ގުރައިދޫ ބައި-އިލެކްޝަންގައި އެމްޑީޕީން ވާދަކުރެއްވި އިބްރާހީމް ޝާޒު، ކެމްޕެއިން ހަރަކާތެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ އެކު. (ފޮޓޯ/ކެމްޕޭން ޓީމް

ތާރީހީ ކާމިޔާބީއަށް ފަހު ޝާޒު: އަބަދުވެސް ދާއިރާގެ ރައްޔިތުންނާ އެކު ދެމިހުންނާނަން

އިންތިހާބުގެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި، ޝާޒު ވަނީ ގުރައިދޫގެ އެއް ފޮށި ފިޔަވައި އެހެން ހުރިހާ ފޮއްޓަކުން ވޯޓުގެ އަގުލަބިއްޔަތު ހޯއްދަވާފައި
16 އޭޕްރީލު 2023

އަބަދުވެސް ދާއިރާގެ ރައްޔިތުންނާ އެކު ދެމިހުންނަވާނެ ކަމަށް، އިއްޔެ ބޭއްވި ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން ކާމިޔާބުކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓު އިބްރާހިމް ޝާޒު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި ޝާޒު ކުރި ހޯއްދެވީ އިދިކޮޅު ޕީޕީއެމް އާއި އެމްއެންޕީގެ ކެންޑިޑޭޓުންނާ ވާދަކުރައްވައިގެންނެވެ.

ބުނީ ކީކޭ؟ - މި ކާމިޔާބީއަށް ފަހު ކެމްޕޭން ގްރޫޕަށް ދޫކޮށްލެއްވި ޝުކުރުގެ ވީޑިއޯ މެސެޖެއްގައި ޝާޒު ވަނީ ދާއިރާގެ ރައްޔިތުންނާ އެކު ދެމިހުންނަވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

"އަޅުގަނޑު ޔަގީންކޮށް އަރުވަނީ އަބަދުވެސް އަޅުގަނޑު ދެމިހުންނާނީ މުޅި ގުރައިދޫ، މާފުށީގެ ރައްޔިތުންނާ އެކުގައިކަން."

ތަފްސީލު - އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި ކާމިޔާބު ލިބުނީ ތާރީހީ ކާމިޔާބެކެވެ. ސަބަބަކީ މީގެ ކުރިން ދުވަހަކު ވެސް މަޖިލީހުގެ ކ. އަތޮޅު ތަމްސީލުކުރާ ގޮނޑިއެއް އެމްޑީޕީއަށް ލިބިފައި ނެތުމެވެ.

އެކަން ފާހަގަކުރައްވައި ޝާޒު ވަނީ އެ ކާމިޔާބީ ހޯދައިދިނުމުގައި އެހީތެރިވެދިން ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފަ އެވެ.

"ގުރައިދޫ ދާއިރާގެ ތާރީހު ބަދަލުކޮށްލި މި ބޮޑު ކާމިޔާބީ ހޯއްދަވައިދެއްވުމަށް މަސައްކަތްކޮށްދެއްވި އެންމެހާ ރައްޔިތުންނަށް އަޅުގަނޑުގެ ހިތުގެ ފުންމިނުން ޝުކުރު ދަންނަވަން،" އެ މެސެޖުގައި ޝާޒު ވިދާޅުވި އެވެ.

"ހާއްސަކޮށް އަޅުގަނޑުގެ ކެމްޕޭން ޓީމުން ކޮށްދެއްވި ބުރަ މަސައްކަތަށް ޝުކުރު ދަންނަވަން. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަޅުގަނޑަށް ދެއްވި ލަފަ އާއި ދެއްވި ހިތްވަރާއި ބެހެއްޓެވި ގާތް ކަމަށް، އެ މަނިކުފާނަށް ހާއްސަ ޝުކުރެއް ދަންނަވަން."

ގުރައިދޫ ބައި-އިލެކްޝަންގައި:

  • ދާއިރާގެ މީހުން ވޯޓުލުމަށް ޖުމްލަ ހަ ފޮށި ބެހެއްޓި 

  • އެއީ މާލޭގައި ބެހެއްޓި ފޮއްޓަކާއި ގުޅީގައި ބެހެއްޓި ފޮއްޓެއްގެ އިތުރުން، މާފުއްޓާއި ގުރައިދޫން ކުރެ ކޮންމެ ރަށެއްގައި ބެހެއްޓި ދެ ފޮށި

  • އިންތިހާބުގެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި، ޝާޒު ވަނީ ގުރައިދޫގެ އެއް ފޮށި ފިޔަވައި އެހެން ހުރިހާ ފޮއްޓަކުން ވޯޓުގެ އަގުލަބިއްޔަތު ހޯއްދަވާފައި

ގުރައިދޫ ބައި-އިލެކްޝަންގެ ވޯޓު ގުނުމުގެ ތެރެއިން. (ދައުރު ފޮޓޯ/އަބްދުﷲ އިޔާން
ގުރައިދޫ ބައި-އިލެކްޝަންގެ ވޯޓު ގުނުމުގެ ތެރެއިން. (ދައުރު ފޮޓޯ/އަބްދުﷲ އިޔާން

އިންތިހާބުގެ ވަގުތީ ނަތީޖާ

  • އިބްރާހީމް ޝާޒު (އެމްޑީޕީ) - 1،346

  • ހުސައިން ރިޒާ އާދަމް (ޕީޕީއެމް) - 1،226

  • އަލީ އަރީފް (އެމްއެންޕީ) - 122

އިލެކްޝަންސް ކޮމިޝަނުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި އިންތިހާބުގައި 3،423 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެ އެވެ. އޭގެ ތެރެއިން ވޯޓުލާފައިވަނީ 2،755 މީހުން ނުވަތަ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ %80.4 އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް