ފޭދޫ ފިނޮޅު ކައިރީން ހިނގި އެކްސިޑެންޓުގައި އަވަހާރަވި ސައުދުﷲ އަހްމަދު

ލޯންޗު އެކްސިޑެންޓްގައި ވިޔަފާރިވެރިޔާ ސައުދުﷲ އަވަހާރަވެއްޖެ

ސައުދުﷲ އަކީ އިމާރާތްކުރުމާއި ބިން ހިއްކުމާއި ބޮޑު ހިލަ ޖެހުމުގެ މަސައްކަތް ކުރަމުން އަންނަ ސާސޭ ކުންފުނީގެ ޑިރެކްޓަރެއް

ފޭދޫ ފިނޮޅު ކައިރިން ދެ ލޯންޗު ޖެހިގެން މިއަދު ހަވީރު ހިނގި އެކްސިޑެންޓުގައި ކޮންސްޓްރަކްޝަން ދާއިރާގެ ވިޔަފާރިވެރިއެއް ކަމަށްވާ ސައުދުﷲ އަހުމަދު އަވަހާރަވެއްޖެ އެވެ.

ވީ ކިހިނެއް؟ - މިއަދު ހަވީރު ހިނގި އެކްސިޑެންޓްގައި ސައުދުﷲ އަވަހާރަވީ އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް މިރޭ 6:15 ހާއިރު އެވެ. އުމުރުން 53 އަހަރުގެ ވިޔަފާރިވެރިޔާ ހޮސްޕިޓަލަށް ގެނައީ ވެސް ސީޕީއާރް ދެމުން ކަމަށް އޭޑީކޭގެ އޮފިޝަލަކު ވިދާޅުވި އެވެ.

ތަފްސީލް - ފުލުހުން ބުނީ މި ހާދިސާގެ މައުލޫމާތު ލިބުނީ މިއަދު ހަވީރު 4:42 ހާއިރު ކަމަށެވެ. 

އެކްސިޑެންޓް ވެފައި އޮތް އެއް ލޯންޗުގެ ފޮޓޯތަކުން ފެންނަނީ އެ ލޯންޗުގައި އަނެއް ލޯންޗުން ޖެހިފައި ވަނީ ފަހަތުކޮޅުން އަރިމަތީގައި ކަމެވެ. އެ ހިސާބުގައި ހުރި ގޮނޑިއާ އެކު އެބައި ވަނީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ. 

ސައުދުﷲއަކީ އިމާރާތްކުރުމުގެ އިތުރުން ބިން ހިއްކުމާއި ބަނދަރުގައި ބޮޑު ހިލަ ޖެހުން ފަދަ ކަންކަން ކުރަމުން އަންނަ ސާސޭ ކޮންސްޓްރަކްޝަންގެ އެއް ޑިރެކްޓަރެވެ. އޭނާ ވަނީ އޭގެ ކުރިން ރާއްޖޭގެ ބޮޑެތި ބައެއް ކުންފުނިތަކުގައި ވެސް މަސައްކަތްކުރައްވައިފަ އެވެ.

މަސައްކަތާ ބެހޭ ދަތުރެއް

ސާސެ ކޮންސްޓްރަކްޝަންގައި ސައުދުﷲއާ އެކު މަސައްކަތްކުރާ ގާތް ރަހުމަތްތެރިޔަކު އޭޑީކޭގައި ހުރެ މިރޭ 'ދައުރު' އަށް ކިޔައިދިން ގޮތުގައި އެކްސިޑެންޓު ހިނގީ ކ. އަތޮޅުގައި އެ ކުންފުނީގެ ފަރާތުން ކުރިއަށް ގެންދާ ބައެއް މަޝްރޫއުތައް ބައްލަވާލައްވަން ކުރެއްވި ދަތުރެއްގައި އުޅުއްވަނިކޮށެވެ.

ކޮންމެ ހޮނިހިރުދުވަހަކު ސައުދުﷲ އެ ދަތުރުކުރައްވާ ކަމަށާއި އެކްސިޑެންޓްވި އިރު ލޯންޗުގައި އިންނެވީ ވެސް އޭނާ އެކަނި ކަމަށް ގާތް އެކުވެރިޔާ ބުންޏެވެ.

ރަހުމަތްތެރިޔާ ކިޔައިދިން ގޮތުން:

  • އެކްސިޑެންޓު ހިނގީ އެ ސަރަހައްދުން ދަތުރުކުރި އެހެން ލޯންޗެއް އެ ލޯންޗުގައި ޖެހެން އަންނަން ފެށުމުން ލޯންޗު އަބުރާލިތަނާ

  • އެ ލޯންޗު ގޮސް ޖެހުނީ ސާސެ ކުންފުނީގެ ލޯންޗު ފަހަތުކޮޅުގައި

  • ސައުދުﷲ އާންމުކޮށް އިންނަވަނީ ފަހަތުކޮޅުގައި، އެ ހާދިސާ ހިނގިއިރު ވެސް އިންނެވީ ފަހަތުކޮޅުގައި

  • ހޮސްޕިޓަލަށް ގެނައިރު ވެސް ވިންދެއް ނެތް

  • ޑޮކްޓަރު ވިދާޅުވީ ބޮލަށް ލިބުނު ގެއްލުމުގައި އެތެރެއަށް ވަރަށް ބޮޑަށް ލޭ އެޅިފައިވާ ކަމަށް

ސައުދުﷲ އަވަހާރަވި އިރު އަތްބަނކާއި ތިން ބޭފުޅުން ދުނިޔޭގައި އެބަ ތިއްބެވި އެވެ. ޖަނާޒާ ބާއްވަން ހަމަޖައްސާފައި ވަނީ މަލޭޝިއާގައި ހުންނެވި ދޮށީ ދަރިކަލުން މިރޭ ވަޑައިގަތީމަ އެވެ.

އެނގުން މުހިންމު - ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ސާސެ ކޮންސްޓްރަކްޝަންގެ މަޝްރޫއުތައް ދަނީ ހިނގަމުންނެވެ. ސާސެއަށް އެންމެ ފަހުން ލިބުނީ ކެނދިކުޅުދޫ ހޮސްޕިޓަލް ހެދުމުގެ މަޝްރޫއު އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް