ޖިންސީ ގޯނާއާ ދެކޮޅަށް 29 ޖޫން 2020ގައި މާލޭގައި ބޭއްވި މުޒާހަރާއެއްގެ ތެރެއިން (ދައުރު ފޮޓޯ/ މާޝާ ނައީމް)

ޖިންސީ ގޯނާ

13 އަހަރުގެ ކުއްޖަކާ ބެހުނު ކަމުގެ ތުހުމަތުގައި ދޮންބައްޕަ ހައްޔަރުކޮށްފި

ދެކުނުގެ ރަށެއްގައި އުމުރުން 11 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލައެއް ވެސް ރޭ ވަނީ ފެންމަތިވެފައި

ދެކުނުގެ އަތޮޅެއްގެ ރަށެއްގައި އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި އެ ކުއްޖާގެ ދޮންބައްޕަ ހައްޔަރުކޮށްފި އެވެ.

ވީ ކިހިނެއް؟ - އެ ކުއްޖާއަށް ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ، އެ ތަނުން ބުނި ގޮތުގައި، މި މަހުގެ 12ގަ އެވެ. 

ތަފްސީލު - ފުލުހުންގެ ތަރުޖަމާނަކު ރޭ 'ދައުރު'އަށް ވިދާޅުވީ، 13 އަހަރުގެ ކުއްޖެއްގެ އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ، އެ ކުއްޖާއަށް ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލައެއްގައި މި މަހުގެ 13 ވަނަ ދުވަހު، އުމުރުން 33 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އިތުބާރު ހުރި މަސްދަރަކުން 'ދައުރު'އަށް ކަށަވަރުވެފައިވާ ގޮތުގައި، މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އެ ކުއްޖާގެ ދޮންބައްޕަ އެވެ.

އޭނާ 30 ދުވަހު ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

ގުޅުން ހުރި ކަމެއް - 13 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވި އިރު، ދެކުނުގެ އަތޮޅެއްގައި 11 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ރޭ ވަނީ ފުލުހުންނަށް ހުށަހަޅާފަ އެވެ.

އެ މައްސަލައިގައި، ދެ މީހަކު ވަނީ ރޭ ހައްޔަރުކޮށްފަ އެވެ. އެއީ:

  • 63 އަހަރުގެ ދިވެހި ފިރިހެނެއް

  • 25 އަހަރުގެ ދިވެހި ފިރިހެނެއް

'ދައުރު'އަށް އެނގިފައިވާ ގޮތުގައި، އެ މައްސަލައިގައި ހައްޔަރުކުރި 25 އަހަރުގެ މީހާ އަކީ އެ ކުއްޖާއާ އާއިލީ ގޮތުން ގުޅުން އޮންނަ މީހެކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް