ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި މާލޭގައި ވޯޓުލީ މަރުކަޒުގެ ބޭރުގައި އިދިކޮޅު ކޯލިޝަންގެ ބައެއް އިސް ވެރިން މަޑުކޮށްލައިގެން. (ދައުރު ފޮޓޯ/އަބްދުﷲ އިޔާން

އެމްޑީޕީން ގުރައިދޫ ދާއިރާގެ ގޮނޑި ނެގީ މިލިއަނުން ފައިސާ ބަހައިގެން: އިދިކޮޅު

މިއީ މަޖިިލީހުގެ ކ. އަތޮޅުގެ ގޮނޑިއެއް އެމްޑީޕީއަށް ލިބުނު ފުރަތަމަ ފަހަރު
15 އޭޕްރީލު 2023

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން، ވެރިކަން ކުރާ މައި ޕާޓީ ކަމަށްވާ އެމްޑީޕީން ކާމިޔާބުކުރީ މިލިއަނުން ފައިސާ ބަހައި އިންތިހާބަށް ނުފޫޒު ފޯރުވައިގެން ކަމަށް، އެ ދާއިރާގެ ގޮނޑި މިހާތަނަށް ހިފަހައްޓަމުން އައި އިދިކޮޅުން މިރޭ ތުހުމަތުކޮށްފި އެވެ.

ވީ ކިހިނެއް؟ - އެމްޑީޕީ، ޕީޕީއެމް އަދި އެމްއެންޕީއިން ވާދަކުރި ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން 120 ވޯޓުގެ ތަފާތަކުން ކާމިޔާބުކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓު އިބްރާހިމް ޝާޒު އެވެ.

މިއީ އެމްޑީޕީގެ ތާރީހުގައި ވެސް ކ. އަތޮޅުގެ ގޮނޑިއެއް އެ ޕާޓީއަށް ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރެވެ.

ތަފްސީލު - އިންތިހާބުގެ ނަތީޖާއާ މެދު ނުރުހުން ފާޅުކުރައްވައި އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ކުރެއްވި ޓުވީޓެއްގައި، އެމްޑީޕީއަށް ބޮޑެތި ތުހުމަތުތަކެއް ވަނީ ކުރައްވާފަ އެވެ.

"ނަތީޖާ ނެރުނީ ނުފޫޒު ފޯރުވައި އެތައް މިލިއަނެއް ބަހައިގެން،" އޭނާ ވިދާޅުވި އެވެ.

"އެކަމަކު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީއަކަށް ރާއްޖޭގެ އެންމެންނަކަށް ނުފޫޒެއް ނުފޯރުވޭނެ. ފައިސާއަކަށް ހުރިހާ ރައްޔިތުން ނުގަނެވޭނެ."

މަޖިލީހުގެ ޖަލްސާއެއްގައި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވާހަކަދައްކަވަނީ. (ފޮޓޯ/ މަޖިލިސް)

ޝަރީފް ވިދާޅުވީ، އިދިކޮޅުގެ ކެންޑިޑޭޓް، ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުން މިނިވަންކޮށް، ޕީޕީއެމްއިން މި އަހަރުގެ ރިޔާސީ އިންތިހާބު ވެސް ކާމިޔާބުކުރާނެ ކަމަށެވެ.

އިންތިހާބުގެ ވަގުތީ ނަތީޖާ

  • އިބްރާހީމް ޝާޒު (އެމްޑީޕީ) - 1،346

  • ހުސައިން ރިޒާ އާދަމް (ޕީޕީއެމް) - 1،226

  • އަލީ އަރީފް (އެމްއެންޕީ) - 122

އިލެކްޝަންސް ކޮމިޝަނުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި އިންތިހާބުގައި 3،423 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެ އެވެ. އޭގެ ތެރެއިން ވޯޓުލާފައިވަނީ 2،755 މީހުން ނުވަތަ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ %80.4 އެވެ.

އެނގުން މުހިންމު - ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން ނިމެން ކައިރިވުމާ ހަމައަށް ވެސް ދިޔައީ އޮމާންކޮށެވެ.

ނަމަވެސް، އިލެކްޝަންސް ކޮމިޝަނުން ވޯޓުލުމުގެ ވަގުތު އިތުރުކުރަން ނިންމުމުން އިންތިހާބުގައި ވާދަކުރި ސަރުކާރާ އިދިކޮޅު ޕީޕީއެމް އާއި އެމްއެންޕީއިން ވަނީ އެ ކަމަށް ފާޑުކިޔާފަ އެވެ. ސަބަބަކީ، ވާދަކުރާ ޕާޓީތަކާ މަޝްވަރާ ނުކޮށް ވޯޓުލުމުގެ ވަގުތު އިތުރު ކުރުމުންނެވެ.

އޭގެ އިތުރުން، މާލޭގެ ވޯޓު ފޮއްޓަށް، ގަޑިޖެހުނު ފަހުން މީހަކު ވޯޓުލާން އުޅުނު ކަމަށް ބުނެ އިދިކޮޅުން ހުރަސް އެޅުމުން ވޯޓުލާ މަރުކަޒު (އިއްޒުއްދީން ސްކޫލް)އަށް އެސްއޯ ފުލުހުން ވަނުމުން އެކަމާ ދެކޮޅު ހަދައި އިދިކޮޅުން މުޒާހަރާ ކުރި އެވެ. ރޯދަ ވީއްލާ ގަޑި ކައިރިވިއިރު ވެސް އިދިކޮޅުގެ ސަޕޯޓަރުން ތިބީ ވޯޓުލާ މަރުކަޒުގެ ބޭރުގައި މުޒާހަރާ ކުރުމުގަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް