މާލެއަށް ވެހުނު ބޯ ވާރެޔާ އެކު މާފަންނު ސަރައްހަދުގެ މަގުތައް ފެންބޮޑުވެފައި. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް

މޫސުން

މޫސުން ގޯސްވެ، ފެންބޮޑުވެދާނެ ކަމަށް ތައްޔާރުވާން އިލްތިމާސްކޮށްފި

ވެލި ބަސްތާ ޖަހައި ގޭގެއަށް ފެން ނުވަންނަ ގޮތް ހެދުމަށާއި ގަދަ ވައިގެ ސަބަބުން އެއްލާލަފާނެ ތަކެތި ބަނދެ ރައްކާތެރިކުރުމަށް އެންޑީއެމްއޭ އިން އެދިފައިވޭ

ކުރިއަށް އޮތް ހަފްތާ ބަންދުގައި ބައެއް ރަށްރަށަށް ބޯކޮށް ވާރޭވެހި، އުދައެރުން ވެސް އެކަށީގެންވާތީ، ފެންބޮޑުވެދާނެ ކަމަށް ތައްޔާރުވެ، މުދަލާއި ގެދޮރަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުމަށް ދުރާލާ މަސައްކަތްކުރުމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު އިލްތިމާސްކޮށްފި އެވެ.

ވީ ކިހިނެއް؟ - އެ އިދާރާއިން މިއަދު ވަނީ، މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ އާންމުންނަށް ރައްކާތެރިކަމުގެ އިރުޝާދު ދޭން ބަޔާނެއް ނެރެފަ އެވެ.

ތަފްސީލް - އެގޮތުން، މޫސުން ގޯސްވެގެން ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކުގެ ތެރޭގައި އެންޑީއެމްއޭ އިން ފާހަގަކޮށްފައި ވަނީ:

  • ގޭގެ ދޮރުމަތީ ވެލިބަސްތާ ފަދަ ތަކެތި ޖައްސައިގެން ގެއަށް ފެން ނުވަންނާނެހެން ހެދުން

  • ގޭތެރޭގައި ފެންބޮޑުވެއްޖެ ހިނދެއްގައި ގެއްލުންވެދާނެ މުދާ ފެން ނުޖެހޭ ފަދަ އުސްތަނަކަށް ނުވަތަ ފެނުގެ އަސަރު ނުފޯރާނެ ތަނަކަށް ބަދަލު ކުރުން

  • ގަދަ ވައިގެ ސަބަބުން ގޭގެ ފުރާޅު އެއްލާލަފާނެ ކަމަށް ލަފާކުރެވޭ ނަމަ، ދުރާލާ ވާ ފަދަ އެއްޗެއް ބޭނުންކޮށްގެން ފުރާޅު އެއްލާނުލާނެ ފަދަ ގޮތަކަށް ހައްޔަރުކުރުން

  • ގަދަ ވައިގެ ސަބަބުން އެއްލާލަފާނެ ތަކެތި ބަނދެ ރައްކާތެރިކުރުން

  • ބޭނުން ނުކުރާ ނަމަ، ކަރަންޓު ވަސީލަތްތަކުން ކަރަންޓު ކަނޑާލާފައި ބެހެއްޓުން

  • ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރު ކުރުމަށް ސަމާލުވުން؛ ސަލާމަތީ ކަންކަމާއި މުވާސަލާތީ ނިޒާމު ފުރިހަމަކަން ޔަގީންކުރުމަށް ފަހު ދަތުރަށް ނުކުތުން

މި ކަންކަމަށް ރަށުފެންވަރުގައި ރައްޔިތުން ހޭލުންތެރިވެ، ހާއްސަ ސަމާލުކަމެއް ދިނުމަށް އެންޑީއެމްއޭ އިން އެދިފައިވެ އެވެ.

ތ. ކިނބިދުއަށް މިދިޔަ އަހަރު އުދަ އަރައި ފެން ބޮޑުވި ދުވަހެއްގައި ގެއެއްގެ ބޭރުގައި ވެލި ބަސްތާ ޖަހާފައި. (ފޮޓޯ/ކައުންސިލް)

އެނގުން މުހިއްމު - ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މިއަދު ހުޅަނގު މޫސުން ފެށިފައިވާ ކަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގައި ގަދައަށް ވައިޖެހުމާއި ކަނޑުތައް ގަދަވުމާއި ބޯކޮށް ވާރޭ ވެހި މޫސުން ގޯސްވާނެ ކަމުގެ އިންޒާރު، މޫސުމާ ބެހޭ އިދާރާ (މެޓް އޮފީސް) އިން ވެސް ވަނީ ދީފަ އެވެ.

މެޓުން ބުނާ ގޮތުގައި، ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވުމާ ގުޅިގެން، މިއަދުން ފެށިގެން ކުރިއަށް އޮތް ހުކުރު ދުވަހާއި ހޮނިހިރު ދުވަހު މޫސުން ވަރަށް ގޯސްވާނެ އެވެ. ހާއްސަކޮށް، މެދުރާއްޖެތެރެ އާއި ދެކުނުގެ ސަރަހައްދުގައި އާއްމުކޮށް ވައިބާރުވެ، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް އެ ތަނުން ބުންޏެވެ.

މޫސުން އަލިވާން ފަށާނީ، މެޓުން ލަފާކުރާ ގޮތުގައި އަންގާރަ ދުވަހުގެ ފަހުންނެވެ.

މި ދުވަސްތަކުގައި:

  • އާއްމު ގޮތެއްގައި ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރު މިނެއްގައި ވައި ޖެހޭނެ

  • ވިލާގަނޑުގައި ގަޑިއަކު 40 މޭލާއި 50 މޭލުގެ ބާރުމިނަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ

  •  ބައެއް ރަށްރަށަށް އުދަ އަރާނެ

އިތުރު އާޓިކަލް

އިތުރު އާޓިކަލް