އުދައްޔުގެ މަރުގެ މައްސަލާގައި ހެކިބަސް ނެގުން މިއަދު ވަނީ ނިންމާލާފައި

އުދައްޔު މަރު: ދައުވާ ލިބޭ މީހުންގެ ދިފާއުގައި 5 ހެކިވެރިޔަކު ހެކިބަސްދީފި

ދައުވާ ލިބޭ ޝަމީމްގެ ފަރާތުން ހެކިބަސް ދިނީ ބައްޕަ އާއި ދައްތަ؛ ބުނީ އެރޭ ޝަމީމް ގެއިން ނުނިކުންނަ ކަމަށް

ގއ. މާމެންދޫގައި ދެ އަހަރު ކުރިން މަރާލި، 17 އަހަރުގެ އަހުމަދު އުދައްޔުގެ މަރުގެ ދައުވާ ކޮށްފައިވާ ތިން މީހުންގެ ދިފާއުގައި ފަސް ހެކިވެރި އަކު މިއަދު ހެކިބަސް ދީފި އެވެ. އަދި އެއާ އެކު އެ މައްސަލާގައި ހެކި ބަސްވެސް ނަގައި ނިމުނީ ކަމަށް ކޯޓުން ބުންޏެވެ.

ވީ ކިހިނެއް؟ މާމެންދޫގައި 8 މާޗު 2021ގައި ދެކުދީންނާ ދެކޮޅަށް ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ސަބަބުން އެ ދެ ކުދިންނަށް ޖިސްމާނީ ގޮތުން ބޮޑެތި އަނިޔާތައް ލިބި، އެ އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް އޭގެ ތެރެއިން 17 އަހަރުގެ އަދުއްޔު މަރުވި އެވެ.

އެ މައްސަލާގައި 18 އަހަރުން މަތީގެ ތިން މީހަކާއި 18 އަހަރުން ދަށުގެ ކުއްޖަކަށް ދައުލަތުން ދައުވާ ކުރި އެވެ. ދައުވާ ކުރި އިރު 18 އަހަރު ނުފުރޭ ކުޑަކުއްޖާއަށް މިހާރު 18 އަހަރު ފުރިފައިވާ އިރު، އެ މައްސަލާގައި، ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް މިދިޔަ ސެޕްޓެމްބަރު މަހު ވަނީ ހުކުމްކޮށްފަ އެވެ. އޭނާ އަންނަނީ 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން ނެވެ. 

މި މައްސަލައިގައި ދެން ދައުވާ އުފުލާފައިވާ މީހުންނަކީ:

  • އަހްމަދު ޝަމީމް، ރިހިފަރުދާގެ/މާމެންދޫ

  •  ޝަރަފް ރަޝީދު، ބިލަތްމާގެ/މާމެންދޫ

  •  މުހައްމަދު މާޒިން، ގުލްފާމުގެ/މާމެންދޫ

އެ ތިން މީހުންގެ މައްޗަށް އުފުލީ:

  • ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ

  •  މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާ ގޮތަށް ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ

ތަފްސީލް - މިއަދު ކޯޓުގައި އޮތީ ދައުވާ ލިބޭ ތިން މީހުންގެ ދިފާއުގައި އެ ފަރާތްތަކުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނެގުމެވެ.

ޝަރަފް އާއި މާޒިންގެ ފަރާތުން ހުށަހަޅާފައިވާ ފުރަތަމަ ހެކިވެރިޔާ މާމެންދޫ މެޖިސްޓްރޭޓް ކޯޓުގައި އިނދެގެން ހެކިބަސްދެނީ---ފޮޓޯ ދައުރު

އޭގެތެރެއިން:

  •  ދައުވާ ލިބޭ ޝަރަފް ރަޝީދުގެ، ފަރާތުން ހަތް ދިފާއީ ހެއްކެއް ހުށަހަޅާފައިވޭ؛ނަމަވެސް އެ ހެކިވެރީންގެ ތެރެއިން މިހާރު ހެކިބަސް ނަގަން ބޭނުންވަނީ ދެ ހެކިންގެ ކަމަށް ބުނެ ކޯޓަށް ސިޓީ ހުށަހަޅާފައިވާތީ މިއަދު ހެކިބަސް ނެގީ ދެ ހެކިވެރިއެއްގެ ހެކިބަހެވެ.

  • ޝަރަފު ރަޝީދުގެ ފަރާތުން މިއަދު ހެކިބަސް ދިން ފުރަތަމަ ހެކިވެރިޔާ ބުނީ، އޭނާ އަކީ ޝަރަފްގެ އާއިލާ މީހެއް ކަމަށާއި ކުޑައިރުންސުރެ އުޅެނީ އެކުގައި ކަމަށް

  • އެ ހާދިސާ ހިނގި އިރު އެ ހެކިވެރިޔާ އެތަނުގައި ހުރި ކަމަށް؛ އެކަމަކު ޝަރަފް އެތަނުގައި ފެންނަން ނެތްކަމަށް އަދި މީހަކަށް އިންޒާރުދީ ހަމަލާދެނިކޮށް ވެސް ފެނިފައިނުވާ ކަމަށް

  • ދައުވާ ލިބޭ މުހައްމަދު މާޒިންގެ ފުރަތަމަ ހެކިވެރިޔާ އަކީ މާޒީންގެ ފަރާތުން ވެސް ހުށަހަޅާފައިވާ ހެކިވެރިޔާ

  • މާޒިންގެ ދިފާއުގައި ހެކިބަސް ދެމުން ފުރަތަަމަ ހެކިވެރިޔާ ބުނީ، ހާދިސާ ހިނގި ވަގުތު މާޒިން އާއި މާޒީންގެ އާއިލާގެ މީހުން ވެސް ތިބި ކަމަށް

  • އެކަމަކު އެމީހުން ތިބީ ދުރުގައި ކަމަށް؛ މާޒިން އަދުއްޔުއަށް ހަމަލާދެނިކޮށް އަދި މާރާމާރީ ހިންގާ އިންޒާރުދެނިކޮށް ވެސް ފެނިފައިނުވާ ކަމަށް

  • ފުރަތަމަ ހެކިވެރިޔާ މިއަދު ދިން ހެކިބަހާއި ފުލުހުންގެ ތަހުގީގަށް ދީފައިވާ ބަޔާނާ ތައާރަޒުވާތީ އެކަން ދައުލަތުން ފާހަގަކުރި

  • ދެވަނަ ހެކިވެރިޔާ ވެސް ހެކިބަސް ދިނީ ޝަރަފާއި މާޒިންގެ ދިފާއުގައި

  • ދެވަނަ ހެކިވެރިޔާ ބުނީ އޭނާއަކީ ޝަރަފް އަދި މާޒިންގެ އެކުވެރިއެއް ކަމަށް

  • ހާދިސާ ހިނގިވަގުތު އެތަނުގައި ހުރި ކަމަށް އެކަމަކު، ޝަރަފް އަދި މާޒިން އެތަނުން ނުފެންނަ ކަމަށް، މީހަކަށް ހަމަލާދެނިކޮށް ވެސް ނުވަތަ އިންޒާރުދެނިކޮށްވެސް ނުފެންނަ ކަމަށް 

ޝަރަފް އާއި މާޒިންގެ ފަރާތުން ހުށަހަޅާފައިވާ ދެވަނަ ހެކިވެރިޔާ މާމެންދޫ މެޖިސްޓްރޭޓް ކޯޓުގައި އިނދެގެން ހެކިބަސްދެނީ---ފޮޓޯ ދައުރު

ތިންވަނަ ހެކިވެރިޔާ އަކީ މާޒިންގެ ފަރާތުން ހުށަހަޅާފައިވާ ހެކިވެރިއެކެވެ. އޭނާއަކީ ވެސް ނާޒިމްގެ އާއިލީ މީހެކެވެ. އޭނާ ބުނީ ހާދިސާއަށް ގިނަ ދުވަސްތަކެއްވުމުން އެ ހާދިސާ ހަނދާނުގައި ނެތް ކަމަށެވެ. އަދި ހާދިސާ ހިނގި ވަގުތު އެތަނުގައި ނެތް ކަމަށް ވެސް ބުންޏެވެ. 

މާޒިންގެ ފަރާތުން ހުށަހަޅާފައިވާ ފުރަތަމަ ހެކިވެރިޔާ މާމެންދޫ މެޖިސްޓްރޭޓް ކޯޓުގައި އިނދެގެން ހެކިބަސްދެނީ---ފޮޓޯ ދައުރު

ދައުވާ ލިބޭ އަހްމަދު ޝަމީމްގެ ފަރާތުން ފަސް ހެއްކެއް ހުށަހަޅާފައިވީ ނަމަވެސް މިއަދު ކޯޓުގައި ހެކިބަސް ދިނީ ދެ ހެކިވެރިން ނެވެ. އެއީ ޝަމީމްގެ ބައްޕަ އާއި ޝަމީމްގެ އެއްބަނޑު އެއްބަފާ ދައްތަ އެވެ. ބާކީތިބި ތިން ހެކިވެރީންގެ ހެކިބަސް ނަގާފައިނުވަނީ ޝަމީމްގެ ފަރާތުން އެމީހުންގެ ހެކިބަސް ނަގަން މިހާރު ބޭނުން ނުވާ ކަމަށް މިއަދު ކޯޓުގައި ފާހަގަކުރުމުން ނެވެ.

ޝަމީމްގެ ފަރާތުން ހުށަހަޅާފައިވާ ފުރަތަމަ ހެކިވެރިޔާ، ޝަމީމްގެ ބައްޕަ މާމެންދޫ މެޖިސްޓްރޭޓް ކޯޓުގައި އިނދެގެން ހެކިބަސްދެނީ---ފޮޓޯ ދައުރު
ޝަމީމްގެ ފަރާތުން ހުށަހަޅާފައިވާ ފުރަތަމަ ހެކިވެރިޔާ، ޝަމީމްގެ ބައްޕަ މާމެންދޫ މެޖިސްޓްރޭޓް ކޯޓުގައި އިނދެގެން ހެކިބަސްދެނީ---ފޮޓޯ ދައުރު

ހެކިބަސް ދެމުން ޝަމީމްގެ ބައްޕަ ބުނީ:

  • އެރޭގެ 8 ފެށިގެން 10 އަކާ ހަމަޔަށް ޝަމީމް ހުރީ ގޭގައި ކަމަށް

  • އެރޭ އޭނާގެ އަންހެނުން ހުރީ ޝަމީމްގެ ގައިގާ ހިފަހައްޓައިގެން ސިޓިން ރޫމުގައި ކަމަށް

  • އޭނާގެ އަންހެނުން ބުނި ނުދެވޭނެއޭ، ހުރީ ގައިގާ ހިފަހައްޓައިގެން

  • ވެގެން އުޅޭގޮތެއް އަހަންނަަކަށް އެވަގުތަކު ނޭނގޭ އެކަމަކު އަހަރެން ބުނިން އަންހެނުން ނުރުހުންވާ އެއްވެސް ކަމެއް ކޮށްގެން ނުވާނެއޭ އޭނާއަށް، އަނިޔާއެއް ވެސް ކޮށްގެން ނުވާނެ އޭ

  • އެހެންވެ އޭނާ އިނީ ސިޓިން ރޫމުގައި؛ އެތާ އިންދައި އެރޭ އައިސް ފުލުހުން ގެންދިޔައީ ވެސް

ޝަމީމްގެ ދައްތަ ވެސް ވަނީ ޝަމީމް އެރޭގެ އެވަގުތު ބޭރަށް އަދި އެހާދިސާ ހިނގިތަނަށް ނުދާ ކަމަށް ބުނެ ޝަމީމްގެ ދިފާއުގައި ހެކިބަސް ދީފަ އެވެ. ޝަމީމްގެ ދައްތަ ބުނީ، އޭނާ ޝަމީމް ދިރިއުޅޭ، އޭނާގެ ބައްޕަގެ ގެއަށް އެރޭ ވަނީ ފިރިމީހާ އާ އެކު ދުއްވާލަން ނިކުމެ އުޅެނިކޮށް 'ދަގަނޑޭ އޭ' ކިޔާ މީހަކު ގޮވާ އަޑަށް ކަމަށެވެ. 

ޝަމީމްގެ ދައްތަ ބުނީ:

  • އެގެއަށް އޭނާ ދިޔައީ 08:30 އެހާކަންހާ އިރު، ފުލުހުން އައިސް ގެންދަންދެން އަޅުގަނޑު އެތަނުގައި ހުރިން

  • ޝަމީމް އޭރު ހުރީ ގޭގެ ސިޓިންރޫމްގައި؛ އެތަނުގައި ޝަމީމްގެ އަންހެނުންނާ ބައްޕަ ހުރި

  • އަންހެނުން ހުރީ ޝަމީމްގެ ގައިގާ ހިފަހައްޓައިގެން؛ ބުނީ ނުދެވޭނެއޭ، ގޮސްގެން ނުވާނެއޭ

  • ގޭގެ ބޭރުގައި ބައިވަރު މީހުންތަކެއް ތިބި 'ދަގަނޑޭ އޭ' ކިޔާ ކޮއްކޮއަށް ގޮވާ އަޑުއިވޭ

  • އެކަމަކު ކޮއްކޮ ދިޔައަކަ ނުދޭ އޭނާގެ އަންހެނުން

އެނގުން މުހިންމު - މިއަދު ވަނީ މިމައްސަލާގައި ނަގަންޖެހޭ ހެކިބަސް ނެގުން ނިންމާލާފަ އެވެ. ދައުވާ ލިބޭ މީހުންގެ ފަރާތުން މިއަދު ކޯޓުގައި ވަނީ މައްސަލައަށް ގިނަ ދުވަސްތަކެއް ވަމުންދާތީ މައްސަލައިގެ ޝަރީއަތް އަވަހަށް ނިންމާލަން ބޭނުންވާކަން ފާހަގަކޮށްފަ އެވެ.

ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ހެކިތަކާ ބެހޭގޮތުން ވާހަކަ ދެއްކުމާއި ހުލާސާ ބަޔާން ހުށަހެޅުމެވެ. މިދެކަންތައް ވެސް އެއް އަޑުއެހުމެއްގައި ކުރިއަށް ގެންދަން މިއަދު ޝަރީއަތުން ވަނީ ނިންމައިފަ އެވެ.

ދެން އޮންނަ އަޑުއެހުމެއް އޮންނަ ތާރީހެއް މިއަދު ޝަރީއަތުން އިއުލާނެއް ނުކުރެ އެވެ. ނަމަވެސް ވީހާވެސް އަވަހަށް އަޑުއެހުން ތާވަލުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އަލީ ނަދީމް ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް