަށް ނުދެކޭ ކަމަށް ޖަމީލު ވިދާޅުވި އެވެ.

ޖަމީލު ވިދާޅުވީ، ކޯޓުތަކުގައި އިސްތިއުނާފުކުރި މައްސަލަތަކުގެ ތެރެއިން އެންމެ ބޭނުންވާ މައްސަލަގާއި ކާމިޔާބު ލިބިފައިވާ ކަމަށެވެ. އޭނާ ފާހަގަކުރެއްވީ ވ. އާރަށު މައްސަލާގައި ހިމެނޭ ކަމަށް ބުނި 52 މިިލިއަނުގެ ޖޫރިމަނާގެ އަމުރު ބާތިލުކޮށް ޔާމީނާ އެއްކޮޅަށް ހައި ކޯޓުން ނިންމި ނިންމުމެވެ. އެހެންކަމުން، ޖަމީލު ވިދާޅުވީ، ސުޕްރީމް ކޯޓުން ނާކާމިޔާބު ވިޔަސް، ހައި ކޯޓުން ނުކުތީ "50-50ގެ" ކާމިޔާބީއެއް ހޯދައިގެން ކަމަށެވެ.

"އަސްލު އަޅުގަނޑުމެންނަށް އެންމެ މުހިންމު އެތި އަޅުގަނޑުމެންނަށް ލިބިގެން ދިޔައީ. އެއީ ދައުލަތުން ބޭނުންވީ ރައީސް ޔާމީންގެ މުދާ ދަމައިގަންނަން އޭތި އަޅުގަނޑުމެން ނިކުތީ ކާމިޔާބުކޮށްގެން. އެހެންވީމަ ނުދެންނެވޭނެ ދޯ ސުޕްރީމް ކޯޓުން ވެސް ނާކާމިޔާބުވީމަ ހައި ކޯޓުން ވެސް ނާކާމިޔާބު ވިޔެކޭ،" ޖަމީލު ވިދާޅުވި އެވެ.

ޖަމީލު ވިދާޅުވީ ޔާމީނާއި އެމަނިކުފާނުގެ ގާނޫނީ ޓީމުން މިވަގުތު ޗެލެންޖު ކުރަމުން ގެންދަނީ ދައުލަތެއް އިސްވެ އޮވެެގެން ހިންގާ "ބޮޑު ޖަރީމާއަކާ" ދެކޮޅަށް ކަމަށެވެ. އެކަމަކު މަތި މައްޗަށް މައްސަލަތައް ޔާމީނާ ދެކޮޅަށް ނެރުނަސް އާހިރުގައި ނިމިގެންދާނީ ޔާމީނާ ދެކޮޅު އެއްވެސް މައްސަލައެއް ސަރުކާރުގެ އަތުގައި ނެތިގެން ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ޖަމީލު ވިދާޅުވި އެވެ.

އެނގުން މުހިންމު - ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި ހިންގާފައިވާ ކަމަށް ބުނާ ހިޔާނާތާ ގުޅިގެން ހަތަރު ފަރާތެއްގެ މައްޗަށް ދައުލަތުން ދައުވާ ކުރެ އެވެ. އެއީ:

  • ޔާމީން - ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ

  • އަހުމަދު ކްރިކް ރިޒާ - ރިޝްވަތު ހިފުމުގައި މެދުވެރިއަަކަށް ވުމުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ

  • ސަން ކޮންސްޓަރަކްޝަން - މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ

  • ސަން އިންވެސްޓްމަންޓް - މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ 

މި ހުރިހާ ފަރާތްތަކެއްގެ މައްޗަށް ކުރާ ދައުވާތަކުގެ ޝަރީއަތް މިހާރު އޮތީ ފަށާފަ އެވެ. މިހާރު މައްސަލަ އޮތީ ހެކިބަސް ނެގުމުގެ މަރުހަލާގަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް