އއ. އުކުޅަހު ކައުންސިލް އިދާރާ ދޮރުމައްޗަށް ބޮއްކުރައެއް އެހެލާފައި

އއ. އުކުޅަސް

ބަނގުރާ 'އާންމުވުމުން' ރުޅި ގަދަވެގެން ކައުންސިލް އިދާރާއަށް ވެއްދީ ބޮއްކުރައެއް

ރައްޔިތުން ރުޅިގަދަވީ، ބަނގުރާ ވިއްކާ ކަމަށް ތުހުމަތު ކުރެވޭ ސަފާރީއެއް މަރާމާތަށް އެ ރަށުގެ ބަނދަރަށް ވަނުމުން

އއ. އުކުޅަހު ބަނދަރަށް ވަން ސަފާރީއަކުން ރަށުތެރޭގައި ބަނގުރާ ވިއްކާ ކަމަށް ބުނެ އެކަމާ ދެކޮޅަށް އިހްތިޖާޖް ކުރުމަށް، އެ ރަށު ކައުންސިލް އިދާރާގެ ތެރެއަށް އިއްޔެ ބޮއްކުރައެއް ވައްދައިފި އެވެ.

ވީ ކިހިނެއް؟ - އުކުޅަސް ކައިރިއަށް އަންނަ ސަފާރީތަކުން، ރަށް ބޭރުގައި އޮވެ އެ ރަށަށް ބަނގުރާ ވިއްކާ ކަމުގެ ކަންބޮޑުވުން ކުރިއްސުރެ އުކުޅަހު މީހުންގެ މެދުގައި އޮވެ އެވެ. އެކަމަކު މި މައްސަލައިގައި ރައްޔިތުންގެ ރުޅިގަނޑު ފަޅައިގެން ދިޔައީ އެކަމުގެ ތުހުމަތު ކުރެވޭ ސަފާރީއެއް ރަށުގެ ބަނދަރަށް ވަނުމުންނެވެ.

ރަށުގެ ބައެއް މީހުން ތުހުމަތު ކުރާ ގޮތުގައި، އެއީ ކައުންސިލަށް އެނގިގެން، ކައުންސިލްގެ ހުއްދައާ އެކު ބަނދަރަށް ވަން އުޅަނދެކެވެ.

ތަފްސީލް - މި މައްސަލައިގައި ރުޅި ގަދަވެގެން، އުކުޅަހުގެ ބަޔަކު ވަނީ ކައުންސިލްގެ ތެރެއަށް ވަދެ އަޑުގަދަކޮށްފަ އެވެ. އަދި އޮފީސް ހުޅުވުމުގެ ކުރިން، ކައުންސިލް އިދާރާއަށް ވަންނަ މަގު ބަންދުވާނެހެން، ގޭޓުތެރެއަށް ބޮއްކުރައެއް ވެސް އެހެލާފައި އޮތެވެ. އެ ބޮއްކުރާގައި، ބަނގުރާ ގޮތަށް ހަދާފައި ހުރި ފުޅިތަކެއް ވެސް ބަހައްޓާފައި ހުއްޓެވެ.

"އަޅުގަނޑުމެން މިއަދު އޮފީހަށް މި ވަނީ ބެކްޑޯ (ވަލުދޮރޯށި) އިން،" އުކުޅަހު ކައުންސިލްގެ ރައީސް ޝައުކަތު އިބްރާހިމް ވިދާޅުވި އެވެ.

އއ. އުކުޅަހު ކައުންސިލް އިދާރާ ދޮރުމައްޗަށް ބޮއްކުރައެއް އެހެލާފައި

ރައްޔިތުންގެ ކަންބޮޑުވުންތަކާ ގުޅޭ ގޮތުން ޝައުކަތު ވިދާޅުވީ، ބަނގުރާ ވިއްކާ ކަމުގެ ތުހުމަތު ކުރެވިފައިވާ ސަފާރީ، މަރާމާތަށް ރަށުގެ ބަނދަރަށް ވަނުމުގެ ހުއްދައަށް އެދުމުން ކައުންސިލުން ވަގުތުން އެ ކަމަށް އެޓެންޑްވި ކަމަށެވެ.

އެ ސަފާރީ ބަނދަރަށް ވަނުމުގެ ހުއްދައަށް އެދުމުން، ފުލުހުންގެ ހާޒިރުގައި ކައުންސިލުން އުޅަނދު ބަލައި ފާސްނުކޮށް ބަނދަރަށް ގާތްނުކުރެވޭނެ ކަމަށް އެންގި ކަމަށާއި އެކަމަކު އެކަމަށް ސަފާރީން ދެކޮޅު ހެދި ކަމަށް ކައުންސިލުން ބުންޏެވެ.

"ދެން އަޅުގަނޑުމެން ސަފާރީ ބަނދަރުން ނެރެން އެއް ދުވަހުގެ މުހުލަތެއް ދިނީ،" ޝައުކަތު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި:

  • ދިން މުހުލަތުގައި ސަފާރީ، ބަނދަރަކުން ނުނެރެ 

  • އެހެންވެ، ކައުންސިލުން އެކަން އެންގީ ފުލުހުންނަށް 

  • ފުލުހުން އެ އުޅަނދު ބަލައި ފާސްކުރުމަށް ފަހު، ބަނގުރާ ފަދަ އެއްޗެއް އޭގައި ނެތް ކަމަށާއި ސަފާރީ އޮތީ، އަނބުރާ ކަނޑަށް ނެރެވޭ ވަރަށް ވުރެ މަރާމާތަށް ބޭނުންވެފައި ކަމަށް ބުނެ ސިޓީ ފޮނުވި

  • ކައުންސިލުން ބޭނުންވެއްޖެ ނަމަ، ސަފާރީ ނެރެން ފުލުހުންގެ މައްޗަށް އަމުރު ނެރެދިނުމަށް ކޯޓަށް މައްސަލަ ހުށަހެޅިދާނެ ކަމަށް ފުލުހުން ބުނެފައިވޭ

އުކުޅަހު ކައުންސިލުން އެ މައްސަލަ ކޯޓަށް ވެސް ހުށަހެޅި އެވެ. އެކަމަކު ކޯޓުން އެންގީ އެއީ ޖިނާއީ މައްސަލައަކަށް ނުވާތީ، އެކަމުގައި ޖަވާބުދާރީ ވުމަށް ކައުންސިލާއި ސަފާރީއަށް ވެސް، މި މަހުގެ 14 ވަނަ ދުވަހާ ހަމައަށް މުހުލަތެއް ދީފައިވާ ކަމަށެވެ.

"ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުރުމުން، މިކަން ހައްލުކުރުމަށް، ގާނޫނީ ގޮތުން ކުރެވެން އޮތްހާ ކަމެއް އަޅުގަނޑުމެން ކުރިން،" ޝައުކަތު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ހުރިހާ މައުލޫމާތެއް ވެސް ރައްޔިތުންނަށް ފޯރުކޮށްދިން ކަމަށާއި އެކަމަކު ރަށުތެރޭގައި ބަނގުރާ ގިނަވެ، ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް މައްޗަށް ގޮސްފައިވާ ކަމަށެވެ.

ކޮމެންޓް (3)

އާދަނު123

11 މޭ 2023
ކައުސިލުން ބޭނުންވީމަ ތި ސަފާރީ ނެރެވެންޖެހޭނެ ފުލުންނަށް ކައުސިލުން އަނގާގޮތަށް އަމަލު ކުރެވެންޖޭހެނެ ތިކިޔާ ލާމަރުކަޒީ އެވެސް ބޭނުމެއް ނެތެއްނު
0 0

އުކުޅަސް

11 މޭ 2023
ތީ މިރަށުގެ ވަކިބަޔަކު ނުކުމެ ކައުންސިލް އާއި ސަރުކާރު ބަދުނާމުކޮއް، އާންމުންގެ މެދުގައި ނަފްރަތު އުފައްދަން ކުރާ ސިޔާސީ ކަމެއް. ރަށުފަޅުގަ އެންމެން ވެސް އޮޑިދޯނި މަރާމާތު ކުރޭ، މިކަމަކީ މީގެކުރިން ހުއްދައެއް ހޯދާ ކަމެއްވެސް ނޫން. އެބުނާ ބޯޓުން މަރާމާތައް ހުއްދަ އައްވެސް އެދިފަ އޮތް. ޕޮލިހުން ޗެކް ވެސް ކޮއްފި. މުޒާހަރާ އޭކިޔާފަ އެތައް ރައްޔިތުންނާ ފަތުރުވެރިންގެ ދަތުރުފަތުރު ކުރުމުގެ ހައްގު ނިގުޅައިގަނެ، ނެރުވެސް ބަންދުކުރި މިއަދު. ފެރީއަށް ނުފުރި އެތައްފަތުރުވެރިންނެއްގެ ފްލައިޓް މިސްވެ އެކިވަރުގެ ގެއްލުން ވެއްޖެ. ކައުންސިލްގެ އިމާރާތައް ގެއްލުންދީ، މުވަޒަފުނަނައް ބިރުދައްކާ ހަދައިފި. 21 ވަނަ ވަނަ ގަރުނުގަ މިހާ "ބާބޭރިކް" ބަޔަކު މަދުވާނެ.
1 0

ޝައުކޭ ބޮޑޭ

11 މޭ 2023
ތި ކައުންސިލް ރައީސްއަކީ އަޑި ނުބައި މީހެއް. މަތި އޮމާން ކުރަން ދައްކާ ވާހަކަތީ ހުސް. ވަރަށް ކިބުރުވެރި ބޮޑާ ބޭފުޅެއް.
0 2

އިތުރު އާޓިކަލް

އިތުރު އާޓިކަލް