އެސްއޯއީ ކޮމެޓީގެ ބައްދަލުވުމެއްގެ ތެރެއިން (ފޮޓޯ/މަޖިލިސް

މަކަރާއި ހީލަތް

ސިމް ނެގޭ އަދަދު ލިމިޓުކުރާ ގަވައިދު 15 ދުވަހުން ގެޒެޓުކުރަން އަންގަން ކޮމިޓީން ނިންމައިފި

މަލްޓި އެޖެންސީ ޓާސްކުފޯހެއް އުފައްދައި އިދާރާތައް ގުޅިގެން މަސައްކަތް ކުރެވޭނެ ނިޒާމެއް 15 ދުވަހުގެ ތެރޭގައި ގާއިމްކުރަން އަންގަން ވެސް ކޮމެޓީން ފާސްކޮށްފައިވޭ

އެކެއްގެ ނަން މަތީ އެންމެ ގިނަވެގެން ސިމް ނެގޭ އަދަދު ލިމިޓުކޮށް، ސިމް ކާޑު ރެގިޔުލޭޓުކުރުމަށް އެކުލަވާލަމުން އަންނަ ގަވައިދު 15 ދުވަހުގެ ތެރޭގައި ނިންމައި ގެޒެޓުކުރަން އަންގަން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒް (އެސްއޯއީ) ކޮމެޓީން ފާސްކޮށްފި އެވެ.

ވީ ކިހިނެއް؟ - ސްކޭމު ކޯލުތަކާއި ބޭންކު އެކައުންޓުތަކުން ފައިސާ ވަގަށް ނެގުމުގެ މައްސަލަ އެސްއޯއީ ކޮމެޓީން ދިރާސާކޮށް އެކުލަވާލި ރިޕޯޓު ކޮމެޓީން ވަނީ މިދިޔަ ބުރާސްފަތި ދުވަހު ފާސްކޮށްފަ އެވެ.

ތަފްސީލު - ކޮމެޓީން ފާސްކުރި ރިޕޯޓު މަޖިލީހުގެ ވެބްސައިޓުގައި މިއަދު އާންމުކޮށްފައި ވާއިރު، ބޭންކް އެކައުންޓުތަކުގެ ވެރިފަރާތަށް ނޭނގި އެކައުންޓުން ފައިސާ ކެނޑޭ މައްސަލާގައިި ކޮމެޓީން ހުށަހަޅާފައިވާ ކަންތައްތަކުގެ ތެރޭގައި، ރާއްޖޭގައި ބޭނުން ކުރާ ފޯނު ނަންބަރުތަކަކީ ރަޖިސްޓްރީކޮށްފައިވާ ނަންބަރުތަކެއްކަން ކަށަވަރުކޮށް އަދި ނަންބަރުތަކުގެ ވެރިފަރާތް ފަސޭހައިން ދެނެގަނެވޭނެ ނިޒާމެއް ގާއިމް ކުރަން ކޮމިއުނިކޭޝަންސް އޮތޯރިޓީ (ކޭމް)އަށް އެންގުމަށް ނިންމާފައިވެ އެވެ.

މިދިޔަ ޑިސެމްބަރު މަހުން ފެށިގެން އަލަށް ނަގާ ސިމްތަކުގެ މައުލޫމާތު ފުރިހަމަ ނުކޮށް، ބޭނުންކުރުން ހުއްޓުވިފައިވީ ނަމަވެސް، އޭގެ ކުރިން ނަގާފައިވާ ސިމް ކާޑުތަކުގެ މައްސަލައަށް ހައްލެއް ލިބިފައި ނުވާކަން ފާހަގަކުރެވިފައިވާ ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެ އެވެ.

އެ ރިޕޯޓުގައި އިތުރަށް ފާހަގަކޮށްފައިވަނީ:

  • ރާއްޖޭގައި ބޭނުންކުރާ ހުރިހާ ނަންބަރަކީ ރަޖިސްޓްރީކޮށްފައިވާ ނަންބަރުތަކެއްކަން ކަށަވަރު ކުރަން ކޭމްއަށް އެންގުމަށް

  • މަޖިލީހުން ރިޕޯޓު ފާސްކުރާތާ 15 ދުވަހުގެ ތެރޭގައި ސިމް ކާޑުގެ އެކްސެސް ވަކި އަދަދަކަށް ލިމިޓު ކުރުމަށް

  • ސިމް ކާޑު ރެގިއުލޭޓު ކުރުމަށް ކޭމް އިން އެކުލަވާލަމުން އަންނަ ގަވައިދު އެކުލަވާލައި 15 ދުވަހުގެ ތެރޭގައި ގެޒެޓު ކުރަން އެންގުމަށް

މީގެ އިތުރުން، ކަސްޓަމަރުންގެ ހައްގުތަކަށް ހީނަރުކަން ނާންނާނެހެން ބޭންކުތަކުގެ އެތެރޭގެ ސިޔާސަތުތައް ކުރިއަށް ވުރެ ހަރުދަނާކޮށް، އެ ސިޔާސަތުގެ ދަށުން މަކަރާއި ހީލަތް ހުއްޓުވައި ތަހުގީގު ކުރުމާއި ރިޕޯޓުކުރުން ހަރުދަނާ ކުރުމަށް ބީއެމްއެލް އަށާއި އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓަށް އަންގަން ވެސް ކޮމިޓީން ފާސްކޮށްފައިވެ އެވެ.

އެ ރިޕޯޓުގައި އިތުރަށް ފާހަގަކޮށްފައިވަނީ:

  • އެފަދަ ކުށްތައް ހުއްޓުވުމަށް ޖިނާއީ އިޖުރާތުގެ ގާނޫނަށާއި ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ގާނޫނު އަދި ގާނޫނުލް އުގޫބާތަށް ހުށަހަޅާފައިވާ އިސްލާހުތައް ވީހާ ވެސް އަވަހަކަށް ފާސްކުރުމަށް

  • ޖަލުގައި ހިންގާ ކުށްތައް ނުވަތަ ސްކޭމުތައް ހުއްޓުވަން ގަވައިދާ ހިލާފަށް ޖަލަށް ތަކެތި ވެއްދުން ކޮންޓްރޯލުކުރުމަަށް ނިޒާމުތައް ހަރުދަނާކުރަން ކަރެކްޝަންސްއަށް އެންގުމަށް

  • ސްކޭމް ކޯލުތަކާއި އެހެން ވަސީލަތްތައް ބޭނުންކޮށްގެން އޮޅުވާލައިގެން ފައިސާ ހޯދާ މައްސަލަތައް ހައްލުކުރުމަށް މަލްޓި އެޖެންސީ ޓާސްކުފޯހެއް އެމްއެމްއޭގެ އިސްނެގުމުގެ މަތިން އުފައްދައި އިދާރާތައް ގުޅިގެން މަސައްކަތްކުރެވޭނެ ނިޒާމެއް 15 ދުވަހުގެ ތެރޭގައި ގާއިމްކުރަން އެންގުމަށް

އިތުރު އާޓިކަލް

އިތުރު އާޓިކަލް