އިލެކްޝަންސް ކޮމިޝަންގެ ގައުމީ ލަފާ ދޭ ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގެ ތެރެއިން. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި

މި ފުރުސަތު ހުޅުވާލީ އެ ކޮމިޝަނުގެ މެމްބަރު އަލީ ނަޝާތުގެ ދައުރު ހަމަވާތީ

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަލީ ނަޝާތުގެ ދައުރު ހަމަވާތީ އެ ކޮމިޝަނަށް މެންބަރަކު އައްޔަން ކުރުމަށް، މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

ބުނީ ކީކޭ؟ - އެ ކަމަށް ހުޅުވާލާފައިވަނީ ރައީސް އޮފީހުން މިއަދު ޖެޒެޓުކުރި އިއުލާނެއްގަ އެވެ. އެ އިއުލާނުގައިވާ ގޮތުން، މެމްބަރުކަމަށް ކުރިމަތިލުމުގެ ފޯމު ރައީސް އޮފީހުގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެ އެވެ.

މެމްބަރުކަމަށް އެދި ކުރިމަތިލުމުގެ ފޯމާއި އެހެނިހެން ލިޔެކިޔުންތައް ބަލައިގަންނާނީ އަންނަ ހަފްތާގެ ބުދަ ދުވަހުގެ ހެނދުނު 8:30 އިން މެންދުރު ފަހު 1:30އަށް ރައީސް އޮފީހުންނެވެ.

ތަފްސީލް - އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު ކަމަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަން ޖެހޭ ލިޔުންތަކަކީ:

  • މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު

  • މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ މީހާގެ އިގްރާރު

  • ފުރިހަމަކޮށްފައިވާ ކުށާއި ދަރަނީގެ ރެކޯޑު ފޯމު

  • ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީވެފައި ވޭތޯ ބެލުމަށް އިލެކްޝަންސް ކޮމިޝަނުން ސާފުކުރަން ޖެހޭ ފޯމު

  • ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސީވީ)

އިލެކްޝަންސް ކޮމިޝަންގެ ގާނޫނުގެ 5 ވަނަ މާއްދާގައިވާ ގޮތުން، ކޮމިޝަންގެ މެމްބަރުކަމަށް އައްޔަންކުރާ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކަކީ:

  • މުސްލިމަކު ކަމުގައިވުން 

  • ދިވެއްސަކަށް ވުން

  • އުމުރުން 25 އަހަރު ފުރިފައިވުން

  • އިސްލާމް ދީނުގައި ހައްދު ކަނޑައެޅިފައިވާ ކުށެއް ކުރިކަން ވޭތުވެދިޔަ ފަސް އަހަރުދުވަހުގެ ތެރޭގައި ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން

  • ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބުކުރާ ނުވަތަ އައްޔަންކުރާ ސިޔާސީ މަގާމެއް ފުރަމުން އަންނަ މީހަކު ކަމުގައި ނުވުން

  • ސަރުކާރުގެ ނުވަތަ އެހެން ފަރާތެއްގެ ވަޒީފާއެއް އަދާކުރާ މީހަކު ކަމުގައި ނުވުން

  • ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ، އަހަރަކަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒުކުރަމުންދާ މީހަކު ކަމުގައި ނުވުން؛ ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ 12 މަސްދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކޮށްފައިވާ މީހަކު ނަމަ، އެ ހުކުމެއް ތަންފީޒުކޮށް ނިމުނުތާ ނުވަތަ  އަދަބު މާފުކުރިތާ ފަސް އަހަރު ވެފައިވާ މީހަކު ކަމުގައިވުން

  • ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވަތަ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހަކު ކަމުގައި ނުވުން

އިތުރު އާޓިކަލް

އިތުރު އާޓިކަލް