މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ. (ފޮޓޯ/ މަޖިލިސް)
ޕީޕީއެމްއަށް ގުރައިދޫ ގޮނޑި ހޯދައިދޭން މަސައްކަތްކުރި ކަމަށް ބުނެ ނަޝީދު ފެކްޝަނަށް އާދަމް ޝަރީފް ޝުކުރު އަދާކޮށްފި
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ކ. ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި އިދިކޮޅު ޕީޕީއެމަށް އެ ގޮނޑި ހޯދައިދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ 'ފިކުރެއްގެ ދިރުން' ފެކްޝަނުން މަސައްކަތްކޮށްދިން ކަމަށް ބުނެ، އެ މަސައްކަތަށް އިދިކޮޅު ކޯލިޝަނުން މިއަދު ޝުކުރު އަދާކޮށްފި އެވެ.
ވީ ކިހިނެެއް؟ - 'ފިކުރެއްގެ ދިރުން' ފެކްޝަންގެ ނަން ވަކިން ފާހަގަކުރައްވައި އެ ފެކްޝަނަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރުންނަށް ޝުކުރު އަދާކުރެއްވީ އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ޕީޖީ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފެވެ.
އޭނާ އެ ފެކްޝަނަށް ޝުކުރު އަދާކުރެއްވީ ފެނަކަ ކޯޕަރޭޝަނުން އަމިއްލަ ކުންފުނިތަކަށް ދައްކަން ޖެހޭ ފައިސާ ނުދައްކައި ދިގުލައިގެންދާ މައްސަލައިގައި މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލުމުން، ފެނަކައިގެ ދަރަންޏަށް ޒިންމާވާން ޖެހޭ ފަރާތްތައް ހޯދުމަށް މާލީ އޮޑިޓެއް ހެދުމަށް ގޮވާލައި އިދިކޮޅުން ގަރާރެއް ހުށަހަޅުއްވަމުންނެވެ.
އެނގުން މުހިއްމު - ޕީޕީއެމްގެ ހުސައިން ރިޒާ އާދަމް އަދި އެމްއެންޕީގެ އަލީ އަރީފްއާ ވާދަކުރައްވައި ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން ކާމިޔާބުކުރެއްވީ އެމްޑީޕީގެ އިބްރާހީމް ޝާޒެވެ. އެއާ އެކު، އިދިކޮޅު ޕީޕީއެމުން ޒަމާނުއްސުރެ ކޮންޓްރޯލް ކުރަމުން އައި، އެ ޕާޓީގެ ތާއީދު ބޮޑު ދާއިރާއެއް ފުރަތަމަ ފަހަރަށް ވަނީ އެމްޑީޕީއަށް ފުރޮޅިފަ އެވެ.
ބުނީ ކީކޭ؟ - އެމްޑީޕީން ހޯދި ކާމިޔާބީއަށް އެ ޕާޓީއަށް މަރުހަބާ ވިދާޅުވަމުން އާދަމް ޝަރީފް ވަނީ ޕީޕީއެމްއަށް އެ ގޮނޑި ހޯދައިދޭން މަސައްކަތް ކުރި ފަރާތްތަކަށް ޝުކުރު އަދާކުރައްވާފަ އެވެ.
"އަދި މި އިންތިހާބު ޕީޕީއެމަށް ކާމިޔާބުކޮށްދެއްވުމަށްޓަކައި 'ފިކުރެއްގެ ދިރުމު'ގެ ބޭފުޅުންގެ ފަރާތުން ވެސް ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެއްވާފައިވާތީ އެ ބޭފުޅުންނަށް ވެސް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން،" އޭނާ ވިދާޅުވި އެވެ.
ފާހަގަކޮށްލެވޭ ކަމެއް - އާދަމް ޝަރީފް އެ ގޮތަށް ވިދާޅުވި ނަމަވެސް، ޕީޕީއެމަށް ނިސްބަތްވެވަޑައިގަންނަވާ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް މިއަދު ކުރެއްވި ޓުވީޓެއްގައި، 'ފިކުރެއްގެ ދިރުން' ފެކްޝަނާ އެކު އިދިކޮޅުން މަސައްކަތް ކުރިކަން ވަނީ ދޮގުކުރައްވާފަ އެވެ.
"މިއީ ބޮޑު އޮޅުވާލުމެއް. ޕީޕީއެމުން މިހާތަނަށް އެމްޑީޕީ ފެކްޝަނަކާ އެކީ އިންތިހާބެއް ކާމިޔާބުކުރަން މަސައްކަތެއް ކޮށްފައެއް ނެތް،" އޭނާ ވިދާޅުވި އެވެ.
ގުޅުން ހުރި ކަމެއް - އިދިކޮޅުން ނަޝީދުގެ ފެކްޝަނަށް ޝުކުރު އަދާކޮށްފައި މި ވަނީ، ގުރައިދޫ ގޮނޑި އެމްޑީޕީއަށް ގެއްލުވާލުމަށް ޕާޓީގެ އިސް ސަފުގެ މީހުން މަސައްކަތް ކުރަމުންދާ ކަމުގެ ތުހުމަތު އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ކުރައްވާފައި ވަނިކޮށެވެ.
"ޕާޓީގެ އިސް ސަފުގައި ތިއްބެވި ބޭފުޅުން އެމްޑީޕީއަށް ގުރައިދޫ ދާއިރާގެ ގޮނޑި ގެއްލުވާލުމަށް ދާއިރާގެ މެމްބަރުންނަށް ގުޅައި، ޕާޓީގެ ޓިކެޓަށް ވޯޓު ނުދިނުމަށް ކުރަމުންދާ މަސައްކަތް އެންމެ ހަރުކަށި ބަހުން ކުށްވެރިކުރަން،" އިންތިހާބުގެ އެއް ދުވަސް ކުރިން އެމްޑީޕީގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެއްގައި ފައްޔާޒު ވިދާޅުވެފައިވެ އެވެ.
ފަސްމަންޒަރު - އެމްޑީޕީގެ ޕްރައިމަރީގައި ނަޝީދަށް ލިބުނު ނާކާމިޔާބީއަށް ފަހު، އެ މަނިކުފާނުގެ 'ފިކުރެއްގެ ދިރުން' ފެކްޝަނުން ދަނީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ދެކޮޅަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން، ރިޔާސީ އިންތިހާބުގައި އެ ފެކްޝަނުން ވަނީ ޖުމްހޫރީ ޕާޓީއާ އެކު މަސައްކަތް ކުރުމަށް ނިންމާފަ އެވެ.
ކޮމެންޓް (1)
ނުވޭ