ކ. ވައްބިންފަރު ގޮނޑުދޮށަށް ލައްގައި މަރުވެފައިވާ 'ޕްލޭންކްޓޮނިކް ފޭޒް'ގެ ކުދި ކަކުނިތައް. (ފޮޓޯ/ކިޔުންތެރިއެއް

ތިމާވެށި

ވައްބިންފަރަށް ގިނަ އަދަދެއްގެ ކުދި ކަކުނި ލައްގައި މަރުވެފައި؛ މޫސުމީ ބަދަލުގެ އަލާމާތެއް؟

މާހިރުން ލަފާކުރައްވާ ގޮތުގައި، މިއީ ވަރަށް އާދަޔާ ހިލާފު 'ފިނޯމިނަން'އަކަށް ވުން ގާތް

ރޭގެ ވަގުތެއްގައި ކ. ވައްބިންފަރު ރިސޯޓަށް ޖެހި ރާޅުތަކާ އެކު ލެއްގީ ގިނަ އަދަދެއްގެ ކުދި ކަކުނިތަކެކެވެ. މިލިއަނުން ގުުނާލެވޭނެ ކަމަށް ބެލެވޭ މި ކަކުނިތައް ގޮނޑުދޮށަށް ޖަމާވެ މަރުވީ އެވެ. މިއީ މީގެ ކުރިން ދުވަހަކު ވެސް އެ ރަށުން ފެނުނު ކަމެއް ނޫން ކަމަށް، ރިސޯޓެއްގެ ގޮތުގައި ހިންގާ އެ ރަށުގައި ވަޒީފާ އަދާކުރާ ބައެއް މީހުން ބުނެ އެވެ.

އެއާ އެކު އުފެދެނީ ސުވާލުތަކެކެވެ؛ އެއީ ކޮން ކަހަލަ ކަކުނިތަކެއް ހެއްޔެވެ؟ އައީ ކޮން ތަނަކުން ހެއްޔެވެ؟ އެހާ ބައިވަރު ކަކުނި އެ ރަށަށް އެއް ފަހަރާ ލެއްގީ ކީއްވެ ހެއްޔެވެ؟ މިއީ ކަމެއް ގޯސް ވުމުގެ އަލާމާތެއް ހެއްޔެވެ؟

އެ ސުވާލުތަކުގެ ޖަވާބު ހޯދުމަށް ވައްބިންފަރުގައި މަސައްކަތް ކުރާ ތިމާވެށީގެ މާހިރުން މިހާރު އަންނަނީ މައުލޫމާތު އެއްކޮށް، މި އާދަޔާ ހިލާފު ކަންތަކުގެ ފަހަތުގައިވާ ސަބަބުތައް ހޯދަން މަސައްކަތް ކުރަމުންނެވެ. ނަމަވެސް، އަދި މިހާތަނަށް އެ ރިސޯޓުގެ ފަރާތުން ވެސް ދެވެން އޮތް މައުލޫމާތަކީ، ބައިވަރު ކަކުނިތަކެއް ލައްގައި މަރުވެފައިވާ ކަމަށް ބެލެވޭ ވާހަކަ އެވެ. ފަހަރުގައި ކަކުނިތަކުގެ 'މޭޓިން ސީޒަންް'އާ ގުޅުން ހުރި ކަމަކަށް ވެދާނެ ކަމެވެ.

ކ. ވައްބިންފަރަށް ލައްގާފައިވާ ކުޑަ ކަކުންޏެއް. (ފޮޓޯ/ކިޔުންތެރިއެއް)

އިންޓަނޭޝަނަލް ޕޯލް އެންޑް ލައިން ފައުންޑޭޝަންގެ ޑިރެކްޓާ ފޯ ސައިންސް އިން ދަ މޯލްޑިވްސް ޑރ. މުހައްމަދު އަހުމަދު ޝިހާމު ވިދާޅުވި ގޮތުގައި، "މިއީ އަންޔޫޝުއަލް ފިނޯމިނޮން"އެކެވެ.

"އާންމުކޮށް ރަށްރަށުގެ ގޮނޑުދޮށްތަކަށް މި ގޮތަށް ކްރެބް ލާވޭ ނުލައްގާ،" އޭނާ ވިދާޅުވި އެވެ.

މޯލްޑިވްސް މެރިން ރިސާޗު އިންސްޓިޓިއުޓް (އެމްއެމްއާރުއައި)ގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމު ވެސް ކުރިން ފުރުއްވާފައިވާ ޝިހާމް ލަފާކުރެއްވި ގޮތުގައި، މިއީ 'ޕްރައިމަރީ ޕްރޮޑަކްޓިވިޓީ' ނުވަތަ ކާނާ އުފެއްދުމުގައި ތަފާތެއް އައުމުގެ ސަބަބުން ވީ ކަމެއް ކަމަށްވުން ގާތެވެ.

  • އަވީގެ ޒަރީއާ އިން ކަނޑުގެ ސަތަހައިގައި ކާނާ އުފައްދާ ޕްރައިމަރީ ޕްރޮޑިއުސާސްގެ ތެރޭގައި ހިމެނެނީ އެކި ޒާތުގެ ފައިޓޯޕްލޭންކްޓަން 

  • ކަކުނީގެ އެންމެ ކުދި ނުވަތަ 'ލާވޭ ސްޓޭޖު'ގައި އެ ތަކެތި ކައި އުޅެނީ އެފަދަ ފައިޓޯޕްލޭންކްޓަންގެ ބާވަތްތައް

"މި ދުވަސްވަރަކީ އާދަޔާ ހިލާފަށް ހޫނުގަދަވެފައި ވައި މަޑު ދުވަސްކޮޅެއް. އެހެންވީމާ ގުދުރަތީ ގޮތުން އާންމު ގޮތެއްގައި އެ ޕްރައިމަރީ ޕްރޮޑަކްޓިވިޓީއެއް ވިއްސިވިހާލިވެ ދިއުމުގެ ފުރުސަތު ހަނިވެދާނެ،" ޝިހާމް ފާހަގަކުރެއްވި އެވެ.

އެހެންކަމުން، ޝިހާމް ލަފާކުރައްވާ ގޮތުގައި، ކޮންމެވެސް ސަރަހައްދެއްގައި ގިނަ އަދަދެއްގެ ކާނާ އުފެދި، ޖަމާވެފައި ހުރުމުގެ ސަބަބުން އެ ތަނެއްގައި ކަކުނީގެ ލާވޭގެ އާބާދީ އިންތިހާއަށް އިތުރުވީ ކަމަށް ވުން ގާތެވެ. ކަކުނި އޭގެ 'ޕްލޭންކްޓޮނިކް ފޭޒް'ގައި މިލިއަނަކުން އެއްވެ ކޮންމެވެސް ގޮތަކުން ރާއްޖޭގެ ރަށެއްގެ ގޮނޑުދޮށަކަށް ފޯރީ ކަމަށް އޭނާ ލަފާކުރައްވަ އެވެ. ކަނޑުގައި ކާނާ އުފެދޭ ގޮތާއި އެ ކާނާ ދައުރުވާ ގޮތާއި މޫސުމާއި އޮޔާއި ވަޔަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވި އާދަޔާހިލާފު ކަމެކެވެ.

ކަނޑުގެ ސަތަހައިގައި ފައިޓޯޕްލޭންކްޓަން ޖަމާވެފައި. (ފޮޓޯ/ނާސާ އާތު އޮބްސާވެޓަރީ)

އާންމު ހާލަތުގައި، ޝިހާމް ފާހަގަކުރެއްވި ގޮތުގައި، ވަޔާއި އޮއެ ދައުރުވާ ނަމަ، ކަނޑުގައި އުފެދޭ ކާނާ އާއި އެ ތަކެތި ކާން ޖަމާވާ ކުދި ދިރޭތަކެތި ކަނޑުގެ ތެރޭގައި ފެތުރިގެން ދާނެ އެވެ. ނަމަވެސް، ދެ އޮއެވަރު ބެދޭ ތަނެއްގައި އެއް ތަނަކަށް އެއްޗެހި ޖަމާކުރާ ބާރެއް ހުންނާތީ، އެއް ތަނަކަށް ހުރިހާ އެއްޗެއް އެއްވެ އެވެ.

ދެން އެ ގޮތަށް ގުޅަވެފައި ހުރެ، އަތޮޅު ތެރެއަށް އޮއެ ދެމެމުން ދެމެމުން ގޮސް، އޮޔާ އެކު ކަކުނި ލާވޭ ވައްބިންފަރަށް ލެއްގީ ކަމަށް ލަފާކުރެވެ އެވެ. އެ ރަށާ ކައިރި އެހެން ބައެއް ރަށްރަށަށް ވެސް ކަކުނި ލާވޭ ލައްގާފައި ހުރެދާނެ އެވެ. 

ނަމަވެސް، މިހާތަނަށް އެފަދަ މައުލޫމާތެއް ޝިހާމަށް ވެސް އަދި 'ދައުރު'އަށް ވެސް ލިބިފައެއް ނުވެ އެވެ.

"ދެން ވައްބިންފަރަކީ އެހެން ރަށްރަށާ ހިލާފަށް، އެ ރަށަކު ނޯންނާނެ ބޮޑު ފަރެއް. އެއިީ މާލެ އަތޮޅުގެ އެތެރޭގައި، މެދުގައި އޮންނަ ރަށަކަށް ވީމާ އެ [ކަކުނިތައް] އެރުމުގެ ފުރުސަތު ބޮޑުވެދާނެ،" ޝިހާމް ފާހަގަކުރެއްވި އެވެ.

އެއީ ސީދާ ކޮން ބާވަތެއްގެ ކަކުންޏެއްކަން ނޭނގުނަސް، އާންމު ހާލަތުގައި އެފަދަ ކަކުންޏަކީ ރާއްޖޭގެ ރަށްރަށުގައި ދިރިއުޅެވޭނެ ބާވަތެއް ކަމަށް ޝިހާމް ލަފާކުރައްވަ އެވެ. 'ޕްލޭންކްޓޮނިކް ފޭޒް'ގައި ކަކުނި މަދުމަދުން ރަށްރަށަށް ލައްގައިފި ނަމަ، ވަޅު ޖަހައިގެން ބޮޑުވެ، އެ ތަކެތި އުޅޭނެ ކަމަށް އޭނާ ގަބޫލުކުރެ އެވެ.

"އެކަމަކު މިފަހަރު އެ އައީ ވަރަށް ބައިވަރު،" ކަކުނިތައް މަރުވުމުގެ މައިގަނޑު ސަބަބަކީ އެއީ ކަމަށް ލަފާކުރެވޭކަން ފާހަގަކުރައްވައި ޝިހާމް ވިދާޅުވި އެވެ.

"އެހެންވީމާ މި ކަންތަކަކީ ހަމަ ގައިމު ވެސް ދުނިޔޭގެ މޫސުމާ، ކަންތައް ބަދަލުވުމުގެ އަލާމާތެއް ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ. އެއީ، މިއީ އާންމު ގޮތެއްގައިވާ ކަމެއް ނޫން."

ނަމަވެސް، މިއީ ހުސް ލަފާކުރުންތަކެއް ކަމުން، ޝިހާމް ވިދާޅުވީ މިއީ "ފަހަރުގައި ހަމަ ރޭންޑަމް އިވެންޓް"އަކަށް ވުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށެވެ.

ކޮމެންޓް (3)

ހަސަން

25 އޭޕްރީލު 2023
ވައްބިން ފަރު ކައިރިން މަހާޖައްރާފާ ބޮސް ކާލިސް ވެލި ނަގާޠާ އެތަށް އަހަރެއް މުޅި މާލެ އަތޮޅު ހިއްކަނީ އުތަނުން ވެލި ނަގައިގެން
0 0

ޙަވަރު

23 އޭޕްރީލު 2023
މޫސުމީ ބަދަލު ތަކޭ ކިޔާ މަތިއަޅުވަން އުޅޭއިރު މާލެ އަތޮޅުގަ ހުރިއްޔާ ހުރި ފަރަކާ ފަޅުފަޅާ ގިރިއެއް ދާންދެން ހިއްކީމަ ވާގޮތަކަށްވުންވެސް ކައިރި
0 0

އާދަނު

22 އޭޕްރީލު 2023
ޢީދު ދުވަހު އަޅުގަނޑުގެ ދަރިފުޅު ގޮވައިގެން މާލޭގެ އާޓިފިޝަލް ބީޗަށް މޫދަށް ދިޔައިރު ތިކަހަަލަ ވަރަށް ގިނަ ކަކުނި ގޮނޑުދޮށަށް ލައްގާފަޔާ މޫދުގައިވެސް ހުރި.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް