ވެލާނާގެއަށް ސިވިލް ސާވެންޓުން މަސައްކަތަށް ހާޒިރުވަނީ. (ދައުރު ފައިލް ފޮޓޯ

މިއީ ތާރީހުގައި ވެސް ސިވިލް ސާވިސް މުސާރަތަކަށް ގެންނަ އެންމެ ބޮޑު ބަދަލު: ރައީސް

މަސައްކަތްތެރިންގެ ހައްގުގައި ކުރަން ޖެހޭ ކިތަންމެ ކަމެއް އަދިވެސް އެބަހުރި ކަމަށް ރައީސް ވިދާޅުވި

ސަރުކާރުން މިހާރު ފަށާފައިވާ ޕޭ ހާމަނައިޒޭޝަން މަސައްކަތަކީ ރާއްޖޭގެ ތާރީހުގައި ވެސް ސިވިލް ސާވިސްގެ މުސާރަތަކަށް ނިސްބަތުން މިހާ ބޮޑު ބަދަލެއް ގެންނަ ފުރަތަމަ ފަހަރު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މިއަދު ފާހަގަކުރަމުން އަންނަ ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ރައީސް ސޯލިހު ވަނީ ހިތޯބެއް ދެއްވާފަ އެވެ. އެ ހިތޯބުގައި އެ މަނިކުފާނު ވިދާޅުވީ މަސައްކަތްތެރިންގެ ހައްގުގައި ކުރަން ޖެހޭ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށެވެ.

ބުނީ ކީކޭ؟ - ރައީސް ވިދާޅުވީ މަސައްކަތްތެރިންގެ ދުވަހެއް ފާހަގަކުރަނީ މުޖުތަމައުގެ ކުރިއެރުމާއި ގައުމުތަކުގެ ތަރައްގީގައި މަސައްކަތްތެރިން އަދާކުރާ މުހިންމު ދައުރުގެ އަގު ވަޒަންކުރުމަށް ކަމަށެވެ. 

ބައިނަލްއަގުވާމީ މުއާހަދާތަކުންނާއި ގައުމުތަކުގެ ގާނޫނުއަސާސީތަކާއި ގާނޫނުތަކުން މަސައްކަތްތެރިންނަށް ކަށަވަރުކޮށްދީފައިވާ ހައްގުތައް ފުރިހަމައަށް ލިބިދިނުމަށް ބާރުއެޅުމާއި ވަޒީފާގެ މާހައުލުގެ ރައްކާތެރިކަން ކަށަވަރުކޮށްދީ، ހައްގު އުޖޫރަ ލިބިދިނުމަށް މަސައްކަތް ކުރުމަކީ ވެސް މިފަދަ ދުވަހެއް ފާހަގަކުރުމުގެ މަގުސަދެއް ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ: 

  • މިދިޔަ ހަތަރު އަހަރެއްހާ ދުވަހުގެ ތެރޭގައި، ރާއްޖޭގައި ވަޒީފާ އަދާކުރާ މަސައްކަތްތެރިންގެ ހައްގުގައި ސަރުކާރުން މުހިންމު ފިޔަވަޅުތަކެއް އަޅާފައިވޭ

  • ވިހެއުމާއި ގުޅިގެން މައިންނަށް ހަ މަސްދުވަހުގެ މެޓާނިޓީ ލީވް އަދި ބަފައިންނަށް އެއް މަސްދުވަހުގެ ޕެޓާނިޓީ ލީވް ހަމަޖައްސައިދީފައިވޭ

  • އެންމެ ކުޑަކޮށް ދެވޭނެ އުޖޫރަ ނުވަތަ މިނިމަމް ވޭޖު ކަނޑައަޅައި ސާވިސް ޗާޖުގެ ފައިދާ މުވައްޒަފުންނަށް ހަމަހަމައަށް ލިބިދެވޭނެ ގޮތަށް ގާނޫނަށް ބަދަލު ގެނެސްފައިވޭ

ބުނީ ކީކޭ؟ - ރައީސް ވިދާޅުވީ މަސައްކަތްތެރިންގެ ހައްގުގައި ސަރުކާރުން މިހާރު ތަންފީޒު ކުރަމުން އަންނަ އެންމެ މުހިންމު ސިޔާސަތަކީ، ދައުލަތުގެ ތަފާތު ދާއިރާތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ މުސާރައަށް އެކަށީގެންވާ ހެޔޮ ބަދަލެއް ގެނައުން ކަމަށެވެ. އެގޮތުން، އެ މަނިކުފާނު ފާހަގަކުރެއްވި ގޮތުގައި:

  • ޕޭ ހާމަނައިޒޭޝަންގެ މަސައްކަތަކީ، މުވައްޒަފުން ކުރާ މަސައްކަތާ އެކަށޭނަ މިންވަރަށް އުޖޫރަ ކަނޑައަޅައި މުވައްޒަފުންގެ މެދުގައި ހުރި އުޖޫރައިގެ ތަފާތުތައް ނައްތާލުމަށް ކުރަމުން އަންނަ ވަރަށް މުހިންމު މަސައްކަތެއް

  • މި ބަދަލުތަކަކީ، އެންމެ އެކަށީގެންވާ ބަދަލުތައް ކަމަށް ނުވިޔަސް، މިއީ ރާއްޖޭގެ ތާރީހުގައި ވެސް ސިވިލް ސާވިސްގެ މުސާރަތަކަށް، ނިސްބަތުން މިހާ ބޮޑު ބަދަލެއް ގެންނަ ފުރަތަމަ ފަހަރު

ރައީސް ވިދާޅުވީ މަސައްކަތްތެރިންގެ ހައްގުގައި ކުރަން ޖެހޭ ކިތަންމެ ކަމެއް އަދިވެސް އެބަހުރި ކަމަށާއި އެކަން ކުރުމުގައި ސަރުކާރު ދެމިއޮންނާނެ ކަމަށެވެ.

"މިހާރު ވެސް މަސައްކަތްތެރިންގެ ހައްގުތައް ފުރިހަމައަށް ލިބިދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުން މި އަންނަނީ، ނަސްލީ ތަފާތެއް އަދި މިންތީ ތަފާތެއް ނެތި، ވަރަށް އިންސާފުވެރި ސިޔާސަތެއްގެ ދަށުން. ދޭސީންނާއި ބިދޭސީން ފަރަގުކުރުމެއް ނެތި، ހުރިހާ މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށްދެމުން މި އަންނަނީ، އެއިން ކޮންމެ މީހަކު ވެސް އެ އަދާކުރަނީގައުމީ ތަރައްގީގެ ވަރަށް މުހިންމު ދައުރެއްކަން ގަބޫލުކުރަމުން،" ރައީސް ވިދާޅުވި އެވެ.

އަމިއްލަ ވިޔަފާރިތަކުގެ ތަފާތު ދާއިރާތަކުގައި މަސައްކަތްކުރާ މީހުންގެ ހައްގުތައް ވެސް، އެ މީހުންގެ އިންސާނީ ކަރާމާތާއި ގާނޫނީ ގޮތުން ލިބެން ޖެހޭ ހައްގުތަކަށް އުނިކަމެއް ނާންނާނެހެން ލިބިދިނުމަށް ރައީސް ވަނީ އިލްތިމާސްކުރައްވައިފަ އެވެ.

ރައީސް ވިދާޅުވީ:

  • މަސައްކަތްތެރިންނަށް ހޯދައިދެވޭ ކޮންމެ ރަނގަޅަކީ ދިވެހި ރައްޔިތުންނަށް ހޯދައިދެވޭ ރަނގަޅެއް؛ އެއީ ދިވެހި އާއިލާތަކުގެ ފޯރުންތެރިކަމާއި ތަނަވަސްކަމާ ގުޅިފައިވާ ކަމެއް

  • މިފަދަ ބަދަލުތައް ގެނައުމުގައި ސަރުކާރަށް ލިބޭ އެންމެ ބޮޑު ހިތްވަރަކީ ސުލްހަވެރިކަމާއި ހަމަޖެހުމުގެ މަތީގައި ތިބުމަށް ރައްޔިތުން ދޭ އިސްކަން

ކޮމެންޓް (2)

ނަޒާހަތްތެރިޔާ

2 މޭ 2023
ބޮޑު ކުރަނީ މުސާރަ ތޯ؟ ނޫނީ ކޮންމެވެސް ނަމެއް ކިޔާ އެލަވަންސެއް ތ؟ ކީއްވެތޯ މުސާރައިން އެންމެ ރުފިޔާ އެއްވެސް ބޮޑު ކުރަން ނުކެރިގެން އުޅެނީ؟ ކުރިން މިނިމަމް ވޭޖްގެ ގޮތުގަ 1898 ރުފިޔާ ދީފަ މިހާރު މިނިމަމް ވޭޖް 1000 ރުފިޔާއަށް ކުޑަކޮށްލާފަ ސްޕެޝަލް ޑިއުޓީ އެލަވަންސް ކިޔާފަ 832 ރުފިޔާ ދިނީމަ މި ޖެހުނީ ކޮންތާކު؟ މިނިމަމް ވޭޖް ކުރިން ދީފަ އިން ވަރަށް ބައިންދާފަ ފެން އެހެން އެލަވަންސެއް ދިންނަމަ ގެއަށް ގެންދާނެ ރުފިޔާ ކޮޅެއް އިތުރުވެސް. އެކަމަކި މިހާރު މިވީ ގޮތުން ގެއަށް ގެންދަން ލިބެނީ 6 ރުފިޔާ
0 0

ސިވިލިއަން

2 މޭ 2023
@ނަޒާހަތްތެރިޔާ މަށަށް ހެޔޮ ކޮންމެ ނަމެއް ކިޔާފަ ދިނަސް ލިބޭ އެތިކޮޅު ބޮޑުވެއްޖިއްޔާ.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް