ގުރައިދޫ އިންތިހާބުގައި މާލޭގައި ވޯޓުލާ މަރުކަޒުގެ ބޭރުގައި ބައެއް ޕާޓީތަކުގެ އޮފިޝަލުން މަޑުކޮށްލައިގެން (ދައުރު ފޮޓޯ/އަބްދުﷲ އިޔާން
މޫސުން ގޯސްވުމުން، ގުރައިދޫ އިންތިހާބުގެ ވޯޓުލުން 5އަށް އިތުރުކޮށްފި
މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަނުގެ ވޯޓުލުން، ވިއްސާރަވުމުގެ ސަބަބުން އިތުރު ވަގުތު ދިނުމަށް ހަވީރު 5 ޖަހަންދެން ކުރިއަށް ގެންދަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.
ވީ ކިހިނެއް؟ - ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައިި، މާލޭ ފިޔަވައި ދާއިރާގެ ހުރިހާ ރަށެއްގައި ވެސް މިއަދު ހެނދުނު 8 ޖެހިއިރު ވޯޓުލުން ވަނީ ފަށާފަ އެވެ. މާލޭގައި ވޯޓުލުން ފެށީ 8:03ގަ އެވެ.
މާލެ އާއި ގުރައިދޫ ދާއިރާގައި ހިމެނޭ ރަށްތަކަށް ބޯކޮށް ވާރޭވެހެމުން ދާއިރު، ކުރިން ނިންމާފައި އޮތީ މިއަދު ހަވީރު 4އާ ހަމަައަށް ވޯޓުލުން ކުރިއަށް ގެންދިއުމަށެވެ.
ތަފްސީލް - އިލެކްޝަންސް ކޮމިޝަނުން ދެންމެ ކުރި ޓުވީޓެއްގައި ބުނީ، ވީހާ ވެސް ގިނަަބަޔަކަށް ވޯޓުލުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ވޯޓުލުމުގެ ވަގުތު 5އަށް އިތުރުކޮށްފައިވާ ކަމަށެވެ.
އެ ގޮތަށް ނިންމީ، އެ ކޮމިޝަނުން ބުނި ގޮތުގައި، ވޯޓު ނެގުމަށް ހަމަޖެހިފައިވާ ވަގުތުގައި މޫސުން ގޯސްވެ، ވިއްސާރަވުމުގެ ސަބަބުން ވޯޓުލާން ދިއުމަށް ދަތިވެފައިވާތީ އެވެ.
މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި، ވޯޓުނެގުމަށް ހަމަޖެހިފައިވާ ވަގުތުގައި މޫސުން ގޯސްވުމުގެ ސަބަބުން ވޯޓުލާން ދިޔުމަށް ދަތިވެފައިވާތީ، ވޯޓުލުމުގެ ވަގުތު މިއަދު 17:00އަށް އިތުރުކުރެވިފައިވާ ވާހަކަ ދަންނަވަން.
— Elections Commission (@ElectionsMv) April 15, 2023
އެނގުން މުހިންމު - މިދިޔަ ތިން ދައުރު އެ ދާއިރާގެ މެމްބަރުކަން ކުރެއްވި ޕީއެމްއަށް ނިސްބަތްވެވަޑައިގަންނަވާ އިބްރާހިމް ރިޒާ، ކެންސަރު ބައްޔަަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅު އަވަހާރަވުމާ ގުޅިގެން ގުރައިދޫ ދާއިރާގެ މަޖިލިސް ގޮނޑި ވަނީ ހުސްވެފަ އެވެ.
މިއަދު ކުރިއަށްދާ ބައި-އިލެކްޝަންގައި ވާދަކުރަނީ ތިން ޕާޓީއަކުން ތިން ކެންޑިޑޭޓުންނެވެ. އެއީ:
-
ހުސައިން ރިޒާ އާދަމް، ސީވީޑް/ކ. ގުރައިދޫ (ޕީޕީއެމް) - އޭނާ އަކީ އެ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ރިޒާގެ ކޮއްކޮ
-
އިބްރާހީމް ޝާޒު، ފައިވްރޯސް/ކ. ގުރައިދޫ (އެމްޑީޕީ)
-
އަލީ އަރީފް، ފިޔާތޮށިގެ/ކ. ގުރައިދޫ (އެމްއެންޕީ)
މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 3،423 މީހަކަށެވެ. އެއީ:
-
ގުޅި - 615 މީހުން
-
މާފުށި - 1،224 މީހުން
-
ގުރައިދޫ - 1،133 މީހުން
-
މާލެ - 451 މީހުން
އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި، މިއަދު މެންދުރު ފަހު 2އާ ހަމައަށް %52 މީހުން ވަނީ ވޯޓުލާފަ އެވެ.