މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު މަޖިލީހުގެ ކޮމިޓީ ބައްދަލުވުމެއްގައި. (ދައުރު ފައިލް ފޮޓޯ

ބޯހިޔާވަހިކަން

ފަޅު ހިއްކައިގެން ކޮންމެހެން ގޯތި ދޭކަށް ނުޖެހޭ: މެމްބަރު މުހައްމަދު ރަޝީދު

ހުޅުމާލޭގެ މާސްޓަޕްލޭނަށް ބަދަލު ގެނެސް، ދެވަނަ ފިޔަވަހީގެ ފަޅުން ބައެއް ހިއްކަން ފެށުމުގެ ތައްޔާރީތައް އާބަންކޯ އިން ވަނީ ފަށާފައި

މާލޭ ރައްޔިތުންނަށް ގޯތި ދިނުމަށް ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ފަޅުން ބާކީ އޮތް ތަނުން ބައެއް ހިއްކަން ސަރުކާރުން ކުރަމުން އަންނަ މަސައްކަތާ ދެކޮޅަށް، މާލޭގެ މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ބޯދިގޭ) މިއަދު ވާހަކަދައްކަވައިފި އެވެ.

ވީ ކިހިނެއް؟ - ޕްލޭންކޮށްގެން ތަރައްގީކުރަމުން އަންނަ ހުޅުމާލޭގެ މާސްޓަޕްލޭނަށް ބަދަލު ގެނެސް، ދެވަނަ ފިޔަވަހީގެ ފަޅުން ބައެއް އަނެއްކާވެސް ހިއްކަން ފެށުމުގެ ތައްޔާރީތައް އާބަންކޯ އިން ވަނީ ފަށާފަ އެވެ.

އެނގިފައިވާ ގޮތުގައި، ހިއްކަނީ ހުޅުމާލޭ ދެ ފޭސް ގުޅުވާލާ ބްރިޖްތައް ހިމެނޭ ޓަނަލް ހުޅަނގު އުތުރުކޮޅަށް ނިމޭ ހިސާބުން، އުތުރަށް އޮތް މުޅި ފަޅެވެ. އޭރުން ފަރުކޮޅުފުށި ވެސް ދާނީ ހިއްކާ ތަނުގެ ތެރެއަށެވެ.

މިކަމާ ގުޅިގެން ބައެއް އާންމުންނާއި އިދިކޮޅު ފަރާތްތަކުން ވެސް ދަނީ ފާޑުކިޔަމުންނެވެ.

ހުޅުމާލޭ ދެވަނަ ފޭހުގައި ހަދާ ކްރޫޒް ޓާމިނަލް އާއި ޔޮޓް މެރީނާ އޮންނާނެ ގޮތް ދައްކުވައިދޭ ވީޑިއޯއިން ނަގާފައިވާ ފޮޓޯއެއް: ހިއްކަން ތައްޔާރު ވަނީ މި ސަރަހައްދު. (ވީޑިއޯ/އެޗުޑީސީ)

ބުނީ ކީކޭ؟ - މާލޭގެ ދާއިރާއެއް ތަމްސީލުކުރައްވާ މެމްބަރު މުހައްމަދު ރަޝީދު މިއަދު އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، "މާލޭ ފަޅު ހިއްކާލައިގެން ގޯތި ނުދިނަސް އޯކޭ" ކަމަށެވެ.

"އިހަވަންދޫ ފަޅު ހިއްކައިގެން ގޯތި ދޭން އުޅެންވީނު،" މާލޭ ރައްޔިތުންނަށް ގޯތި ދިނުމާ އިދިކޮޅު ފަރާތްތަކުން ދެކޮޅު ހަދާ ކަމަށް މާފަންނު ހުޅަނގު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ފަލާފް ވިދާޅުވި ވިދާޅުވުމެއްގެ މައްޗަށް ޝާއިއުކޮށްފައިވާ ހަބަރެއްގެ ލިންކެއް ހއ. އިހަވަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ޝިފާއު އެ ގްރޫޕުގައި ހިއްސާކުރެއްވުމުން އޭގެ ރައްދުގައި މުހައްމަދު ރަޝީދު ވިދާޅުވި އެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭން ގޯތިދޫކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދު ސާފުކުރަނީ. (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)

އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ މައްސަލަގަނޑުގެ ތެރެއިން އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ 'ފިކުރެއްގެ ދިރުން' ފެކްޝަންގައި ހަރަކާތްތެރިވެވަޑައިގަންނަވާ މުހައްމަދު ރަޝީދު އެހެން ވިދާޅުވިއިރު، ސަރުކާރަށް ތާއީދުކުރައްވާ މެމްބަރު ފަލާހު ވިދާޅުވެފައިވަނީ އިދިކޮޅު ޕީޕީއެމާއި ޖުމްހޫރީ ޕާޓީ އާއި އެމްއެންޕީން އަބަދުވެސް އެދެނީ މާލޭގެ ބިމުން ފައިސާ ހޯދައި އަމިއްލަ ޖީބު ބަރުކުރަން ކަމަށެވެ.

އެނގުން މުހިންމު - މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރަން ހިންގާ 'ބިންވެރިޔާ ސްކީމް' އާއި މާލެ ސަރަހައްދުން ފްލެޓް ދޭން ހިންގާ 'ގެދޮރުވެރިޔާ ސްކީމް'ގެ ދަށުން ގޯއްޗަށާއި ފްލެޓަށް އެދި ހުށަހަޅާފައިވާ ފޯމުތަކުގެ ސައްހަކަން ކަށަވަރުކޮށް ނިންމައި އަންނަ މަހުގެ ތެރޭގައި ލިސްޓު އިއުލާނުކުރާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

ރިޔާސީ ވައުދެއްގެ ދަށުން އަދި ނަޝީދުގެ ގާތް ބޭފުޅުން ވެސް ކުރިން ތާއީދުކުރެއްވި އެ ސްކީމުގެ ދަށުން ގޯއްޗާއި ފްލެޓަށް އެދި ކުރިމަތިލުމުގެ ފުރުސަތު މިދިޔަ 15 އޮކްޓޯބަރަށް ހަމަވި އިރު، 36،000އާ ގާތްކުރާ އަދަދަކަށް ފޯމު ހުށަހަޅާފައިވެ އެވެ. އެގޮތުން:

  • ގޯއްޗަށް: 15،164 ފޯމު 

  • ތިން ކޮޓަރީގެ އެޕާޓްމަންޓް: 14،489 ފޯމު

  • ދެ ކޮޓަރީގެ އެޕާޓްމަންޓް: 6،208 ފޯމު 

  • މުޅި ޖުމުލަ 35،861

ހުޅުމާލޭން ދޫކުރާ ގޯއްޗާއި ފްލެޓުގެ އިތުރުން، ގުޅީފަޅާއި ގިރާވަރުފަޅު ހިއްކައިގެން މާލޭ ރައްޔިތުންނަށް ގޯތި ދޭން ސަރުކާރުން ވަނީ ވައުދުވެފަ އެވެ. އެގޮތުން، ގުޅީފަޅުން 1،000 ގޯތި އަދި ގިރާވަރުފަޅުން 2،000 ގޯތި ދޭނެ ކަމަށް، މީގެ ކުރިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައިވެ އެވެ.

މިދިޔަ ފެބްރުއަރީގައި ރައީސް ދެއްވި ރިޔާސީ ބަޔާނުގައި ވަނީ މާލޭ މީހުންނަށް ދޭ ގޯތީގެ އަދަދު އިތުރުކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް، އޭގެ ތަފްސީލެއް ނުދެއްވަ އެވެ.

ކޮމެންޓް (4)

ކަނބުރު

13 މޭ 2023
ވެރިކަމުން ބާލަން ތިންމަހަށް ވީމަ މަކަރުވެރި ޒާތްޒާތުގެ ކުރެހުން ދއެއްކިޔަސް ދެންވާނޭ ކަމެއް ޙަރާން
1 0

ގަމާރު

13 މޭ 2023
އެއްވެސް ތައުލީމެއް ނެތް މިކަހަލަ މީހުން މަޖިލީހަށް ހޮވީމާ ދައްކާނިވެސް މިކަހަލަ ދެއުޅިއެއްނުވާ ވާހަކަ. މީނާ ކޮންމެ ފަދަ ވާހަކައެއް ދެއްކިއަސް އަހަރެން ހައިރާނެއް ނުވާނަން. ސަބަބަކީ، މިއީ ކޮން ފެންވަރެއްގެ ކާކުކަން އެނގޭތީވެ.
4 4

ތީފަރިދޫހަސަން

12 މޭ 2023
ކަލެ އަކަށް ނޭގޭނެ. ހަމަ ދާނީ ކުރިޔަށް. ފޮނު އަރުވަން ތިބޭ.
1 2

ސަނޫނު

12 މޭ 2023
ކަލޭގެ ގެތައް ހުރީމަ ދެން އެހެން މީހަކަށް އެއްޗެއް ނުލިބުނަސް ހެޔޮވާނެތާ ދޯ
4 3

އިތުރު އާޓިކަލް

އިތުރު އާޓިކަލް